23 ސްކޫލެއްގައި އޯ ލެވެލް ނިންމާ ހުރިހާ ދަރިވަރުންނަށް އޭ ލެވެލް އަށް ކިޔެވުމުގެ ފުރުސަތު ދޭން ސަރުކާރުން ނިންމަވައިފި އެވެ.
ރޭ ބޭއްވި ސީއެޗްއެސްއީގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވީ މަތީ ތަޢުލީމުގެ ފުރުސަތު ފަހިކޮށް ދިނުމަށް ކުރިމަތިވާ އެންމެ ބޮޑު މައްސަލައަކީ ސާނަވީ އިމްތިހާނު ތަކުން ގިނަ ދަރިވަރުން ފާސްނުވުމުގެ މައްސަލަ ކަމަށެވެ.
އެހެންވެ ރާއްޖޭގެ 23 ސްކޫލެއްގައި ސާނަވީ އިމްތިހާނު ނިންމާ ހުރިހާ ކުދިންނަށް ސްކޫލްގެ ޖާގަ އޮތް މިންވަރަކުން އޯ ލެވެލް އަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
”އަޅުގަނޑުމެންނަށް މިހާރު ކުރިމަތިވާ މައްސަލައަކީ ޔުނިވަރސިޓީ ތަޢުލީމަށް ވަދެވޭ ފެންވަރަށް ދެހާހެއްހާ ދަރިވަރުން އަދިވެސް ފާސް ނުކުރެވިގެން މި އުޅެނީ،“ މިނިސްޓަރު ވިދާޅުވި އެވެ.
”ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ މިކަން ބަދަލުކޮށް ފާސްވާ ނިސްބަތް މަތިކުރުން. އެހެންކަމުން އަޅުގަނޑުމެން މި އަހަރު ރާއްޖޭގެ 23 ސްކޫލަކަށް އޯ ލެވެލް ނިންމާ ހުރިހާ ދަރިވަރުންނަށްހެން އޭ ލެވެލްއަށް ވަދެވޭނެ ގޮތް ހަދައިދޭނަން“
ޝަފީއު ވިދާޅުވީ މިހާރު އޮތް ގޮތުން ދެ މާއްދާއިން ފާސްވާ ދަރިވަރުންނަށް ވެސް މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި ސްކޫލްތަކުގައި ޖާގަ އޮތް މިންވަރަކުން އެއް މާއްދާއިން ފާސްވާ ދަރިވަރުންނަށް ވެސް އެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ބައެއް ފަރާތްތަކުން މިއީ ބޭކާރު ޚަރަދެއްކަމަށް ގަބޫލުކުރި ނަމަވެސް މިއީ ގައުމީ އުފެއްދުންތެރިކަން އިތުރުކޮށް ކުދިންގެ ކިބައިގައި ހުރި ހުނަރު ކުރިއެރުވުމަށް ފުރުސަތު ދިނުން ކަމަށް ސަރުކާރުން ދެކޭ ކަމަށެވެ. އެގޮތުން އިސްލާމް މާއްދާއިން އެކަނި ފާސްވާ ކުއްޖާއަކީ އިތުރު ތަމްރީނާއެކު މުސްތަގުބަލުގައި މޮޅު އިސްލާމް ޓީޗަރަކަށް ވެދާނެކަމަށް ވިދާޅުވެ ވަޒީރު މިސާލު ދެއްކެވި އެވެ.