އަޖައިބަކީ މިމަންޒަރު އޭދަފުށީކައުންސިލަށް ނުފެންނާތީއެވެ. ކުންޏަކީ އޭގެ ޒާތުގައިވެސް އިތުރަށް ކުނިވެގެން އާއްމު ބަލިމަޑުކަމަކަށް ރައްޔިތުން ހުށަހެޅިދާނެ ނުރައްކާތެރިކަމެއްކަން ރަށް ހިންގަން ރައްޔިތުންގެ ފައިސާއިން މުސާރަދީފައި ތިބި ކައުންސިލަށް މިއީ ބޮޑުކަމަކަށް ނުވާތީއެވެ. މިކަން ހައްލު ކުރުމަށް މަސައްކަތްކުރާތަން ރައްޔިތުންނަށް ނުފެންނާތީއެވެ.
ރާއްޖޭގެ މަދުރަށެއް ފިޔަވައި ހުރިހާ ރަށެއްގައިވެސް ކުނި ނައްތާލެވޭނެ ރަނގަޅުނިޒާމެއް މިހާރުވަނީ ގާއިމް ކުރެވިފައެވެ. މިއީ ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތެއްދޭ ކަމަކަށް ވާތީ ސަރުކާރުން އޭދަފުއްޓަށް ވަނީ މި ނިޒާމް ހިންގުމަށް ބޭނުންވާ ގިނަ ކަންތައްތަކެއް ކޮށްދީފައެވެ. ކުނިކޮށި އަޅައިދީ،ކުނި ކަލެކްޓްކުރާނޭ ޑަސްބިން ތަކާ ދަޅުފިއްތާ މެޝިނާ ޕްލާސްޓިކް ޝްރެޑަރ (ޕްލާސްޓިކް ކުދިކުދި ކުރާ މެޝިން )އަކާ އަދިވެސް މި ނިޒާމަށް ބޭނުންވާނެ ހުރިހާ ކަމެއްހެން ފުރިހަމަ ކޮށްދީފައެވެ. އުކާލާ ކުނީގެ ތެރެއިން ފަނާކުރަނިވި ކުނީގެ ބާވަތްތަކުން ކާދު ހަދަން ދަސްކޮށްދިނުމުގެ ކޯހެއްގައި ކައުންސިލްގެ މެންބަރުންނަށް ވަނީ ރާއްޖެއިން ބޭރުން ތަމްރީނު ހޯދާދީފައެވެ. އެކަމަކު ތަމްރީނު ހޯދައިގެން އައި ކައުންސިލަރުން އޭގެ ބޭނުން ހިފައިގެން ކުނި މެނޭޖްކުރުމަށް ކޮށްދެވުނު ކަމަކީ ކޮބާހެއްޔެވެ. މިތަމްރީނުތަކުގައި ބައިވެރިވވި އެހެން ރަށްރަށުގެ މީހުން މިހާރު އެރަށްރަށުގައި ކުނީގެ މައްސަލަ ހައްލުކޮށްދީފައިވާ އިރު އަޅުގަނޑުމެންގެ ހަތް ކައުންސިލަރުންނަށް ރައްޔިތުންނަށް ކޮށްދެވުނު ކަމަކީ ކޮބައިބާއެވެ؟
އޭދަފުށީގައި ކުނި މެނޭޖްނުކުރެވިގެން މި އުޅެނީ ކީއްވެގެންތޯ އަހާލާއިރަށް ރަށުކައުންސިލުން ނިކަން ރީތިކޮށް އެމީހުންގެ ގައިން އެކަން ނައްޓާާލާފައި ކޮންމެވެސް އެހެން ބައެއްގެ ބޮލުގައި އަޅުވައެވެ. އެކަމަކު ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ތިންހާހަށްވުރެ ގިނަ އާބާދީއެއް އޮތް އޭދަފުށީގައި ކުނި މެނޭޖް ކުރެވޭނެ ގޮތެއްނެތި މި ކައުންސިލްގެ އުމުރުން ވީދުވަހެއް ވެގެންދާއިރު ރަށަށް ކަމެއްކޮށްދިނުމުގެ ނިޔަތް އޮތްނަމަ މިހާ ގިނަ ދުވަސްވެގެން ނުދާނެކަމެވެ. ރަށުގެ ތިން ދިމާލުގައި ކުނީގެ ބިޔަ ފަރުބަދަތައް ހެދިގެން ނުދާނެއެވެ. މިކަން ބޮޑުކަމަކަށްވެގެން ރަށުގެ އެތައް ބަޔަކު އެތައް ފަހަރަކު ކައުންސިލު އިދާރާއަށް ގޮސް އާދޭސް ކުރާއިރު އަދިވެސް މިކަން ހައްލުކުރަން އުޅޭކަމުގެ އެއްވެސް ނިޝާނެއްނުފެނެއެވެ.
