ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް. އޭދަފުއްޓަށް ބޮޑު ދުވަހެއް!

186535832_2566992530091678_7022363911330314474_n.jpg
  • މިއީ އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިސްނެގުމެއް.
  • އިވެންޓުތަކުގެ ތެރޭގައި: އަންހެނުންނަށް ހާއްސަ މަސްރޭހެއް
  • އަންހެނުންގެ މެދުގައި ވާދެމުމުގެ މުބާރާތެއް
  • ކެއްކުމުގެ މުބާރާތެއް
  • ހާއްސަ ހަފްލާ (ވުމަން އޮފް ދަ އިޔަރ އަށް ދޭ ގުރަހަ އެވޯޑު)
  • އިވެންޓުތައް ހަތް ދުވަހަށް ދެމިގެން ދޭ

މި ހުރިހާ އިވެންޓް ތަކަކާއެކު މިއަހަރުގެ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ، 8 މާޗް އަކީ އޭދަފުއްޓަށް ބޮޑު ދުވަހެކެވެ. އޭދަފުއްޓަށް އަންނަ ކުޅިވަރުގެ އީދެކެވެ.

ދުވަހުގެ މުނާސަބަތުގައި އޮންނަ ކުޅިވަރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މާޗް މަހުގެ 3 ވަނަ ދުވަހެވެ. އެހެންވެ މިހާރުން ފެށިގެން ވޯމްއަޕްކުރަން ފަށަންވީ އެވެ. ކުޅި ބެލުމަށާއި ކުޅިވަރުތަކުގައި ބައިވެރި ވުމަށެވެ.

އޭދަފުށީގައި މީގެ ކުރިން މިހާ ކުލަގަދަކޮށް އަންހެނުންގެ ދުވަސް ފާހަގަ ކޮށްފައިނުވާ އިރު މިދިޔަ އަހަރު އަލަށް އިންތިހާބު ކުރި އޭދަފުށީގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން މިދުވަސް ”ފެންވަރުގައި“ ފާހަގަ ކުރަން ނިންމީ ކީއްވެގެން ހެއްޔެވެ. ޖަވާބު ލިބުން ބޭނުންވާނެ ސުވާލެކެވެ. ޖަވާބުދެއްވީ އަންހެނުންގެ ކޮމިޓީގެ ރައީސާ ޒީމާ އިބްރާޙިމެވެ.

”ކޮމެޓީއަށް އަޅުގަނޑުމެން ރައްޔިތުން އިންތިހާބުކުރީ ކަންތައްތަކެއް ކުރަން. ހަމައެކަނި ނަމެއްގައި ތިބެ ދައުރު ފުރިހަމަ ކޮށްފައި ދާކަށް ނޫން. އެކަން ބަދަލު ކުރަން އަޅުގަނޑުމެން ބޭނުންވަނީ. އެކަންތައްތަކުގެ ފެށުން މިފެންނަނީ.” ރައީސާ ޒީމާގެ ޖަވާބަކީ މިއެވެ.

އެކަން ޒީމާ ދަނީ ދައްކަމުންނެވެ. ޅަފަތުގައި އޮތް މި ކޮމެޓީން މިހާރުވެސް ރައްޔިތުން ހޭލައްވާލައިފިއެވެ. 45 ބައިވެރިންނާއެކު ‘ޖުވޭސް ކުކަރީ ކޯސް”ގެ ނަމުގައި ކޯހެއް ހިނގަމުން އެބަދެއެވެ. މިދިޔަ އަހަރު ނިންމާލީ އޭދަފުށީ އަންހެނުންނަށް ޚާއްސަކޮށްގެން ކޭކު އަޅަން ދަސްކޮށްދޭ ކޯހަކާ އެކުގައެވެ. ޒިމާ ވިދާޅުވި ގޮތުގައި އޭނާގެ މިއަހަރުގެ އަމާޒަކީ ކޮންމެ މަހަކުވެސް އަންހެނުންގެ ތަރައްގީއަށް މިފަދަ ބޭނުންތެރި ޕްރޮގްރާމް ތަކެއް ހިންގުމެވެ.

