ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ މުސާރަ ބެންކު އެކައުންޓަށް ޖަމާކުރަން ލާޒިމް ކޮށްފިއެވެ.
ހޯމް މިނިސްޓްރީން މިއަދު ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވައިދަށް ގެނައި އިސްލާހުގައި ބުނެފައިވަނީ، ބިދޭސީންނަށް ވަޒީފާގެ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ މުސާރަ ޖަމާކުރަންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ރަޖިސްޓްރީ ކޮށްފައިވާ ނުވަތަ އެ އޮތޯރިޓީން ހުއްދަ ދީފައިވާ ބޭންކެއްގައި އެ މުވައްޒަފެއްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށް ކަމަށެވެ. މިއީ އެ ގަވާއިދުގެ 58 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކޮށްގެން ގެނެސްފައިވާ ބަދަލެކެވެ.
މި ގަވައިދަށް އަމަލުކުރަން ފަށާނީ، މިއަދުން ފެށިގެން 30 ދުވަހުގެ ފަހުންނެވެ.
މީގެކުރިން ވެސް، ބިދޭސީންގެ މުސާރަ އެކައުންޓަށް ޖަމާކުރަން އިސްލާހު ހުށަހެޅިއެވެ. އެ ކަން ނުކޮށްފިނަމަ، ވަޒީފާދޭ ފަރާތް 10،000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ވެސް ކުރިއެވެ.
އެ ޖޫރިމަނާ ކުރަން ފެށީ، ވަޒީފާއާ ބެހޭ ގާނޫނަށް 2016 ވަނަ އަހަރު ގެނައި އިސްލާހުގެ ދަށުން ކަމަށްވާއިރު، ޑިސެމްބަރު 28، 2017ގައި އެ ޖޫރިމަނާ ކުރުން ފަސްކުރިއެވެ.
އަލުން، ބިދޭސީންގެ މުސާރަ ބެންކު އެކައުންޓުތަކަށް ޖަމާކުރަން ފަށާފައި މި ވަނީ، ގިނަ އަދަދެއްގެ ބިދޭސީން ގަވައިދަށް ފައްތާފައިވާކަން ސަރުކާރުން ހާމަކޮށްފައި ވަނިކޮށެވެ.
އެގޮތުން، މިދިޔަ މެއި މަހުގެ ނުވަ ވަނަ ދުވަހު ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ، އެ ދުވަހާ ހަމައަށް 98 ޕަސެންޓު ބިދޭސީންގެ މައުލޫމާތު އެއްކުރެވިއްޖެ ކަމަށެވެ.




