މައްސަލަޖެހުނު ބަހިއްޔާ ޕްރީސްކޫލް ހިންގުމަށް މިއާންޒް އިންޓަނޭޝަނަލް ކޮލެޖް (މައި ކޮލެޖް) އާ ހަވާލުކުރުމަށް އޭދަފުށީ ކައުންސިލުން ނިންމައިފިއެވެ.
މައިކޮލެޖާ ބަހިއްޔާ ހަވާލުކުރުމަށް ކައުންސިލުން ނިންމީ އެސްކޫލް އިންޓަނޭޝަނަލް ކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލި ބީލަން މައިކޮލެޖުން ކާމިޔާބު ކުރުމާ ގުޅިގެންނެވެ. އޭދަފުށީ ކައުންސިލުން ބުނީ މައިކޮލެޖާ ބަހިއްޔާ ހަވާލުކުރަން ނިންމީ ބީލަމުގައި އެއްވެސް މައްސަލައެއް އޮތްތޯ އެންޓިކޮރަޕްޝަނަށް ލިޔެ އެކޮމިޝަނުން އާނބަސް ބުނުމުންކަމަށެވެ. އަދި ބިޑްތައް މިނިވަން ބިޑްކޮމެޓީއަކުން އިވެލުއޭޓް ކުރުމަށްފަހު މައިކޮލެޖާ ބަހިއްޔާ ހަވާލުކުރަން ކައުންސިލުން ނިންމީ މިއަދު އޮތް އާންމު ބައްދަލުވުމެއްގައެވެ.
އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާން އީވީއަށް ވިދާޅުވީ މައިކޮލެޖާއެކު އޭދަފުށީ ކައުންސިލުން ވެވޭ އެއްބަސްވުމުގެ ދަށުން ބަހިއްޔާގެ ފީއަށް ފުރަތަމަ އަހަރު މަހަކު 4 ހާސް ރުފިޔާ ލިބެމުންދާނޭކަމަށެވެ. އަދި ކޮންމެ އަހަރަކު ފީ އަށް 500ރ ބޮޑުވަމުންދާނޭ ކަމަށްވެސް ތޮލާލް ވިދާޅުވިއެވެ. ތޮލާލް ވިދާޅުވީ މިއެއްބަސްވުމުގެ ސަބަބުން ބަހިއްޔާ ހިންގައިގެން ކައުންސިލަށް ކޮންމެ އަހަރަކު ވަމުން އައި ބޮޑުގެއްލުމުން ސަލާމަތްވެވި ފައިދާވާން ފަށާނެކަމަށެވެ.
“މިހާރު މިދަނީ އަހަރަކު ލައްކައިން ގެއްލުންވަމުން. އެހެންނަމަވެސް މައިކޮލެޖާއެކު ވެވޭ އެއްބަސްވުމާ ގުޅިގެން ބަހިއްޔާއަށް އަހަރަކު ބައިލައްކައެއްހާ ރުފިޔާ ފައިދާވާނެ. އަދި އަހަރުން ލިބޭކުލި ބޮޑުވަމުންދިޔައީމާ، ފައިދާ ބޮޑުވަމުންދާނީ. މިއީ ވަރަށްބޮޑު ކުރިއެރުމެއް” ތޮލާލް ވިދާޅުވިއެވެ.
ދެބުރި އިމާރާތެއްގެ ގޮތުގައި ހަދާފައިވާ ބަހިއްޔާ ސްކޫލްގެ މަތީބުރީގައި މިދިޔަ އަހަރުން ފެށިގެން މައިކޮލެޖުން އަންނަނީ ޑިގްރީ ކޯސްތައް ހިންގުމަށް ބޭނުންކުރަމުންނެވެ. އެއީ މަހަކު 5 ހާސް ރުފިޔާގެ ކުއްޔަކަށެވެ. ޕްރީ ސްކޫލް އެއްބަސްވުމާއެކު، މުޅި ބަހިއްޔާއިން ކައުންސިލަށް މަހަކު 9000ރގެ ކުއްޔެއް ލިބޭނެއެވެ.
މައިކޮލެޖްގެ އޭދަފުށީ ގޮފިން ބުނީ ބަހިއްޔާ ޕްރީ ސްކޫލް ހިންގުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާކަމަށާ، އެކަމާބެހޭ މަޝްވަރާތައް ކައުންސިލާ، މައިކޮލެޖާދެމެދު ކުރިޔަށް ދާކަމަށެވެ. އެކޮލެޖްގެ އިސްއޮފިޝަލް ވިދާޅުވީ އެއްބަސްވުމުގައިވާގޮތުން ބަހިއްޔާ ޕްރީ ސްކޫލް 2018ވަނަ އަހަރު ހިންގާނީ އިންޓަނޭޝަނަލް ކޮށްގެން ނޫންކަމަށާ، އެހެންނަމަވެސް އަންނަ އަހަރުންފެށިގެން އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލުކުރެވޭނެކަމަށެވެ.
“މިއޮތް ކުޑަދުވަސް ކޮޅުތެރޭގައި ދިރާސީ އާއަހަރުގެ ކިޔެވުން ފެށުމަށް މިލިބެނީ ވަރަށް ކުޑަ ވަގުތުކޮޅެއް. ފުރަތަމަ އަހަރު އިންޓަނޭޝަނަލް ކޮށްގެން ނުހިންގާނެ. އަންނަ އަހަރުން ފެށިގެން އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލުކުރަން އެއްބަސްވުމުގައި އޮންނާނީ” އޮފިޝަލް ވިދާޅުވިއެވެ.
ކައުންސިލުން ބުނީ ބަހިއްޔާ މައިކޮލެޖާ ހަވާލުކޮށްގެން ހިންގަން ފެށޭއިރު، ކުދިންގެއަތުން ނަގާނީ 500ރގެ ފީއެއްކަމަށެވެ
ބަހިއްޔާ ޕްރީ ސްކޫލް މައިކޮލެޖާ ހަވާލުކުރަން މިނިންމީ އެސްކޫލް އިންޓަނޭޝަނަލް ކޮށް ހިންގުމަށް އައިލެެންޑާސް މޯލްޑިވްސްއާއެކު ކައުންސިލްގެ މިދިޔަ ދައުުރުގައި ވީ އެއްބަސްވުން މިދިޔަ ނޮވެމްބަރުމަހު އުވާލުމަށްފަހުގައެވެ. އެއެއްބަސްވުން އުވާލީ އެއީ ގާނޫނާ ހިލާފަށް ވެފައިވާ އެއްބަސްވުމެއްކަމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން އެންގުމާ ގުޅިގެންނެވެ.
1940ގެ އަހަރުތަކުގެ ތެރޭގައި އޭދަފުށީ ޔޫސުފް ކަލޭފާނުގެ މޭސްތިރިކަމުގައި އުފެދުނު އޭރުގެ މަދްރަސަތުލްބަހިއްޔާ ، ޕްރީ ސްކޫލަކަށް ބަދަލުވީ ދެހާހުގެ އަހަރުތަކުގެ ކުރީކޮޅުގައެވެ. ނަމަވެސް ޕްރީ ސްކޫލް ތައުލީމް އޭގެކުރިންވެސް އެމަދުރަސާއިން ދެމުން އައެވެ.