އެކި ބޭނުންތަކަށް ރަށުން ބޭރުގައި ދިރިއުޅޭ ށ. ފޭދޫ ރަށްވެހިންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް އެރަށު ކައުންސިލުން ފަށައިފިއެވެ.
ފޭދޫ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ރަށުން ބޭރުގައި ދިރިއުޅޭ މީހުންގެ ދަފްތަރެއް އެކުލަވާލުމުގެ މައިގަނޑު ބޭނުމަކީ ރަށުގެ ރަށްވެހިން ދިރިއުޅޭ ތަންތަނާއި، އެ ފަރާތްތަކުގެ ތަފާސްހިސާބު ދެނެގަތުން ކަމަށެވެ. މިގޮތުން ރަށުން ބޭރުގައި ދިރިއުޅޭ ފަރާތެއްކަމާއި، ދިރިއުޅެމުންދާ މުއްދަތު ކައުންސިލުން ކަނޑައަޅާނީ އެ އިދާރާއަށް ހުށަހަޅާ ރަސްމީ ލިޔެކިޔުންތަކަށް ބެލުމަށް ފަހުގައި ކަމަށް ބުންޏެވެ.
ރަށުން ބޭރުގައި ދިރިއުޅޭކަން ސާބިތުކޮށްދިނުމަށް ހުށަހެޅިދާނެ ލިޔެކިޔުންތަކުގެ ތެރޭގައި، ވަޒީފާދޭ ފަރާތަކުން ޕެންޝަން ސްކީމަށް ދޫކޮށްފައިވާ ލިޔުން ހުށަހަޅަން ޖެހެ އެވެ. އެ ލިޔުމުގައި، ވަޒީފާ އަދާކުރަން ފެށި ތާރީހާއި ލިޔުން ދޫކުރި ފަރާތުގެ ނަމާއި ސޮޔާއި ސިއްކަ ޖަހާފައި އޮންނަން ޖެހެ އެވެ.
އިއުލާނުގައި ބުނީ ރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނު ތަސްދީގުކުރުމުގެ ކުރިން ވަޒީފާ އަދާކޮށްފައިވާ ފަރާތެއް ނަމަ، ވަޒީފާދޭ އަމިއްލަ ފަރާތަކުން ދޫކޮށްފައިވާ ވަޒީފާގެ ރަސްމީ ލިޔުން ނުވަތަ ސަރުކާރުގެ އިދާރާތަކުން ދޫކޮށްފައިވާ، ވަޒީފާ އަދާކުރި ކަމުގެ ލިޔުން ހުށަހެޅިދާނެ ކަމަށެވެ.
ހުށަހަޅަންޖެހޭ އިތުރު ލިޔުންތަކުގެ ތެރޭގައި ހިމެނެނީ ދިރިއުޅޭ ރަށުގެ ތައުލީމީ މަރުކަޒަކުން ތައުލީމު ހާސިލުކޮށްފައިވާކަން އެނގޭނެ ލިޔުމާއި ދައުލަތުގެ އިދާރާއަކުން އެ އިދާރާއިން ރަސްމީކޮށް ބަލަހައްޓާ ލިޔެކިޔުންތަކުގެ މައުލޫމާތުން، އެ ރަށެއްގައި ދިރިއުޅެފައިވާ މުއްދަތު ސާބިތުވާކަމުގެ ލިޔުމެވެ.
ފޭދޫ ކައުންސިލުން ބުނީ މިހާރު ދިރިއުޅެމުންދާ ރަށުގައި އުޅޭކަން ސާބިތުކޮށްދިނުމުގެ ގޮތުން ޕަބްލިކް ނޯޓަރީއެއްގެ ކުރިމަތީގައި ހުވައެއްކޮށް، އެމީހަކު އެ ރަށެއްގައި ދިރިއުޅެފައިވާ ގޭގެ ވެރިފަރާތުން ދީފައިވާ ނޮޓޮރައިޒްކޮށް ހުށަހަޅާ އެފިޑެވިޓެއް ހުށަހަޅަން ޖެހޭ ކަމަށެވެ.
އެ އިއުލާނާ އެކު އެ ލިޔުމުގެ ނަމޫނާއެއް ވެސް ހިމަނާފައިވެ އެެވެ.
މި ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން ކައުންސިލުން ދީފައިވާ ލިންކް މެދުވެރިކޮށް މަޢުލޫމާތު ފުރިހަމަކުރުމަށް ކައުންސިލުން ވަނީ އެދިފައެވެ.
ފޭދޫ ކައުންސިލުން ބުނީ، މި މަސައްކަތަކީ ރަށުގެ ތަރައްޤީގެ ޕްލޭންތަކާއި ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ.
މިފަދަ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް އެ ރަށު ކައުންސިލުން ފެށީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރާ ބިން ނުވަތަ ފުލެޓަށް ކުރިމަތިލުމަށް ޓަކައި އެ ފަރާތަކީ މާލޭގައި، ދިރިއުޅޭ ފަރާތެއްކަން، އަންގައިދޭ ލިޔުން ހޯދުމަށް އެކި، ފަރާތްތަކުން ކައުންސިލްތަކަށް ހުށަހަޅަމުން ގެންދާ ކަމަށް ކައުންސިލްތަކުން ބުނަމުން އަންނަނިކޮށެވެ.
ނަމަވެސް ކައުންސިލެއްގައި، ބަލަހައްޓާ ރަސްމީ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އެ ފަރާތުން މާލޭގައި، ދިރިއުޅުނު މުއްދަތު ސާބިތުކޮށް ނުދެވޭނަމަ ކައުންސިލަކުން އެ ފަދަ ލިޔުމެއް އެއްވެސް ފަރާތަކަށް ދޫނުކުރުމަށް، ކައުންސިލްތަކުގެ ބެލެނިވެރި ފަރާތްކަމަށްވާ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ވަނީ އެދިފައެވެ.





