އަންނަ ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތި ލުމަށް ފޯމު ހުށަހަޅަން ކޮންމެ ދުވަހަކު ދޭ ވަގުތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިތުރުކޮށްފިއެވެ.ދި
އިލެކްޝަންސް ކޮމިޝަނުން ކައުންސިލް އިންތިޚާބުގައި ވާދަކުރަން ފޯމު ހުށަހަޅަން ހުޅުވާލީ މިމަހުގެ 17 އިން އަންނަ މަހުގެ ފުރަތަމަ ދުވަހާ ހަމައަށެވެ. ފޯމް ހުށައަޅަން އޭރު ހުޅުވާލި އިރު، ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ފޯމް ހުށަހެޅޭނީ ހެނދުނު 8:30 އިން މެންދުރު ފަހު 3:30 އަށް ކަމަށް އީސީން ވަނީ ބުނެފައެވެ. އަދި ހުކުރު ދުވަހު ފޯމު ހުށަހެޅޭނީ މެންދުރުފަހު 3:30 އިން 5:30 އަށް ކަމަށްވެސް އީސީން ވަނީ ބުނެފައެވެ.
ނަމަވެސް ފޯމު ހުށަހަަޅުމުގެ ސުންގަޑި ހަމަވާން އެންމެ 4 ދުވަހަށް ވެފައިވަނިކޮށް، އީސީން މިއަދު ވަނީ ކޮންމެ ދުވަހަކު ވެސް ފޯމް ހުށަހަޅަންލިބޭ ގަޑި އިތުރުކޮށްފައެވެ. އެގޮތުން މިހާރު ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ހެނދުނު 8:30 އިން ހަވީރު 5:30 އަށް ފޯމު ހުށަހެޅޭނެ ކަމަށް އީސީން ހާމަކުރިއެވެ. އަދި ހުކުރު ދުވަހު ފޯމު ހުށަހެޅޭނީ މެންދުރުފަހު 3:30 އިން ރޭގަނޑު 8:00 އަށް ކަމަށްވެސް އެ ކޮމިޝަނުން ހާމަކުރިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގައި ޖުމްލަ 225 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކާއި ޑަބްލިއުޑީސީއަށް މެންބަރުން އިންތިޚާބުކުރާނެއެވެ. އިންތިޚާބުގައި ވޯޓުލުމަށް 621 ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވެއެވެ.





