ބިދޭސީންގެ މައްސަލަ ހައްލުކޮށްދިނުމަށް އެދި މަޖިލީހަށް ޕެޓިޝަނެއް

DSCN8030.jpg

2000މީހުންގެ ސޮޔާއެކު ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށައަޅައިފިއެވެ. މިއީ، 19ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ފުރަތަމަ ޕެޓިޝަނެވެ.

އެހެންނަމަވެސް މި ޕެޓިޝަން މަޖިލީހަށް ހުށައަޅާފައިވަނީ އޭގައި ހުންނަން ޖެހޭ ބައެއް ޝަރުތު ފުރިހަމަ ނުކޮށް ކަމަށް ވާތީ އެކަންކަން ފުރިހަމަ ކުރުމަށްފަހު އަލުން ފޮނުވަން ޕެޓިޝަން ކޮމިޓީން ވަނީ ހުށަހެޅި ފަރާތަށް އަންގައިފަ އެވެ.

އިއްޔެ ހުށައެޅި މިޕެޓިޝަންގައި އެދިފައިވަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ގައުމީ ސަލާމަތަށް ނުރައްކަލަކަށް ވެފައިވާ މައްސަލައެއް ކަމަށާއި އެ މައްސަލަ ހައްލުކޮށް ދިވެހިންނަށް ވަޒީފާގެ ބާޒާރުގައި ފުރުސަތުތައް އިތުރުކޮށް ދިނުމަށެވެ. މިކަމަށް ވުޒާރާއެއް އުފައްދަން ވެސް ޕެޓިޝަންގައި އެދިފައިވެ އެވެ.

ޕެޓިޝަން ކޮމިޓީގެ މުގައްރިރު، އަދި ރައްޔިތުންގެ މަޖިލިހުގެ މުލަކު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ނަސީރު “މިހާރު” އަށް މިއަދު ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކޮށް ދިނުމަށް އެދި މަޖިލިހަށް ޕެޓިޝަން ފޮނުވީ ބައެއް ކަންކަން ފުރިހަމަ ނުކޮށްކަމަށްވާތީ ޕެޓިޝަނެއްގައި ހުންނަން ޖެހޭ ޝަރުތު ފުރިހަމަކޮށް ހުށަހަޅަން ސިޓީއަކުން އަންގާފައިވާނެ ކަމަށެވެ. އޭގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

މަޖިލީހުގެ ގަވާއިދުގައި ޕެޓިޝަން ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕެޓިޝަންގައި ހިމެނޭ ކަންކަން ބަލައި ދިރާސާ ކުރުމާއި ކަމާ ގުޅޭ ގޮތުން ބަޔާންތަކާއި ހެކިތައް ހޯދުމާއި ޕެޓިޝަންގައި ބުނާ ކަންކަން އިސްލާހު ކުރުމަށް ކުރެވިދާނެ ކަންކަން ބަޔާން ކުރުމާއި ޕެޓިޝަންގައިވާ ކަންކަން މުސްތަގުބަލުގައި ވިޔަ ނުދިނުމަށް އެޅިދާނެ ފިޔަވަޅުތައް ކޮމިޓީ އަށް ފާހަގަކުރެވިދާނެ ކަމަށް ބުނެފައިވެ އެވެ.

އެމްޑީޕީގެ މެމްބަރުން މުޅިން ތިއްބަވާ ކޮމިޓީގެ ނައިބު މުގައްރިރު އަދި ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްމުޣްނީ ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ސީރިއަސް މައްސަލައެއް ކަން ކޮމިޓީގައި ތިއްބެވި ހުރިހާ މެމްބަރުން ވެސް ގަބޫލު ކުރައްވާ ކަމަށާ އެ މައްސަލަ ނުބަލައި ދޫކޮށްލުމުގެ ވިސްނުމެއް މެމްބަރުންގެ ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

“ޕެޓިޝަންގައި ހުރި ކަންކަމުގައި ކުރިއަށް ދާން މެމްބަރުން ޝައުގުވެރިކަން ހުރީ. އެކަމަކު، ޕެޓިޝަން ހުށަހެޅުމުގައި ޝަރުތުތަކެއް ހުންނާތީ އަނގަ ބަހުންނާއި ލިޔުމުން އަންގާފައި ވަނީ ޕެޓިޝަން ފުރިހަމަ ކުރަން. އެއީ އެކަމަކު، އެ މައްސަލަ ނުބަލާ ދޫކޮށްލީކީ ނޫން،” މުޣްނީ ވިދާޅުވި އެވެ.

ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންގެ އަދަދު ދޮޅު ލައްކަ އަށް ވުރެ ގިނަ ކަމަށް ލަފާ ކުރެވެ އެވެ. އަދި އޭގެތެރެއިން ބޮޑު ބައެއް އެއީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top