ބ.ފެހެންދޫއަކީ އާބާދީގެ ގޮތުން ބ. އަތޮޅުގައި އޮތް އެންމެ ކުޑަރަށެވެ. އެންމެ 297 މީހުން ދިރިއުޅޭ މިރަށުގެ ރައްޔިތުންނަކީ އަސާސީ ގިނަ ޚިދުމަތްތަކުންވެސް މަހުރޫމް ވެފައިވާ ބައެއްކަމީ އެންމެންވެސް ދަންނަ ކަމެކެވެ. އެކަމާ ޝަކުވާ ކޮށްގެން ނުވަތަ ވެރިންނަށް ވައި ޖަހައިގެން ވިޔަސް ކުރިއެރުމެއް ލިބިފައިނުވާތީ އެމީހުން ތިބީ ލެއްވި ރަހުމަތަށް ޝުކުރު ކޮށްގެންނެވެ. އެކަމަކު އުއްމީދު ގެއްލިފައެއް ނޫނެވެ.
ބޮޑު ފަޅެއްގެ ތެރޭގައި ވަކިން އޮތް އެކަނިވެރި ފެހެންދޫއަށް ލިބިފައިވާ އެންމެ ބޮޑު އެއް ނަސީބަކީ ރީތިރަށަކަށް ވުމެވެ. ގުުދުރަތީ ރީތިކަން ދީލަތިކަމާއެކު ލިބިފައިވާ ހިތްގައިމު ބީޗަކާއި އެހާމެ ރީތި މޫދެއް އޮތުމުން ފަތުރުވެރިންގެ ސަމާލުކަން މިއަށްވުރެ ވަކިން ބޮޑަށް ދޭނެ އެހެން ކަމެއް ނޯންނާނެއެވެ. މީގެ އިތުރުން ދިވެހިތާރީޚުގެ މުސްކުޅި ފަތްފުށްތަކާއި ތާރީޚީ މުހިންމު ހާދިސާތަކަކާއި ގުޅިފައިވާ ފެހެންދޫއަކީ ފަތުރުވެރިންނަށް މި ގޮތުން ކިޔައިދެވޭނެ ޝަައުގުވެރި ވާހަކަތަކެއްވެސް އޮތްރަށެކެވެ.
މީސްކޮޅު ކިތަންމެ މަދު ކަމުގައި ވިޔަސް އެއީ ވަރަށް އެކުވެރި މުޖްތަމައެކެވެ. އެއްބަނޑު އެއްބަފާ އުޚުއްވަތްތެރި ބައެކެވެ. މެހްމާނުންނަށް ކަމޭ ހިތާ އޯގާތެރި ރައްޔިތެކެވެ. އެމީހުންގެ ރަށާ މެދު ކުރާ އުއްމީދުތަކުގައި ދިރުން އެބަހުއްޓެވެ. އެ އުންމީދުތަކުގައި ދިރުން ހުރިކަމުގެ އެންމެ ފާޅުކަން ބޮޑު ހެއްކަކީ މިއަދު އެރަށަކީ ލޯކަލް ޓޫރިޒަމަށް ހުޅުވާލެވިފައިވާ ރަށަކަށް ވާތީއެވެ. ގެސްޓްހައުސް ވިޔަފާރި ހިންގުމުގެ ޝައުގުވެރިކަން ހުރި ކިތަންމެ ބަޔަކު މި ދާއިރާއަށް ނުކުމެފައިވާތީއެވެ.
ފެހެންދޫގައި މިހާރުވެސް ދެ ގެސްޓްހައުސް ފުލް އޮކިއުޕެންސީގައި އެބަ ހިންގައެވެ ރަށުގެ އެކި ހިސާބުގައި އެ ވިޔަފާރި ފުޅާ ކުރުމުގެ ޝައުގުވެރިކަން ހުރި މީހުން އިތުރު ގެސްޓްހައުސް ތަކެއް އިމާރާތް ކުރުމުގެ މަސައްކަތްވެސް ހަލުވި ދުވެލީގައި ކުރިއަށް އެބަގެންދެއެވެ. މިހާރު ހިންގަމުން އަންނަ ދެ ގެސްޓް ހައުސް ފުލްވެފައިވާއިރު ކުރިއަށް އޮތީ އަދި މާ ބާރު ބޮޑު ދުވަސްކޮޅެއް ކަމުގައި ގެސްޓްހައުސް ހިންގާ ފަރާތުން މައުލޫމާތު ދިނެވެ.
