ގައުމީ ދަތުރުފަތުރުގެ ނިޒާމްގައި ހިމެނޭ “އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” މަޝްރޫޢުގެ (އާރުޓީއެލް) މެދުވެރިކޮށް މިދިޔަ އަހަރުގެ ތެރޭގައި އެންމެ ގިނަ ފަސިންޖަރުން ދަތުރުކޮށްފައިވަނީ ޒޯން އެކެއްގައި ހިމެނޭ ހއ. އަތޮޅާއި، ހދ. އަތޮޅުގެ އިތުރުން ށ. އަތޮޅު ހިމެނޭ ސަރަހައްދުން ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ އަހަރީ ހިސާބުތަކުން ދައްކައިފިއެވެ.
އެގޮތުން އެ ސަރަހައްދުން 245,274 ފަސިންޖަރުން ވަނީ ފެރީގެ ޚިދުމަތް ހޯދާފައެވެ. ބޮޑުތިލަދުންމައްޗަކީ އެންމެ ފުރަތަމަ މި ޚިދުމަތް ފެށި ސަރަހައްދު ވެސް މެއެވެ.
އާރުޓީއެލް މެދުވެރިކޮށް މިދިޔަ އަހަރުގެ ތެރޭގައި ޖުމްލަ 16.25 މިލިއަން ފަހަރު މީހުން ޚިދުމަތް ހޯދާފައިވާ ކަމަށް ވެސް ހިސާބުތަކުން ދައްކައެވެ.
އެ ކުންފުނިން އާންމުކޮށްފައިވާ އަހަރީ ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރު އާރުޓީއެލް ފެރީގެ ނިޒާމުން އެކަނިވެސް ޖުމްލަ 477,215 ފަސިންޖަރުން ވަނީ ދަތުރުކޮށްފައެވެ.
ދެން އެންމެ ގިނައިން ފަސިންޖަރުން ދަތުރުކޮށްފައިވަނީ ޒޯން ފަހެއްގައި ހިމެނޭ ގއ. އަތޮޅާއި ގދ. އަތޮޅުގެ ސަރަހައްދުންނެވެ. އެއީ 110,130 ފަސިންޖަރުންނެވެ. މީގެ އިތުރުން، ޒޯން ދެއަކުން 81,161 ފަސިންޖަރުން ޚިދުމަތް ހޯދިއިރު، ޒޯން ހަޔަކުން 34,877 ފަސިންޖަރުން ވަނީ އާރުޓީއެލް ފެރީގައި ދަތުރުކޮށްފައެވެ.
މާލެ ސަރަހައްދުގެ އާރުޓީއެލް ބަހުގެ ޚިދުމަތަށް ބަލާއިރު، އަހަރުގެ ތެރޭގައި 8.27 މިލިއަން ފަހަރު މީހުން ވަނީ ބަހުގެ ޚިދުމަތް ހޯދާފައެވެ. 2022 ވަނަ އަހަރު މުޅި ނިޒާމުން 12.13 މިލިއަން ފަހަރު ޚިދުމަތް ހޯދާފައިވާއިރު، ފާއިތުވި ތިން އަހަރުގެ ތެރޭގައި ޚިދުމަތް ހޯދި މިންވަރު ވަނީ 34 އިންސައްތަ އިތުރުވެފައެވެ. މީގެ އިތުރުން، ޚިދުމަތް ހޯދި ފަތުރުވެރިންގެ އަދަދު އިތުރުވުމާއެކު، ޖުމްލަ އާމްދަނީ ވަނީ 150 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
އާރުޓީއެލް ފެރީގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން، ކުރިއަށް އޮތް ޖޫން މަހުގެ ނިޔަލަށް އާރުޓީއެލްގެ ޚިދުމަތުން މުޅި ރާއްޖެ ގުޅާލުމުގެ މަސައްކަތް ވުޒާރާއިން އަންނަނީ ކުރަމުންނެވެ.




