ތުޅާދޫގެ ފެނާއި، ނަރުދަމާގެ މަޝްރޫއު ކުރިޔަށްދާ ސްޕީޑާމެދު ހިތްހަމަޖެހޭ – ކައުންސިލް

thulhaadhoo.jpg

ތުޅާދޫ މަގެއްގައި ފެންހޮޅި ވަޅުލުމަށް މަގު ކޮނުމުގެ މަސައްކަތް ކުރަނީ. މިމަސައްކަތް ކުރިޔަށްދާ ގޮތާމެދު ހިތްހަމަޖެހޭކަމަށް އެރަށު ކައުްނސިލުން ބުނޭ / ފޮޓޯ: އޭދަފުށި ވޮއިސް

ބ. ތުޅާދޫގައި ފެނާއި، ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ސްޕީޑާމެދު ހިތްހަމަޖެހޭކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ދައުލަތުގެ ބަޖެޓާއި، އިންޓަނޭޝަނަލް ފަންޑިން އެޖަންސީއެއް ކަމަށްވާ އޯޕެކް ފަނޑު ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ ލޯން އެހީގައި ތުޅާދޫގައި ކުރިޔަށް ގެންދާ މިދެ މަޝްރޫއުގެ މަސައްކަތް ކުރަމުންދަނީ އެމްޑަބްލިއުއެސްސީ އިންނެވެ.

ތުޅާދޫ ކައުންސިލްގެ ރައީސް އަހްމަދު ރަޝީދު އީވީއަށް ވިދާޅުވީ މިދިޔަ އޭޕްރީލްމަހު އަމަލީ މަސައްކަތް ފެށުނު މިމަސައްކަތުގެ ތެރެއިން މިވަގުތު ކުރިޔަށްދަނީ މަގުތަކުގައި ވަޅުލާ، ފެންހޮޅިތައް ވަޅުލުމުގެ މަސައްކަތް ކަމަށާ، އެމަސައްކަތުގެ ތިރީސް ޕަސެންޓް ނިމިފައިވާކަމަށެވެ. އޭނާ ވިދާޅުވީ މަގުތައް ހެދިފައިވާ ގޮތުން މަސައްކަތް ކުރިޔަށްގެންދިއުމުގައި ބޮޑެތި ގޮންޖެހުންތައް ދިމާވަމުންދާކަމަށެވެ.

“30 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާކަމަށް ކޮންޓްރެކްޓަރ މިއަދު ބުނި. މަސައްކަތް ބާރަށް ކުރިޔަށްދޭ. ދިމާވާ ހަމައެކަނި މައްސަލައަކީ މަގުތަކާ ގޯޅިތައް ހަނިވުމުގެ ސަބަބުން ހައިމާކް ބޭނުންކޮށްގެން ނުކޮނެވޭ ކަހަލަ ސަރަހައްދުތައް ކޮންނުން. އެހެން މައްސަލައެއް ނެތް. މަސައްކަތުގެ ސްޕީޑާމެދު ހިތްހަމަޖެހޭ” ރަޝީދު ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ ފެނާއި، ނަރުދަމާގެ ނިޒާމުގެ މަޝްރޫއަކީ ތުޅާދުއަށް ވަރަށް މުހިއްމު މަޝްރޫއެއްކަމަށާ، މިމަޝްރޫއު ނިމުމުން ތުޅާދޫ ރައްޔިތުންނަށް ބަޔާންކުރަން ނޭނގޭހާ ބޮޑު ލުއި ފަސޭހަކަމެއް ލިބިގެން ދާނެކަމަށެވެ.

“ފެން ތަޢައްޔަރުވެފައި އޮންނަތާ ކިތަންމެ ޒަމާނެއް. ރައްޔިތުން ފެންވަރާ، ކެއްކުމަށް މިބޭނުންކުރަނީ މިފެން. މިހާރުވެސް ފެންވަރަށް އާންމުން ބޭނުންކުރާނީ ކުރީގެ ކުޑަރަށުގެ (ހިއްކުމުގެ ކުރިން ތުޅާދޫއޮތް ސަރަހައްދު) ތެރޭގައި ފެންވަޅެއްހަދައި، އެއިން ފެންހޮޅި އަޅައިގެން. އެހެންވީމާ، މިއީ ވަރަށް މުހިއްމު މަޝްރޫއެއް. ރައްޔިތުން ވަރަށް ބޭނުންވެފައި ތިބި މަޝްރޫއެއް”

ފެނާއި ނަރުދަމާގެ ނިޒާމް ތުޅާދޫގައި ގާއިމް ކުރުމުގެ އެއްބަސްވުމުގައި އެންވާރަމަންޓް މިނިސްޓްރީއާ، އެމްޑަބްލިއުއެސްސީ ސޮއިކުރީ މިދިޔަ އަހަރުގެ މޭ 11 ވަނަދުވަހުއެވެ. އަދި މިމަސައްކަތް އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން 540 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top