ކޮވިޑް އާއެކު އަހަރެން: ޑރ. ސޯލިހާއި އެކު

DSCN1352.jpg

ޑރ.ސޯލިހް

(ގައްޔޫމްނަސީރު)

”ކޮވިޑްއާއެކު އަހަރެން“ މި ސިލްސިލާގެ ފުރަތަމަ އިންޓަވިއު އަޅުގަނޑުމެން މި ހާއްސަކުރީ ބ. އަތޮޅު ހޮސްޕިޓަލްގެ މެޑިކަލް އިންޗާޖް ޑރ ސޯލިހު އަށެވެ. ކޮވިޑްގެ ފުރަތަމަ ކޭސް ބ. އަތޮޅުން ފެނުނު ދުވަހުން ފެށިގެން އަތޮޅުގެ ހުރިހާ ދިމާލެއްގައި ސާމްޕަލް ނެގުމާއި، ބަލިމީހުންނަށް ފަރުވާ ދިނުމުގައި އެންމެ އިސް ކޮށްހުންނެވި ޑރ. ސޯލިހެވެ. ފާއިތުވި ދެ އަހަރަށްވުރެ ގިނަ ދުވަހު ކޮވިޑާ އެކު ބަލި މީހުންނާ އެންމެ ގާތުން އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި އިރު އޭނާގެ އެ ގައުމީ ހިދުމަތަށް ޝުކުރުވެރި ވާން ޖެހެއެވެ. ހަމައެއާއެކު ކޮވިޑްގެ ނުރައްކާތެރި އާލަމީ ވަބާ ރާއްޖެއިން ފެނުމާއެކު އެކަމުގައި ޑރ.ސޯލިހު ކުރެއްވި އާދަޔާ ހިލާފު ތަޖްރިބާ ތަކަކީ އިންސާނިއްޔަތަށް ކުރެއްވި އަގުހުރި ހިދުމަތެއްގެ ގޮތުގައި ބަލައިގަންނަން ޖެހެއެވެ. ޑރ.ގެ އެ ތަޖުރިބާ އީވީއާ ހިއްސާކުރެއްވި ކަމަށްޓަކައި އީވީ ޓީމްގެ ނަމުގައި ޝުކުރު ދަންނަވަމެވެ.

ކޮވިޑްބަލި މިހާބޮޑަށް ނުރައްކާވެދާނެ ކަމަށް ކުރިން ހީކުރެއްވިން ތޯ؟

ޗައިނާގެ ވުހާން ސަރަހައްދުން މިބަލި އައިކަމަށް ވިޔަސް ދުނިޔެ އޭރު ގަބޫލެއް ނުކުރޭ މިހާބޮޑަށް ފެތުރިގެން ދާނެ ކަމަކަށް. ގައިންގަޔަށް އަރާ އެއްޗެއްވީމާ ކޮންމެވެސް ވަރަކަށް ބެލިން މިކޮޅަށްވެސް އަތުވެދާނެކަމަށް. މުޅިދުނިޔެ ހުއްޓުމަކަށް ދާވަރު ވެދާނެކަމަކަށް އެއްވެސް ބަޔަކު ހިއެއް ނުކުރޭ. އެކަމު ފެތުރިގެން ދިޔަލެއް ބާރުކަމުން އެނގިއްޖެ ލޮކްޑައުންއާ ހުރިހާ ކަމެއްވެސް ވެދާނެކަން.

ޕެންޑަމިކްގެ ކުރީކޮޅު ދުނިޔޭގެ އެކިގައުމުތަކުން ގިނަބަޔަކު މަރުވަމުންދިޔަ. ރާއްޖެއަށް ބަލި އެތެރެވުމާއެކު ސާމްޕަލް ނެގުމުގައި ބ. އަތޮޅުން އެންމެ އިސް މީހެއްގެ ގޮތުގައި ސޯލިހް އުޅުއްވީ. ހެލްްތުދާއިރާގެ ސްޓާފުންވެސް ދެކޮޅުހަދަމުންދިޔަ ސާމްޕަލް ނަގަން ނުދާންވެސް. ބިރުވެރިކަމެއްވީމަ. ހީވަނީ އާއިލާގެ ޕްރެޝަރުވެސް ބޮޑުވާނެހެން. ފްރޮންޓްލައިން ސްޓާފުންގެ ރިއެކްޝަން ކިހިނެއްތޯ އޭރު ފެނުނީ؟