ފެހެންދޫސްޓޭ ގެ ނަމުގައި ގެސްޓްހައުސް ހިންގަމުން ގެންދަވާ ނައީމު ވިދާޅުވި ގޮތުގައި ފެހެންދޫގެ ކުރިމަގު ބިނާވެގެންދާނީ ގެސްޓްހައުސް ވިޔަފާރީގެ މައިހަބެއްގެ ގޮތުގައެވެ. އޭނާގެ “ފެހެންދޫ ސްޓޭ “އަކީ އޭނާވެސް މިދާއިރާއަށް ވަނުމަށް އެޅި ފުރަތަމަ ފިޔަވަޅެވެ. މި ފިޔަވަޅާއެކު ތަނުން ދޭ ޚިދުމަތުގެ ފެންވަރާ އަދި އެ މާހައުލާ މެދު ގެސްޓުން ތިބީ ހިތް ހަމަޖެހިފައެވެ. ރިސޯޓަކުން ދެވޭ ހުރިހާ ޚިދުމަތެއް ނުދެވުނަސް މި ތަނުން ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކަމުން ގެސްޓުންގެ ޝަކުވާ އެއް ނެތެވެ.
ނައީމުގެ މިހާރުގެ އަމާޒަކި އިތުރު ގެސްޓް ހައުސް އެއް ތަރައްގީ ކުރުމެވެ. އެކަމުގެ ޕްލޭން ނިމިފައިވާ ކަމަށާއި އަންނަ ޖެނުއަރީގައި 9000 އަކަފޫޓްގެ ބިމެއްގައި އިމާރާތް ކުރުމުގެ ކޮންޓެކްޓްގައި ސޮއިކުރަން ތައްޔާރު ވެފައިވާކަމުގައި އޭނާ ވިދާޅުވިއެވެ. އަންނަ އަހަރުގެ ސީޒަަނަށް ޚިދުމަތް ދޭން ފެށޭވަރު ނުވިޔަސް މަސައްކަތުގެ ބޮޑުބަައި ނިމޭނެކަމަށް އޭނާ އުއްމީދު ކުރެއެވެ.
ފެހެންދޫ ކައުންސިލްގެ ރައީސް މޫސާ ނަސީމް ވިދާޅުވީ އަންނަ އަހަރު ނިމޭއިރު މިހާރު ރަށުގައި ހިންގަމުން އަންނަ ދެ ގެސްޓް ހައުސްގެ އިތުރުން 50 ރޫމް ވިޔަފާރިއަށް ނެރުމަށް ތައްޔާރުވަމުން އަންނަ ކަމުގައެވެ. އެހެން ނަމަވެސް އެހާހިސާބަށް ދާއިރު މިކަމާ ގުުޅުންހުރި އެހެން މުވައްސަސާ ތަކުން ކުރަންޖެހޭ ކަންކަން ފުރިހަމަ ނުވެދާނެކަމުގެ ކަންބޮޑުވުން އެބައޮތްކަމަށް ނަސީމު ވިދާޅުވިއެވެ. އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އޭނާ ވިދާޅުވީ ރަށުގެ ކަރަންޓުގެ ހާލަތެވެ.
” އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެންމެ ފަރާތަކުން އެކަނިވެސް މި ރަށުގައި 30 ރޫމް އެބަ ތައްޔާރުކުރޭ. ލަސްވެގެން 2017 ނިމުމުގެ ކުރިން އެތަންތަން ނިމި ޚިދުމަތަށް ހުޅުވާލާއިރު މިހާރު މި ރަށުގައި ފެނަކައިން ހިންގާ އިންޖީނުގޭގެ ކެޕޭސިޓިއަކީ އެންމެ 50 ކިލޯޥޯޓް . މި ތިރީސް ރޫމަށް އެކަނިވެސް 110 ކިލޯވޯޓުގެ ކަރަންޓް ބޭނުންވާކަމުގެ މައުލޫމާތު ލިބިފައިވާއިރު މިއިީ ދިމާވެފައިވާ އެންމެބޮޑު ގޮން ޖެހުން. ” ރައީސް ވިދާޅު ވިއެވެ.
ރައީސް ވިދާޅުވީ ލޯކަލް ޓޫރިޒަމްގެ ސަބަބުން ރަށުގެ ތަސައްވަރު ބަދަލުވެގެންދާނޭ ކަމަށާއި ރައްޔިތުންގެ ޖީބަށް ބަރުވުމާއެކު ރާއްޖޭގެ އިގްތިސާދަށްވެސް މިކަމުން ރަނގަޅު އަސަރެއް ކުރާނެ ކަމުގައެވެ. އެހެންކަމުން ފެހެންދޫގެ ފަތުރުވެރިކަން ތައާރަފުވެގެން ދާއިރު ސަރުކާރުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެފައިވާކަމަށް ރައީސް ނަސީމު ވިދާޅުވިއެވެ.