އަންހެނުންގެ ކޮމިޓީތައް ކޮންމެ ރަށެއްގައިވެސް ރައީސް މައުމޫނުގެ ދައުރުން ފެށިގެން އޮވެއެވެ. ނުމިޔެ ނުދިރި އޮތް މިކޮމިޓީ ތަކުގެ ހަރަކާތްތައް މުޅިންހެން ހުއްޓިފައި އޮތީ އެކޮމިޓީތައް ހިންގައި ރެގިއުލޭޓް ކުރަން އޮތް ދައުލަތުގެ މުވައްސަސާ ތަކުގެ އަޅާލުން ކުޑަވުމުން ކަމަށް އޭނާ ވިދާޅުވިއެވެ އޭރާއި މިހާރުގެ ތަފާތަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތައް ހިންގުމަށް ބޮޑު ބަޖެޓެއް ކަނޑައަޅައި ރަށު ކައުންސިލުގެ ބައެއްގެ ގޮތުގައި ހަމަޖެހިފައިވުމެވެ. ދެއްކޭނެ އިތުރު ބަހަނާއެއް ނެތްވަރަސް ސަރުކާރުންވަނީ ކަންތައްތައް ފަހި ކޮށްދީފަ އެވެ. ދެން އޮންނާނީ ކޮމިޓީގެ ހިތްވަރެކެވެ. ޒީމާވެސް ފާހަގަކުރެއްވި އެކަންތަކެވެ.

”އަޅުގަނޑުމެންގެ ހިތްވަރެއް ދެން އޮތީ. ރަށު ކައުންސިލް އޮތީ އަޅުގަނޑުމެންނާއެކު. އެހެންވީމާ އަންހެނުންގެ ތަރައްގީއަށް ކަންތައްތަކެއް ކުރަން އުޅޭ ބަޔަކަށް މިއީ ރަނގަޅު ފުރުސަތެއް ކަމަށް ގަބޫލުކުރަނީ.“

ޒީމާ ވިދާޅުވީ ކޮންމެ ދުވަހަކީވެސް އަންހެނުންގެ ދުވަސް ކަމަށެވެ. އެކަނބަލުންގެ އަދަދު ނުކުރެވޭނެ މަސައްކަތްތަކާއި ގައުމު ބިނާ ކުރުމާއި ރަނގަޅު ޖީލެއް އުފެއްދުމުގެ އެންމެ ބުރަމައްސައްކަތް ކުރާ ބަޔަކީވެސް އެއީ ކަމުގައެވެ.

”އެހެންވެގެން އަޅުގަނޑުމެން އަންހެނުންގެ ދުވަސް އަޅުގަނޑުމެން މި ފާހަގަކުރަނީ އަދި އެންމެ ހިދުމަތްތެރި އަންހެނަކަށް އެވޯޑެއް ދިނުމުގެ ބޭނުމަކީވެސް އެކަމުގެ އަގު ވަޒަންކޮށް އެހެން ކަނަބަލުންނަށްވެސް ހިތްވަރު ދިނުމުގެ ގޮތުން.“

ހަމަ އެހެންމެ މި ހުރިހާ ކަމެއް އިންތިޒާމު ކުރީވެސް އަންހެނުންނަށް ސްޓްރެސް ފްރީ މާހައުލެއްގައި ހީނ ސަމާސާކޮށް މަޖާކޮށްލާނެ ވަގުތު ކޮޅެއްވެސް ހޯދައިދިނުމުގެ ގޮތުން ކަމަށް ވިދާޅުވިއެވެ.

އޭދަފުށީ އަންހެނުންގެ ކޮމިޓީން ފާހަގަ ކުރާ މި އީދު އީދެއްގެ ގޮތުގައި ފެނިގެން ދާނީ އަންހެނުންގެ ފަރާތުން އެއްބާރު ލުމާއި އެހީތެރިކަން ލިބިގެން ކަމުގައި ފާހަގަ ކުރައްވައި، އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އޭދަފުށީގައި ބާއްވާ އިވެންޓްތަކަށް އޭދަފުށީ ކަނބަލުންގެ ބައިވެރިވުން ބޭނުންވާ ކަމަށް ކޮމެޓީން ގޮވާލެއްވިއެވެ. އެގޮތުން ދުވަހަށް ހާއްސަކޮށްފައިވާ މުބާރާތްތަކުގައި ބައިވެރި ވުމާއި ގުރަހަ އެވޯޑަށް އެކަށީގެންވާ ކިތަންމެ ކަނބަލެއް އޭދަފުށީގައި އެބަތިއްބެވި އިރު އެފަދަ ފަރާތްތަކުން އެވޯޑަށް ހުށަހެޅުއްވުމަށް އިލްތިމާސް ކުރެއްވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top