އެންމެ ފޮޓޯއެއް. އެތައްހާސް ވާހަކަ

WhatsApp-Image-2023-08-22-at-01.51.18.jpg

އެޑިޓް ކޮށްފައި އޮތް ފޮޓޯއެއް ނޫނެވެ. ނަނާހުވަފެނެއްވެސް ނޫނެވެ. އެންމެ ފޮޓޯއަކުން އެތައް ހާސް ވާހަކަ އެވެ. ފޮޓޯގައި އެތިއްބެވީ ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ )އެވެ. ގަބޫލު ނުކުރެވިދާނެ އެވެ. އެކަމަކު މިއީ ހަގީގަތެވެ. މިދުނިޔޭގައި ކަންތައް ހިނގަމުން އަންނަ ގޮތެވެ. އިއްޔެއާއި މިއަދުގެ ތަފާތެވެ. ބައެއް ކަންކަން ހީނުކުރާ ކަހަލަ ގޮތަކަށް ހަމަ ކުއްލި އަކަށް ބަދަލުވެގެން ދެއެވެ. ހަތުރުން މިތުރުން ނަށެވެ. މިތުރުން ހަތުރުންނަށެވެ. މިއީވެސް އެކަހަލަ ކަމެކެވެ.

މަސްރަހު ބަދަލުވެއްޖެ އެވެ. ސިޔާސީ މިދެ ހަތުރުން މިތުރުންނަށް ބަދަލުވެއްޖެ އެވެ. މި ގަރުނުގައިވެސް އިވޭނެ ގަބޫލުކުރަން ދަތި ވާހަކައަކާއި އެކުގައެވެ. ފޮޓޯއިން އެފެންނަ ފަދައިން ސަލީމާއި އާއްްޓޭ އެތިއްބެވީ އެއްމޭޒުގައި ކޮފީއެއްގައެވެ. ފޮޓޯއިން ބުނެދެނީ ކޮން ވާހަކައެއް ހެއްޔެވެ. ކަމަކަށް އިރާދަކުރައްވައިފިނަމަ ވާށޭ ވަހީ ކުރެއްވުމުން އެކަމަކަށް ލަހެއް ފަހެއް ނެތްކަމުގެ އިލާހީ ބަސްފުޅުގެ ތެދުކަމާއި ފުރިހަމަ ކަމެވެ.

ސަލީމާއި އާއްޓޭ އަކީ އަމިއްލަ ދިރިއުޅުމުގައި ގާތް ދެ އެކުވެރިންނެވެ. ސަރުކާރުގައި ދެބޭފުޅުން އެއް އޮފީހެއްގައި މަސައްކަތް ކުރެއްވި އެވެ. ރާއްޖޭގެ ނިސްބަތުން ވަރުގަދަ ދެ ވިޔަފާރިވެރިންނެވެ. އެހެންނަމަވެސް ސިޔާސީ ދެ ހަތުރުންނެވެ. ސަލީމަކީ ޕީޕީއެމް/ޕީއެންސީ ނަގަހައްޓާ އެއް ތަނބެވެ. ރައްޔިތުންގެ މަޖިލީގުހެ މައިނޯރިޓީ ލީޑަރެވެ. އާއްޓޭ އަކީ އެމްޑީޕީގެ އަޑުކިޔާ ބޮޑު ނަމެކެވެ. އެމްޑީޕީގެ ޓިކެޓްގައި އޭދަފުށީ ދާއިރާއަށް ވާދަކުރައްވަން ނުކުންނެވީ އޭގެ މިސާލެކެވެ. އޭދަފުށީ ދާއިރާގެ ގޮނޑިއަކީ އެމްޕީ ސަލީމް ބޭނުންފުޅު ވާހައި ދުވަހެއް ވަންދެން ނުވަތަ ސަލީމް ނޫނެކޭ ވިދާޅުވަންދެން ގޮޑީގައި ތައްގަނޑު ޖައްސަވައިގެން އިންނެވި ދާއިރާގެ ބޭފުޅެކެވެ. އެގޮޑިއަށް އެމްޑީޕީން އާއްޓޭ ނެރުއްވީ އެކަން އެނގިތިބެ އެވެ. އެގޮނޑިން އުފުރައިލެވޭނެ ހަމައެކަނި މީހަކީ އާއްޓޭކަން ގަބޫލު ކުރެވޭތީއެވެ. އިލްމީ ގާބިލްކަމާއި ފައިސާގެ ތަނަވަސްކަމާއެކު އާއްޓޭ އެގޮނޑި ނަގާނެ ކަމުގެ ޔަގީންކަމާއެކުއެވެ. އެކަމަކު ދާއިރާއަށް ބީރައްޓެއްސެއްގެ މިނިންމުން ދާއިރާގެ ރައްޔިތުން ގަބޫލުކުރީ އާއްޓޭ އަކީ ކާމިޔާބު ވިޔަފާރިއެއްކަމަށްވިޔަސް ސިޔާސީ ގޮތުން އެޅުއްވި ޅައެއްޗެއްގެ ގޮތުގައެވެ. އެހެންނަމަވެސް ހަނދާން ނައްތާލައިގެން ނުވާނެ ކަމަކީ އާއްޓޭގެ ވާދަވެރިޔާ، ސަލީމް އޭދަފުށީ ދާއިރާ ކާމިޔާބު ކުރެއްވީ ތާރީޚުގައިވެސް އެ ދާއިރާއަށް އެންމެ ވާންކުރި ފަހަރުގެ ގެ ގޮތުގައެވެ. އާއްޓޭ އާމެދު ސަލީމް ، ދެވަނަ ވިސްނުމަކަށް ދާން މަޖްބޫރު ކުރުވާފައެވެ.

