އޭދަފުށީގައި މާމަކާފަ ދުވަސް ކުލަގަދަކޮށް ފާހަގަކުރަނީ

img_md_202009080740151599576015.5351.jpg

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިސްނަގައިގެން ބ.އޭދަފުށީގައި މިއަހަރުގެ ޤައުމީ މާމަކާފަ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމައިފިއެވެ.

މި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، އަންނަ ސެޕްޓެންބަރު މަހުގެ 1 އިން 2 އަށެވެ.

މިކަމާގުޅިގެން އެ އިދާރާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުން މި ހަރަކާތްތައް ފެށުމުގެ ގޮތުން، 1 ސެޕްޓެންބަރު ވާ އަންގާރަ ދުވަހު މާމައިންނާއި ކާފައިންނަށް ޚާއްޞަކޮށްގެން ހަވީރުގެ ސައެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މިއީ މާމަކާފައިން އެކަކު އަނެކަކާ ބައްދަލުވެ، ގުޅުން ބަދަހިކޮށް، އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން އިންތިޒާމުކުރާ ހަރަކާތެކެވެ. މީގެއިތުރުން، ޕެންޝަން އޮފީހާއި، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ގުޅިގެން މާމަކާފައިންނާއި ޢާއިލާތަކަށް މުހިންމު މަޢުލޫމާތުތައް ހިމެނޭ ޚާއްޞަ މަޢުލޫމާތު ސެޝަނެއްވެސް މި ހަވީރު ސައިގެ ތެރެއިން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން 2 ސެޕްޓެންބަރު ވާ ބުދަ ދުވަހު، ޕެންޝަން އޮފީހާއި، އޭދަފުށީގެ އެހެނިހެން މުއައްސަސާތަކާއި ގުޅިގެން ބާއްވާ ޚާއްޞަ ޢާއިލީ ހަވީރެއް އޮންނާނެއެވެ. މި ޢާއިލީ ހަވީރުގައި ތަފާތު އުމުރުފުރާތަކަށް ޚާއްޞަ ކުޅިވަރުތަކާއި މަޖާ ހަރަކާތްތައް ހިމެނޭނެއެވެ. މިއީ މާމަ ކާފައިންނާއި، ކުޑަކުދިން އަދި މުޅި ޢާއިލާ އެކުގައި އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށް ގެންދާ ހަރަކާތެކެވެ.

މި ހަރަކާތްތައް ބޭއްވުމުގެ މައިގަނޑު މަޤުޞަދަކީ ޢާއިލާތަކާއި، މުޖުތަމަޢު އަދި ޤައުމު ބިނާކޮށް ވަރުގަދަ ކުރުމުގައި މާމައިންނާއި ކާފައިން އަދާކޮށްފައިވާ މުހިންމު ދައުރުގެ އަގުވަޒަންކޮށް، އެކަން ފާހަގަކުރުމެވެ. ހަމައެއާއެކު، ޢާއިލާތައް އެއްތަނަކަށް އެއްވެ، އެކުގައި އުފާވެރި ވަގުތުތަކެއް ހޭދަކޮށް، ޖީލުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމެވެ.

ޤައުމީ މާމަކާފަ ދުވަހުގެ މި ހަރަކާތްތައް ކުރިއަށް ގެންދަނީ، ޕެންޝަން އޮފީހުގެ އިތުރުން ބ. އޭދަފުށީ ކައުންސިލާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަދި މިނިސްޓްރީ އޮފް ހެލްތު ފެމިލީ އެންޑް ވެލްފެއާ ގުޅިގެންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top