ރައްޔިތުންގެ އަޑު: ކުއްލިކުއްލިއަށް އޭދަފުށިން ކަރަންޓް ކެނޑެނީ ކީއްވެ؟

IMG_20170715_162214.jpg

އޭދަފުށީ އިންޖީނުގޭގެ ޓެކްނިކަލް ޓީމް އާއިންޖީނު ބެހެއްޓުމަށް ވާއްޖެހޭ ތައްޔާރީތަކުގައި. އޭދަފުށިން ކަރަންޓް ކެނޑޭ މައްސަލާގައި އޭދަފުށި އިންޖީނުގެއަށް ދަނީ އާންމުން ފަޑުކިޔަމުން / ފޮޓޯ: އޭދަފުށީ ވޮއިސް

މިއީ ބ. އަތޮޅުގެ އާންމު ރައްޔިތުންގެ ފަރާތުން މިނޫހަށް ލިބޭ ސުވާލުތަކުގެ ތެރެއިން ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ހޯދައި، ކޮންމެ ހޮނިހިރު ދުވަހަކު ގެނެސްދިނުމަށް ހަމަޖެހިފައިވާ ކޮލަމެކެވެ. މިހަފްތާގެ ސުވާލުތައް ޚާއްސަ ކޮށްލަނީ ފެނަކަ ބ. އޭދަފުށީ އިންޖީނުގެއަށެވެ.

ސުވާލު: މިދުވަސްކޮޅު އޭދަފުށިން ކުއްލި ކުއްލިއަށް ކަރަންޓް ކެނޑެނީ ކީއްވެތޯ؟ ވަރަށްފަހުން އާއިންޖީނެއް ގެނައި ވާހަކަވެސް އަޑުއެހިން. އެކަމަކުވެސް ކަރަންޓް މައްސަލަ އަދިވެސް ހައްލުނުވަނީތަ؟ 

ޖަވާބު: އޭދަފުށީގެ އިންޖީނުގޭގައި ބޭނުން ކުރަމުން އަންނަ އިންޖީނުތަކުގެ ތެރެއިން ބައެއް އިންޖީނުތަކުގެ ކަންޑިޝަން ދަށްވެފައިވާތީ، މިދިޔަ ހައެއްކަ މަސްދުވަހުގެ ތެރޭގައި ދޭތެރެ ދޭތެރެއިން އިންޖީނެއްގެ މަރާމާތު މަސައްކަތް ކުރުމަށް ރަށުގެ އެކިސަރަހައްދުތަކުން ކަރަންޓް ކަނޑަންޖެހުނު. މިދުވަސްކޮޅު އޭދަފުށިން ކުއްލި ކުއްލިއަށް ކަރަންޓް ކެނޑެނީ މިދިޔަ ބުދަދުވަހު އޭދަފުށީ އިންޖީނުގޭގައި ހުރި 600ކވ އިންޖީނަށް ދިމާވި މައްސަލައާ ގުޅިގެން އެކަންހައްލުކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތުގެ ތެރެއިން. އޭދަފުއްޓަށް 800ކވ އިންޖީނެއް މިހާރުވަނީ ގެނެވިފައި. އެއިންޖީނު އިންސްޓޯލް ކުރުމުގެ މަސައްކަތް މެދުނުކެނޑި އިއްޔެއިން ފެށިގެން މިދަނީ ކުރިޔަށް. މިމަސައްކަތް ކުރާއިރު މައިޕެނަލް ބޯޑުގެ ބައެއް މަރާމާތުތައްވެސް ކުރަންޖެހޭ. އެފަދަ ކަންކަމަށްވެސް މުޅިރަށުން ކަރަންޓް ކަނޑަންޖެހޭ. މިމައްސަލަތައް ހައްލުކުރެވި އާންމު ހާލަތަކަށް ކަރަންޓް މައްސަލަ ގެނައުމަށް އަދި ހަފްތާއެއްހާދުވަސް ނަގާނެ. އެހެންނަމަވެސް ގިނަވަގުތުތަކަކަށް ކަރަންޓް ކަނޑާލާނަމަ، ރައްޔިތުންނަށް އެކަން އަންގަމުންގެންދާނަން.

ސުވާލު: އަލަށް ގެނައި 800ކވ އިންޖީނު އިންސްޓޯލް ކުރެވުމުން އޭދަފުށީގެ ކަރަންޓް މައްސަލަ މުޅިން ހައްލުވާނެތޯ. ނުވަތަ ހައްލުވާނީ ކިހިނެއްތޯ؟

ޖަވާބު: އޭދަފުށީގައި އަލަށް ބެހެއްޓޭ 800 ކވ އިންޖީނު ބެހެއްޓުމުން އޭދަފުށީގެ ކަރަންޓް ކެނޑުމުގެ މައްސަލައަށް ވަރަށްބޮޑު ހައްލެއް އަންނާނެކަމަށް ދެކެން. އަދި މިހާރު މަރާމާތު ނުކުރެވި ހުރި އިންޖީނުތައް މަރާމާތު ކުރުމަށް ފުރުސަތު ލިބިގެން ދާނެ. މިހެން ވެއްޖެނަމަ އޭދަފުށީގެ ކަރަންޓްގެ މައްސަލަ މުޅިން ހައްލުވެގެންދާނެކަމަށްވެސް ދެކެން.

ޖަވާބުދެއްވީ: ފެނަކަ / ބ. ރީޖަނަލް މެނޭޖަރ އަލީ ޝަފީޤް

“ރައްޔިތުންގެ އަޑު” މި ކޮލަމަށް ސުވާލެއް ފޮނުއްވަން ބޭނުންފުޅުނަމަ މެއިލް ކުރައްވާނީ  [email protected] އަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top