ރާއްޖެ ޓީވީގެ ނޫސްވެރިޔާ ތުޅާދޫ ފަޒީން، ބްރޯޑްކޮމްއަށް އައްޔަން ކުރަން ރުހުން ދީފި

large_161466835133AbuT.jpg

ރާއްޖެ ޓީވީގެ ނޫސްވެރިޔާ ބ.ތުޅާދޫ މުހައްމަދު ފަޒީން، ބްރޯޑްކާސްޓިން ކޮމިޝަން(ބްރޯޑްކޮމް)ގެ ހުސްވެފައިވާ މެންބަރުކަމަށްް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

ކޮމިޓީގެ ނިންމުމާ އެއްގޮތަށް މިއަދުގެ މަޖިލިސް ޖަލްސާގައި ފުރަތަމަ ވޯޓަށް އެހީ ފަޒީންގެ ނަމަށެވެ. ފަޒީންއަށް ރުހުންދޭން ފެންނަ ކަމަށް 55 މެމްބަރުން ވޯޓު ދެއްވި އެވެ.

ފަޒީންއަށް ރުހުން ލިބުމުން ޝިފްޒާގެ ނަމަށް ވޯޓަށް ނާހައެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ކުރިން ކޮމިޝަންގެ މެމްބަރުކަން ކުރެއްވި ޒީނާ ޒާހިރު ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ކުރަމުން ދަނިކޮށް، މިދިޔަ އޮކްޓޯބަރު މަހު އޭނާ މަގާމުން އިސްތިއުފާ ދެއްވުމުންނެވެެ.

ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރަކު އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި 11 ބޭފުޅުންގެ ނަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވަނީ، ފަޒީންގެ އިތުރުން ކުރީން ވީޓީވީގައި އުޅުނު ޝިފްޒާ މުސްތަފާ އެވެ. އެއީ ރައީސް ފޮނުއްވި ލިސްޓުގެ އެންމެ ކުރީގައި ހިމެނިވަޑައިގަންނަވާ ދެ ބޭފުޅުންނެވެ.

މަޖިލީހުން ފަޒީން ބްރޯޑްކޮމްއަށް އައްޔަން ކުރުމަށް ރުހުން ދީފައިވާއިރު ނޫސްވެރިކަމުގެ ދާއިރާއިން އޭނާއަށް ލިބިފައިވަނީ 8 އަހަރުގެ ތަޖުރިބާ އެވެ. ޝިފްޒާ ވަނީ 14 އަހަރުގެ ތަޖުރިބާއާއެކު ނޫސްވެރިކަމުގެ އެވޯޑާއި ރެހެންދި އެވޯޑު ވެސް ހާސިލްކޮށްފައެވެ.

ކުރީ ސަރުކާރުގައި ސިޔާސީ ފަރާތްތައް ނުވަތަ ސަރުކާރުގެ އެކްޓިވިސްޓުން ބްރޯޑްކޮމްއަށް އައްޔަންކޮށްފައިވާ ކަމަށް އަޑު އުފުލި އެމްޑީޕީން މިހާރު ބްރޯޑްކޮމްއަށް އައްޔަންކުރާ ގިނަ މެމްބަރުންނަކީ އެމްޑީޕީއާއި ސިޔާސީ ގޮތުން ފިކުރު ދިމާވާ ނުވަތަ އެކްޓިވިސްޓް ލެވެލްގެ މީހުންނެވެ. އެގޮތުން އެކޮމިޝަންގެ ރައީސާ މަރިޔަމް ވަހީދާއަކީ ރައީސް ނަޝީދުގެ ގާތް، އެމްޑީޕީގެ ބިލެތްދޫ ދާއިރާއިގެ މެމްބަރު އަހުމަދު ހަލީމްގެ ކޮއްކޮ އެވެ. އަދި ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ އަލީ ޔޫސުފްއާއި އެމްޑީޕީގެ އެކްޓިވިސްޓް އަޙްމަދު ގައިސްއަކީ ވެސް މިހާރު އެކޮމިޝަންގެ މެމްބަރުންނެވެ. ގައިސްއަކީ އެ ކޮމިޝަންގެ ނައިބު ރައީސް އެވެ.

ފަޒީން ވަނީ މީގެ ކުރިންވެސް އެ މަގާމަށް ކުރިމަތިލާފައެވެ. އެހެން ނަމަވެސް އެފަހަރު މަޖިލީހުން ރުހުން ދިނީ ވީޓީވީގެ ކުރީގެ ނޫސްވެރިޔާ އާމިނަތު އަމީނާއަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top