ބ.ހިތާދުއަށް އުފަން ދީނީ އިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް ޙުސައިން (އަޒީބެ) އަށް ސްޓްރޯކެއް ޖެހި، ފަރުވާދޭން ފަށައިފިއެވެ.
އަޒީބެގެ ދަރިކަލުން އަޙްމަދު ކުމައިލް ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައިވަނީ، ބައްޕައަށް ސްޓްރޯކެއް ޖެހި، އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށެވެ.
އެއާއެކު، އެންމެ ބޭފުޅުންގެ ހެޔޮ އިޚްލާޞްތެރި ދުޢާގައި ބައްޕަ ޝާމިލްކޮށް ދެއްވުން އެދިފައިވެއެވެ.
އަޒީބެެއަކީ ދީނީ އެކިއެކި ދަރުސްތަކާއި ނަސޭހަތް ދިނުމުގައި ވަރަށް އަވަދިނެތި އުޅުއްވާ ބޭފުޅެކެވެ. އެކި މިސްކިތްތަކުގައި ވެސް އަޒީބެ ދަރުސް ދެއްވާއިރު، އޭނާގެ ދަރުސްތަކަކީ އާންމުންގެ މަގުބޫލުކަން ލިބިފައިވާ ދަރުސްތަކެކެވެ.
ޢަބްދުލްޢަޒީޒް ވަނީ ޢަރަބިއްޔާ ސްކޫލުގައި ޚިދުމަތްކުރެއްވުމުގެ އިތުރުން، ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައެވެ.