“އަޅުގަނޑުމެންގެ ނުފުދިފައިވާ ޒަރޫރީ ބޭނުންތައް ވަރަށް ރަނގަޅަށް އެކަންކަމާ ގުޅުން ހުރި ދައުލަތުގެ މުވައްސަސާތަކަށް އެނގިވަޑައިގަންނަވާނެ. ލަފާފުރުމުގެ ދަތިކަމާއި ބަނދަރުގެ ދަތިކަން ހައުސިން މިނިސްޓްރީއަށް ، ސިއްހީ ގޮތުން ދިމާވެފައިވާ ދަތިތައް ހެލްތް މިނިސްޓަރަށް ، މިހެންގޮސް އަޅުގަނޑުމެންގެ ރަށުގެ ރައްޔިތުން ދިރިއުޅޭ ގޮތް އިތުރަށް ކިޔައިދޭން ނުޖެހޭވަރަށް ކަމާ ގުޅުން ހުރި ސަރުކާރުގެ މުވައްސަސާތަކަށް ވާނީ ދަންނަވާފައި ” އީވީއާ ވާހަކަ ދައްކަވަމުން ނަސީމު ވިދާޅުވިއެވެ.
ނަސީމު ވިދާޅުވީ ކިތަންމެ ފުރިހަމަ ސަވިސްތަކަކާއެކު ރީތި ކޮޓަރިތަކަކާ ގުދުރަތީ ރީތި ވެށިން މުއްސަނދިވެފައި ވިޔަސް ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ބޭނުންވާ އަސާސީ ކަންކަން ފުރިހަމަ ނުވާކަމުގައިވާނަމަ ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރަން އުނދަގޫ ވާނެ ކަމުގައެވެ. ވިދާޅުވީ ލޯކަލް ޓޫރިޒަމް މިރަށުގައި ފަށައިގެން ކުރިއަށް ދާއިރު ރަށުގެ ބަނދަރާ ފަޅުގެ ދަތިކަންވެސް ހައްލުވާނެ ޖެހޭކަމުގައެވެ. ހަމައެއާއެކު ސިއްހީ ދާއިރާވެސް މިހާރަށް ވުރެ ރަނގަޅު ވާންޖެހޭކަމަށާއި މިނޫނަސް މިކަމާ ސީދާގުޅުން ހުރި ދާއިރާތައްވެސް މިކަމަށް ތައްޔާރުވާން ޖެހޭކަމުގައެވެ.
“ފެނަކަ ބ.އަތޮޅު ބްރާންޗު”ން ބުނީ ފެހެންދޫ އިންޖީނުގެ މިހާރު ހުރިތަން ނޫން އެހެން ތަނަކަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެކަމަށް ބޭނުންވާ ބިން މިހާރުވަނީ ސާފުކޮށްފައިކަމުގައެވެ.
މި މައުލޫމާތު އީވީއާ ހިއްސާ ކުރަމުން ފެނަކައިން ބުނީ 2017 ނިމުމުގެ ކުރިން އާ އިންޖީގޭގެ ޚިދުމަތް ދޭން ފަށާނެ ކަމަށާއި 150 ކިލޯ ވޯޓުގެ ޖެނެރޭޓަރެއްގެ ޚިދުމަތް އެތަނަަށް ދޭން ހަމަޖެހިފައިވާ ކަމުގައެވެ.
ކައުންސިލްގެ ރައީސް ހުންނެވީ މަންޒަރު ބައްލަވާކަށް ނޫނެވެ. ފަތުރުވެރިކަމުގެ އާފަތިހަކަށް ފެހެންދޫ އަލިވިލުމަށް ތައްޔާރުވެފައިވާއިރު އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ މިކަމާ ގުޅުން ހުރި ދާއިރާތަކާ ގުޅުއްވައިގެން މި ސިނާއަތުގެ ކުރިއެރުމަށް ހުރި ހުރަސްތައް ނައްތާލެވޭތޯއެވެ. މިކަން ކާމިޔާބު ކުރުމަށް ޓަކި ޖަހަން ޖެހުނު ކޮންމެ ދޮރެއްގައިވެސް ޓަކި ޖެއްސެވުމަށް ތައްޔާރުގައެވެ. ރަށުގެ ތަރައްގީ އާ އުސްމިންތަކަކަށް ވާސިލްވާނެކަމުގެ އުއްމީދުގައި ތިބި ރައްޔިތިންނަށް މި ވަގުތަށް އެންމެ ބޭނުން ބޮޑުވެފައިވަނީ ބަދަރެއް ނެތުމާއި ލަފާ ފުރުމުގެ ދަތިކަން ކަމުގައި ރަށުގެ ހުރިހާ ރައްޔިތުންވެސް އެއްބަސްވެއެވެ. މި އުއްމީދުގައި ތިބި ރައްޔިތުންގެ ބަހަކީ އެ ރަށުގައި ފާލަމެއް ނުވަތަ ޖެޓީއެއް އެޅުމަށް މި އަހަރުގެ ބަޖެޓްގައި ހިމަނާފައިވުމީވެސް ވަރަށް ބޮޑުވަރެއްކަމުގައެވެ.