އަޅުގަނޑު އަންހެނުންނަކީ ޑޮކްޓަރަކަށްވީމަ އެއްވެސް މައްސަލައެއް އަޅުގަނޑަކަށް ނެތް. އަންޑަސްޓޭންޑްވޭ. ރޯޔަލް ކަރަންޓީން ފެސިލިޓީއަކަށް ވެގެންދިޔަ ހިސާބުން ސާންޕަލް ނެގުން ބޮޑަށް ފެށިގެން އައީ. ހޮސްޕިޓަލް ސާންޕަލް ނަގާ ޓީމުގައި ހަގީގަތުގައި އެއްވެސް ބިރުވެރިކަމެއް ނެތް. އެކަމަކު ހަމައެކަނި އިޝޫއެއް އައީ އަޅުގަނޑު އެއްފަހަރަކު ރޯޔަލްގައި އުޅެފަ މާލެ ގޮސް ރަށަށް އައިއިރު ބައެއް އަވައްޓެރިން ގެއަށްގޮސް އެބަކިޔާ ސޯލިހު ނިދަނީވެސް ގޭގަހެއްޔޭ، ގޭގައިހޭ އުޅެނީ. އަސްލު ގޭގެ މީހުންނަށްވުރެ ބޮޑަށް ކައިރި ހިސާބުގަނޑުގެ މީހުންކަން ނޭނގެ ބިރުވެރިކަން އޮތީ. ހޮސްޕިޓަލްގަ ބަލިމީހުން ކައިރީގައި އުޅެފަ ގެއަށް ދިޔައީމަ އެބިރުވެރިކަން އޮތީ.

ރޯޔަލް ކަރަންޓީން ފެސިލިޓީއަށް ވަރަށް ބަލި ޕޭޝަންޓުން ގެނައިކަމަށް ހަބަރު ލިބުނު. ކޮބައިތޯ ރޯޔަލްގައި ކުރެވުނު ތަޖުރިބާތަކަކީ؟

އަޅުގަނޑު ހަނދާންވާ ގޮތުން ރާއްޖޭގެ ދެވަނަކޭސް ނުވަތަ ތިންވަނަކޭސް ފެނުނީ ރޯޔަލުން. ސާންޕަލްވެސް ނެގީ އަޅުގަނޑު. މާބޮޑު ބިރުވެރިކަމެއް ނެތް. އެތާނގައި އެހެނިހެން ބަލިތަކުގައި ތިބި މީހުން ތަންކޮޅެއް ބޮޑަށް ބަލިވެގެން ދިޔަ. އޭރު ހެޒްމެޓް ޝޫޓާ، ޕީޕީ ލައިގެން އުޅެން ފަރިތަވެފަ ނެތީމަ އެއުނދަގޫ ހުރި. ސިރިއަސް ކޭސްތަކެއް ހުރި. އެކަމަކު ބަލީގައި އެރަށުން މީހަކު މަރެއްނުވޭ.

ޕޭޝަންޓުންގެ އިހްސާސްތައް އެންމެގާތުން އައްސަވާނެ އެއް ބޭފުޅަކަށް ވާނެ ސޯލިހް. ކިހިނެއްތޯ ހިޔާލުތައް ހުރީ؟

ބަލި ފެތުރިގެން އައިއިރު ހެލްތު ކެއާ ވޯކަރުންގެ މެދުގައިވެސް އަދި އާންމުންގެ މެދުގައިވެސް އެންމެބޮޑު އެއްޗަކަށް ވެގެން މިދިޔައީ ބަލިފެތުރިގެން ދިޔަލެއް ބޮޑުކަމުން ތަންކޮޅެއް އަވަހަށް މީހުން މަރުވާންފެށިމަ، އެންމެންނަށްވެސް ފެންނަންފެށީ ބަލިޖެހުމާ، ވެންޓިލޭޓަރަކާ ކައްވަޅާ. މީހަގީގަތުގަ ވެގެން ދިޔަގޮތަކީ. ބައްޔަކީ އޭގެ ޒާތުގައި ނުރައްކާތެރި ބައްޔެއް. އެންމެނަށްވެސް ހީކުރެވުނީ ހަށިގަނޑުގެ ދިފާއީ ނިޒާމް ގަދަމީހާވެސް ބަލި ބޮޑުވެގެން ދާނެކަމަށް. އެކަމަކު ވެކްސިން އޭރު ނެތަސް ބަލި ބޮޑުވެގެން ދިޔައީ ދިފާއީ ނިޒާމް ބަލިކަށި، ބޮޑެތި ބައްޔަށް ބޭސްކުރާ މީހުން.