އެންމެ ފަހުން މިކަމާބެހޭ ގޮތުން އިއްޔެ ކައުންސިލުން ބުނެފައިވަނީ ކުނި މެނޭޖްކުރުމަށް ތައްޔާރުވުމުގެ ގޮތުން ޕިކަޕެއް ހޯދުމަަށް ދެފަހަރަކު އިއުލާނު ކުރުމުންވެސް އެކަމަށް އިޖާބަ ދީފައިނުވުމުން އަނެއްކާވެސް މިއަދު އިއުލާނުކުރަނީ ޔޯލައެވެ.
ދެފަހަރު ތިންފަހަރު އިއުލާނުކޮށްގެން އޭދަފުށީ ކައުންސިލަށް ޕިކަޕެއް ވިއްކާނެ ފަރާތެއް ނުވިކަމީ ދުނިޔޭގެ އަށްވަނަ އަޖައިބެވެ.
އެކަމަކު ޕިކަޕެއް ލިބެންދެންވެސް ރަށުގައި އުފެދޭ ކުނި ނައްތާލެވެންޖެހޭނެއެވެ. ޕިކަޕް ނެތްވާހަކައާއި މިކަން ނުކުރެވިގެން އުޅޭ ސަބަބެއްކަމަށްދައްކާ ހުރިހާ ވާހަކައަކީވެސް އެކަން ނުކުރަންވެގެން ކައުންސިލުން ދައްކާ ބަހަނާއެވެ. އެކަން މާރީއަޗަށްވެސް އޮތީ ފެންނާށެވެ.
ކައުންސިލްގެ މެންބަރުން އިޚްލާސްތެރިކަމެއް ހުރިނަމަ މިހާރު މިރަށުގައި ކުނި ނައްތާލެވޭނެ ނިޒާމު ހުންނާނީ ގާއިމްކުރެވިފައެވެ. އެކަމަކު މިކަން ކުރަން ކައުންސިލުން ބޭނުންނުވާތީވެ ދިގުލައިގެން ދަނީއެވެ. ޒިންމާއެއް އޮތްކަން ދަންނަ ކައުންސިލަރަކު ނެތީމާ ވާގޮތެވެ. ބޮލުގައިވެސް ކަމެއްނެތީތޯއްޗެވެ. ކައުންސިލަރުންގެ ވާޖިބަކީ ހަމައެކަނި އޮފީހަށްގޮސްލާފައި އެތަނުގައި އިރުކޮޅަކު މަޑުކޮށްލުމަށްފަހު އުޅޭނެތަނަކު އުޅެފައި މަސްދުވަސްހަމަވުމުން މުސާރަ ނެގުންކަމަށްވާނަމަ ދެން ދައްކާނެ އިތުރުވާހަކައެއް އެބައޮތް ހެއްޔެވެ؟
އެކަމަކު ރައްޔިތުންގެ ކެތްތެރިކަންވެސް ކޮޅުންލައިގެން ހިގައިދާނެއެވެ. . އެކަން ފަހަނަޅައިގެން ގޮސް ރައްޔިތުން ނުކުމެ ކުނިކޮށީގެ މައްސަލަހައްލުކުރަން ކައުންސިލަށް މަޖްބޫރު ކޮށްފިނަމަ އެއީ ހަމަގައިމުވެސް މާރީތި މަންޒަރަކަށް ނުވާނެއެވެ.