ކޮންމެއަކަސް ސިޔާސީ މައިދާނުގައި ނަގާކިޔާ ދެ ޕާޓީގެ ދެ ބާރު އައިސް އެކުވީއެވެ. ރީނދުލާއި ފިޔާތޮށިކުލަ އެއްވުމަކީ ސިޔާސީ މައިދާނުގައި ހުދުކާޅެއް ފެނުން ކަހަލަ ކަމެކެވެ. ޕީޕީއެމް/ޕީއެންސީ މެންބަރުންނަށާއި ސަޕޯޓަރުންނަށް އުފާވެރި ޚަބަރެކެވެ. އާއްޓޭ، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒުއާއި ބައިއަތު ހިފީއެވެ. ރާއްޖޭގެ އެންމެ ބޮޑު އަދި ވެރިކަންކުރާ ޕާޓީގެ މެންބަރުކަން ދޫކުރައްވައި އާއްޓޭ ޕީޕީއެމް އާއި ގުޅުމަކީ އާދައިގެ ކަމެއް ނޫނެވެ. އެއީ އެމްޑީޕީއަށް ލިބުނު ހިތާމައެކެވެ. ދެރައެކެވެ. ސިޔާސީ ގޮތުން ވެއްޓުމެކެވެ. އެކަމަކު ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ކުރިމަތި ނުލެއްވުނު ކަމުގެ ހިތާމައިގާ ކަރުނަ އަޅައަޅާއޮތް ޕީޕީއެމް/ ޕީއެންސީ އަށް ލިބުނު ވަރަށްބޮޑު އުފަލަކާއި ކާމިޔާބެކެވެ.

އެކަމަކު އެމްޑީޕީގެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވުމަށްފަހު ޕާޓީ ދޫކޮށްލައްވައި ޕޯޕީއެމްއާއި ގުޅުނީ ކީއްވެގެންތޯ އަހަން ރައްޔިތުން ބޭނުންވާނެ އެވެ.

އާއްޓޭ ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި އިންސާފެއް ނެތް ކިތަންމެ ކަމެއް ހިނގަމުންދާތަން ރައްޔިތުންނަށް ފެންނަމުންދާތީ ކަމަށެވެ.

”އަޅުގަނޑުވެސް އަޅުގަނޑުވެސް ބޭނުންވޭ މިހާރު މިއޮތް ބޭއިންސާފު ސަރުކާރު ނިމުމަކަށް ގެންނަން.“ސަރީހަ އިބާރާތުން އާއްޓޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕީޕީއެމް އާއި ގުޅިވަޑައިގެންނެވި އެންމެ ބޮޑު އެއް ސަބަބަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތް އިންސާފުވެރިކޮށް ނުދިއުން ކަމަށެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ރައީސް ޔާމީން ޖަލަށްލާފައި ވަނީ ދޮގު ތުހުމަތެއްގެ މައްޗަށް ކުރި ހުކުމަކުންނެވެ.

“އެ މަނިކުފާނު މި ރޭހަށް ނިކުމެއްޖެނަމަ އަޅުގަނޑުމެންނަށް ވަރަށް ފަސޭހައިން މި އިންތިޚާބު ކާމިޔާބު ވާނެކަން އެނގޭތީ އެއްގޮތަކަށް ވެސް އެމަނިކުފާނު މިރޭހަށް ނިކުތުމަށް މަގު ނުދެއްކީ،” އާއްޓޭ ވިދާޅުވިއެވެ.

ދެންއޮތީ މިލިޔަން ޑޮލަރުގެ ބޮޑު ސުވާލެވެ. އަންނަ ދައުރުގައި އޭދަފުށީ ދާއިރާއަށް ދެ ގޮނޑި ހަމަޖެހިފައިވާއިރު ވިސްނުން ހުރީ ކިހިނެއްތޯއެވެ.

”އަދި މިއުޅެނީ ޑރ. މުއިއްޒު ހޮވޭތޯ. ހުރިހާ ވިސްނުމެއް މިވަގުތު ހުރީ އެކަމަށް. މަޖިލީހުގެ ގޮނޑިއާމެދު ވިސްނާނީ އޭގެ ފަހުން. އާއްޓޭ ވިދާޅުވި އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top