ކުދިން ނަމާދަށް އަހުލުވެރި ކުރެވޭނީ މައިންބަައިން ނަމޫނާ ދައްކައިގެން: ހުކުރު ޚުތުބާ

DSCN2888.jpg

އޭދަފުށީ މަސްޖިދު މުއީނުއްދީން ---އީވީ ފޮޓޯ

ކުޑަކުދިން ނަމާދަށް އަހުލުވެރި ކުރެވޭނީ އެންމެ ތުއްތު އިރުއްސުރެ މައިންބަފައިން އެ ނަމޫނާ ދައްކައިގެން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

”ދަރިން ނަމާދަށް އަހުލުވެރިކުރުވުން“މި މައުޟޫއަށް ތައްޔާރުކޮށްފައިވާ މިއަދުގެ ހުކުރު ޚުތުބާގައި ބުނީ، ތުއްތު އިރުން ފެށިގެން ކުދިން ނަމާދަށް އަހުލުވެރި ކުރުވުމަކީ މައިންބަފައިންގެ ބޮލުގައި އެޅިފައިވާ މަސްއޫލިއްޔަތެއް ކަމަށާއި އެންމެ ތުއްތުއިރުން ފެށިގެން ގޭތެރެއިން ނަމާދު ކުރާ މަންޒަރު ކުދިންނަށް ފެންނަ ނަމަ، ނަމާދު ކުރުމަށް އާދަވާނެ ކަމަށެވެ.

ޚުތުބާގައި ބުނީ، ބަންގި ގޮވާ އަޑު އިވުމުން “ދަރިފުޅާ، ނަމާދަށް ދާށޭ” ބުނުމުގެ ބަދަލުގައި ދަރިފުޅާއެކު ނަމާދު ކުރާ ބައެއް ކަމުގައި ބެލެނިވެރިން ވާންޖެހޭ ކަމަށެވެ. އަދި ނަމާދު ވަގުތު ޖެހުމުން އެންމެ އިސްކަން ދޭން ޖެހޭނީ ނަމާދަށް ކަމަށާއި ދަރިންގެ ހިތުގައި މިސްކިތަށް ލޯބި ޖެއްސުމާއި ނަމާދަށް ޝައުގުވެރި ކުރުވުމަކީ އެންމެންގެ ޒިންމާއެއް ކަމަށްވެސް ބުނެފައިވެ އެވެ. އަދި ނަމާދަކީ ތިމާ ކުރަން ޖެހޭ އެހެން ހުރިހާ ކަމެއް ނިމުމުން، ކުރަންޖެހޭ ކަމެއް ކަމުގައި އިހުސާސް ކުރެވޭ ގޮތަށް ދަރިންނަށް މަގު ދައްކައިގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން މިސްކިތުގެ އަދަބުތައް އެކުދިންނަށް ދަސްކޮށް ދިނުމާއި، ސަފުގައި ހުއްޓި ހުންނަންވާ ގޮތް ކުދިންނަށް ކިޔައިދިނުމަކީ، މިސްކިތުގެ ޖަމާއަތަށް ހާޒިރުވާ ބޮޑެތި މީހުންގެ ފަރާތުން ލިބިދޭންޖެހޭ އިރުޝާދެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފައިވެ އެވެ.

ޚުތުބާގައި ފާހަގަކޮށްފައިވާ ގޮތުގައި، އެންމެ ތުއްތު އިރުންފެށިގެން ދަރިން ނަމާދަށް އަހުލުވެރިކުރުވުމަކީ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެކެވެ. އެކަން ބަޔާން ކުރައްވައި ރަސޫލާ ހަދީސްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. ” ތިޔަބައިމީޙުންގެ ދަރިން އުމުރުން ހަތް އަހަރުވުމުން ނަމާދު ކުރަން އެކުދިންނަށް އަމުރު ކުރާށެވެ. އަދި ދިހަ އަހަރުވުމުން ނަމާދު އަޅައިފިނަމަ އެކަމަށް އަހުލުވެރި ކުރުވުމަށްޓަކައި ކުރާ އެންމެ ފަހު ކަމަކަށް އަނިޔާ ނުވާނޭ ގޮތަށް ގައިގައި ޖަހައިގެން ނަމަވެސް އަދަބުވެރި ކުރުވާށެވެ! އަދި އެކުދިން ނިދާ ތަންމަތި ތައް ވަކިކުރާށެވެ”.

ޚުތުބާގައި ބުނީ މި ހަދީސުން ލިބޭ އިރުޝާދަށް ބަލާއިރު، އެންމެ ތުއްތު އިރުން ފެށިގެން ގޭތެރޭގައި ނަމާދުކުރާ މަންޒަރު ކުއްޖާއަށް ފެނުމަކީ ނަމާދުކުރުމަށް އާދަވާނޭ ކަމެކެވެ. އެންމެ ފުރަތަމަ ނަމާދުގެ ހަރަކާތްތައް ކުއްޖާ ދަސްކުރާނެއެވެ. އޭގެ ފަހުން ބަސްމޮށުންތެރިކަން އައުމުން ނަމާދުގައި ކިޔާ ދުއާތައް ކިޔަން މަސައްކަތް ކުރާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top