މިނިވަން ޗެންޕިއަންޝިޕްގައި އޭދަފުށީ ފުޓްބޯޅަ ޓީމަށް މިއަހަރު ނާކާމިޔާބުވުމުގެ މައިގަނޑު މައްސަލައަކީ މެނޭޖްމަންޓް ދޯދިޔާވުމާއި، ޓީމް ކުރިޔާލައި ތައްޔާރުނުވެވުންކަމަށް އޭދަފުށީގެ ފުޓްބޯޅަ ލެޖެންޑް މުހައްމަދު ޖަމީލް (ޖަމްބޭ) ބުނެފިއެވެ.
ޖަމްބޭ މިހެން ބުނީ އޭދަފުށީ ފުޓްބޯޅަ ޓީމް މިއަހަރުގެ މިނިވަން ޗެންޕިއަންޝިޕް މުބާރާތުގެ ސެމީއަށް ނުގޮސް ކެޓުމާ ގުޅިގެން އީވީން ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.
ގައުމީ ޓީމަށް ދިހައަހަރަށް ވުރެ ގިނަދުވަހު ކުޅެ، ރާއްޖެއަށް ފުރަތަމަ ރަންމެޑަލް ހޯދާދިން ޓީމުގައިވެސް ހިމެނޭ ޖަމްބޭ ބުނީ އޭދަފުށީ ފުޓްބޯޅަ ޓީމްގެ ފެންވަރު އޮންނަންޖެހޭނީ މިހިސާބުގައި ނޫންކަމަށާ، މިކަމާމެދު އޭދަފުށީ ކައުންސިލާއި، ފުޓްބޯޅައަށް ހިދްމަތް ކުރަމުން އަންނަ އޭދަފުށީގެ އެންމެންވެސް ޒިންމާވާންޖެހޭ ކަމަށެވެ.
“އެންމެ ފުރަތަމަ ކަމަކަށްވެސް އޭދަފުށީ ކައުންސިލުން ފުޓްބޯޅައިގެ ވަރުގަދަ މެނޭޖްމަންޓް ޓީމެއް އުފައްދަންޖެހޭ. މިހާރު އޮތް މެނޭޖްމަންޓްވެސް ގޯހެއްނޫން. އެކަމަކު މެނޭޖްމަންޓުން ކަންކަން ކުރެވޭނޭ ވަސީލަތްތައް ގާއިމްކޮށް ޕެލޭންތައް ހެދެންޖެހޭ. އެއާ ހިލާފަށް ކޮންމެ ފަހަރަކުވެސް މުބާރާތް ކުޅެން ވަގުތު އައިސް ޖެހުނީމާ މިތެޅިގަންނަނީ. އެހެން ވެގެން މިކަމެއް ނުވާނެ. މިއީ ވަރަށް ދުރާލާ ތައްޔާރުވާންޖެހޭ ކަމެއް” ޖަމްބޭ ބުންޏެވެ.
ޖަމްބޭ ބުނީ މިފަދަ ބޮޑެތި މުބާރާތްތަކަށް ޓީމް ތައްޔާރުކުރުމުގައި އޭދަފުށީގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިންގެ އެހީތެރިކަމާ، އެއްބާރުލުން ވަރަށްބޮޑަށް ބޭނުންވާނެކަމަށެވެ. އޭނާ ވިދާޅުވީ ކައުންސިލުން ކުރިޔާލައި މިފަދަ ބޭފުޅުންގެ އެހީތެރިކަން ހޯދަން އެދިއްޖެނަމަ އިޖާބަދޭނެކަމަށާ، މިއީ ވަރަށް މުހިއްމު ކަމެއްކަމަށެވެ.
“އަޅުގަނޑުމެން ބޭނުންވޭ އޭދަފުއްޓަށް މަތީ ވަނަތައް ޚާއްސަކޮށް ފުޓްބޯޅައިގައި ހޯދާދޭން. އަޅުގަނޑު މިހުރީ ހަމަ ތައްޔާރަށް އެދޭ ކޮންމެ ކަމެއްވެސް ކޮށްދޭން. އަނެއްކޮޅުން ޓީމަށް ބޭނުންވާ ސްޕޮންސާތައް ހޯދުމުގައިވެސް ކުރިޔާލައި އުޅެފިއްޔާ މިކަން ވަރަށް ރަނގަޅަށް ގެންދެވޭނެ. އަޅުގަނޑު ރަށުގައި ނުޅޫނު ކަމުގައިވިޔަސް ފުޓްބޯޅައިގެ ވަރަށް ހިދްމަތްތެރި މީހުން އޭދަފުށީގައި އެބަތި ކަމަށް ގާބިލް އެމީހުންގެ މަޝްވަރާއާއެކު ކުރިޔަށް ގެންދިއުމަކީ މުހިއްމުކަމެއް”
އޭނާ ބުނީ ކާމިޔާބު ނުލިބުމުގައި ޕްރެކްޓިސް ނުކުރެވުމުގެ މައްސަލަވެސް ދިމާވާކަމަށާ، އެކަން ހައްލުކުރެވޭނީ ރަނގަޅު މެނޭޖްމަންޓެއް އުފައްދައި ޓީމަށް ބޭނުންވާ ވަސީލަތްތައް ދުރާލާ ހޯދައިގެން ކަމަށެވެ.
ބ. އަތޮޅުގެ ފުޓްބޯޅަ ކުރިއެރުވުމުގެ މަޤްސަދުގައި 2012 ވަނަ އަހަރުން ފެށިގެން ޖަމްބޭ އަންނަނީ ކޮންމެ އަހަރަކުވެސް ބ. އަތޮޅަށް ހުޅުވާލައިގެން ފުޓްބޯޅަ މުބާރާތެއް ބާއްވަމުންނެވެ. އޭނާބުނީ މިއަހަރުވެސް އެމުބާރާތް ބާއްވާނެކަމަށާ، ބޭނުމަކީ ބ. އަތޮޅުން ފުޓްބޯޅައިގެ ތަރިންތަކެއް ޤައުމީ ފެންވަރަށް ނެރުން ކަމަށެވެ.