ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މެންބަރުންގެ އަދަދު 70،000 އަށް އަރައިފި އެވެ.
ކޮންގްރެސް ޕާޓީގެ ނާއިބު ރައީސް މުހައްމަދު ހުސައިން ޝަރީފް އެމްއެމްޓީވީގެ “ބޮޑު ޚަބަރު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހަރުދަނާ ސިޔާސަތުގެ ސަބަބުން ދިވެހި ރައްޔިތުންގެ ކޮންގްރެސް ޕާޓީއަށް ކުރާ އިތުބާރު ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން މިދިޔަ އާދިއްތަ ދުވަހާ ހަމައަށް ޕާޓީގައި ތިބި މެމްބަރުންގެ އަދަދު 70،000 ފަހަނައަޅައި ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕީއެންސީން ބުނީ މެންބަރުންގެ އަދަދު މި ދުވަސްވަރު ވަރަށް ބޮޑަށް އިތުރުވެފައިވަނީ އަންނަ މަހު ބާއްވާ ޕާޓީގެ ކޮންގްރެސްއަށް އަށް ތައްޔާރުވުމުގެ ގޮތުން ގޮފިތަކުން މެންބަރުން އިތުރު ކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގާތީ ކަމަށެވެ.
ޕީއެންސީގެ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 15 އިން 18 އަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރަސްމީ ދަފްތަރުގައިވާ ގޮތުން މިހާރު އެންމެ މެންބަރުން ގިނަ ޕާޓީއަކީ 67،579 މެންބަރުންނާއެކު ކޮންގްރެސް ޕާޓީއެވެ. ދެވަނައިގައި އޮތް އެމްޑީޕީގައި 55،399 މެމްބަރުން ތިބިއިރު، ޖުމްހޫރީ ޕާޓީގައި ތިބީ 10،401 މެމްބަރުންނެވެ. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި މިވަގުތު 7 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކޮށްފައިވެއެވެ.
ސިޔާސީ ޕާޓީތަކަށް ވަންނަން މިހާރު ފޯމު ހުށަހަޅަން ޖެހެނީ އެ ކޮމިޝަންގެ “މައި-ޕޯޓަލް” މެދުވެރިކޮށެވެ. އީ-ފާސް މެދުވެރިކޮށް ހުށަހަޅާ އެ ފޯމު ސީދާ ދާނީ އެ ކޮމިޝަނަށެވެ. ޕީއެންސީން ކުރަންޖެހޭ ކަމަކީ މެންބަރެއްކަން އެޕްރޫވް ކުރުމެވެ.






