އިންކަމް ޓެކްސް ނަގަން ތާއިދު. ވިޔަފާރިވެރިންނަށް ދަތިވެގެން ނުވާނެ :އެމްޕީ. ސަލީމް

D8w80d5U0AAc4PZ-700x420_c.jpg

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް

އިންކަމް ޓެކްސް ނަގަން ތާއިދު ކުރާ ކަމަށާއި އެހެންނަމަވެސް ޓެކްސްތައް ނަގަން ވާނީ ވިޔަފާރިވެރިންނަށް ދަތި ނުވާނެ ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިޔާ އަހްމަދު ސަލީމު ވިދާޅުވެއްޖެ އެވެ،

ސަލީމު މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިންކަމްޓެކްސްގެ ބިލަށް ބަހުސް ކުރައްވަމުން ވާހަކަފުޅު ދައްކަވަމުންނެވެ.

ސަލީމް ވިދާޅުވީ ވިޔަފާރިވެރިން ތިބީ ޓެކްސްތައް ދައްކަން ތައްޔާރަށް ކަމަށާ އަދި ޑިވިޑެންޑުން ޓެކްސް ދައްކަން ޖެހުނު ނަމަވެސް ޓެކްސް ދައްކާނެ ކަމަށެވެ. ނަމަވެސް އެއްވެސް ސަރުކާރަކުން ވިޔަފާރިވެރިންނަށް މާބޮޑު އެހީއެއް ނުވާކަމުގައެވެ.

ހަމައެއާއެކު މިހާރު ނެގެމުން ދާ ޓެކްސްތައްވެސް ނެގެމުން ދަނީ ރަނގަޅަށްތޯ އެބަ ބަލަން ޖެހޭ ކަމަށް ސަލީމް ވިދާޅުވި އެވެ.

“ދޮންނަ މެޝިނަކުން 20ޕަސެންޓް. އެއާކޯނަކުން 20 ޕަސެންޓް ކުޑަކުދިންގެ ނެޕީ އިން އެބަ ނަގާ 25 ޕަސެންޓް ޑިއުޓީ އެބަނަގާ. މިއިން ކޮންމެ އެއްޗަކީ ވެސް ދިރިއުޅުމުގައި އެއާއި ނުލައި ނޫޅެވޭ އެއްޗެހި. އިތުރަށް ހަމަ މިއިން ޖީއެސްޓީ ނަގާ، ޕްރޮފިޓް ޓެކްސް އެބަ ނަގާ. ދެން މިހާރު މިދަނީ އިންކަމް ޓެކްސް ނަގަން ތައްޔާރުވަމުން.” ސަލީމް ވިދާޅުވިއެވެ.

މިއަދުގެ ބަހުސްގައި ސަލީމް ވަނީ މުދަލު ޒަކާތް ނެގުން މަޖުބޫރުކޮށް ގާނޫނެއް ފާސްކުރަން އެއްވެސް ސަރުކާރަކުން މަސައްކަތް ނުކުރައްވާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

މުއްސަނދިންގެ މުދަލުގައި ނިކަމެތިންގެ ހައްގުތަކެއް އެކުލެވިގެންވާ ކަމަށާއި އެކަމަށް ވިސްނަން ޖެހޭ ކަމަށް ސަލީމް ވިދާޅުވިއެވެ.

އިންކަމްޓެކްސްގެ ބިލަށް މިއަދު މަޖިލީހުގައި ބަހުސްކުރެއްވުން ކުރަން ފަށާފައިވާ އިރު މި ބިލަށް އެމްޑީޕީގެ ގިނަ މެންބަރުންވެސް ދަނީ ބިލް ފަރުމާކުރެވިފައިވާ ގޮތާމެދު ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ.

އެގޮތުން އެންމެ ބޮޑު ކަންބޮޑުވުމަކީ އާމްދަނީ އިން ޓެކްސް ނަގަން ފަށާ ތްރެޝްހޯލްޑަކީ 40،000 ރުފިޔާ ކަމަށް ބިލުގައި ބަޔާންކޮށްފައި އޮތުމެވެ. އަދި އެއީ އެޖެންޑާ 19ގެ ވައުދާ ހިލާފު ކަމެއް ކަމަށް ވެސް ބައެއް ބޭފުޅުން ވިދާޅުވެ އެމްޑީޕީ އިން ވައުދުވީ 60،000 އިން މަތިން ލިބޭ ފަރާތްތަކުގެ އަތުން 3.5 ޕަސެންޓު ނަގާނެ ކަމަށް ވެސް ބަހުސްގެ ތެރޭގައި އެމްޑީޕީގެ މެންބަރުން ވިދާޅުވިއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top