ކޮވިޑް ފެސިލިޓީ އޭދަފުށީގައި ގާއިމް ކުރުމަށް ހަމަޖެހުމާ ގުޅިގެންވެސް އާންމުންގެ ކަންބޮޑުވުންތައް ހުރި އޭރު. މެޑިކަލް އެންމެ އިސްވެރިއަކަށް ސޯލިހް ހުންނެވީ. ރައްޔިތުންގެ ޕްރެޝަރު ކިހިނެއްތޯ ހުރީ އޭރު؟

ތެދު ވާހަކައެއް ތީ. ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަޅަން ހަމަޖެއްސި ފަސް ފެސިލިޓީން އެއް ފެސިލިޓީ މީ. ހޮސްޕިޓަލަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމަށްވާތީ، މެނޭޖްމަންޓަށް ވަރަށް ބޮޑަށް ބޭނުންވި ކޮވިޑް ފެސިލިޓީ ޕްރޮޕޯޒް ކުރުމާއެކު ވެސް. އެކަމަކު އެންމެންވެސް ހީކުރަނީ ކިރިޔާވެސް ބަލިމީހެއް ރަށުގަ އޮވެއްޖެއްޔާ ބަލިފެތުރޭނޭ. އެހެންވީމާ ޕަބްލިކް އައުޓް ކްރައި އެއް އައި. ހިތް ނުތަނަވަސްކަމެއް އޮތް. ތިޔަ އުޅެނީ ބަލި މިރަށަށް ގެންނަންހޭ. އެކަހަލަ ވަރަށްގިނަ ވާހަކަތައް އިވެމުން ދިޔަ. މާބޮޑު އަސާސެއް ނެތް ވާހަކަތަކެއް އަސްލު ވާހަކަތަކަކީ. ހޮސްޕިޓަލް ސްޓާފުންގެވެސް ބިރުވެރިކަން އޮތް. އެކަމަކު ފަހުން އެކަން ހަމަޔަކަށް އެޅުނު.

ކޮވިޑް ފެސިލިޓީއަކީ ދުރުމުސްތަގްބަލަށް ބަލާއިރު ހޮސްޕިޓަލަށް ލިބުނު ކިހާބޮޑު ކުރިއެރުމެއްތޯ؟

ވަރަށް ބޮޑު ކުރިއެރުމެއް. މިސާލަކަށް ބުނާނަމަ އުމްރާނީ ގޮތުން އިކްވިޕްމަންޓް ވައިސްކޮށް އައި ތަރައްގީއަށްވުރެ ބޮޑަށް ހަގީގަތުގައި މެޑިކަލް ޕާސަނަލް އަށް އައި ކުރިއެރުން. އެނގިވަޑައިގަންނަވާނެ މިތަނަކީ އެމަޖެންސީ އައިސީޔޫ ކަހަލަ ސެޓަޕެއް ހުރި ތަނެއް ނޫން. މިއައުމާއެކު އަޅުގަނޑުމެންގެ ނަރުހުން ވަރަށް ބޮޑަށް ޑިވެލޮޕްވި. އެވަރަށް ޑޮކްޓަރުންނެއް ނެތް. އެންމެން ޖެހުނީ ފިޒީޝަނުންނަށް ވާން، ރޭޑިއޯ ގްރާފަރުންނަށް ވާން، ސްކޭން ހަދަން. ތަނަށް ލިބުނު ކުރިއެރުން ކިތަންމެހާވެސް ބޮޑު. އެއަށްވުރެ ބޮޑަށް މެޑިކަލް ޓީމަށް ލިބުނު ކުރިއެރުން ވެސް އެހާ ބޮޑު. ކުރިޔަށް މީހަމަ ވަރަށް ރަގަޅު ފާލެއް.

ކޮވިޑް ފެސިލިޓީ ތެރެއިން މަރުތަކެއްވެސް ފެނިގެން ދިޔަ. ކޮބާތޯ އިހްސާސްތަކަކީ؟

މިކޮޅުގަ ވަރަށް ރަނގަޅު އިނގޭތޯ. އޭދަފުށީ ރައްޔިތުންނަކީ ވަރަށް ބަސްއަހާ ބައެއް. ވަރަށް ޝުކުރު ހައްގުވާ ބައެއް. އަޅުގަނޑުމެންނަކީ ކޮވިޑް (ކޮވިޑް ވެކްސިން) ޖަހަންފެށީމަ ވެސް ރާއްޖޭގައި އެންމެ ފުރަތަމަ 90 އިންސައްތަ އަށް ވެކްސިން ޖެހި މީހުން. ނ، ރ، ބ ގެ ސެންޓަރެއް މިސެންޓަރަކީ. ސްޓެޓިސްޓިކްސް ބަލާލީމަ ފެންނާނެ ބ. އަތޮޅު އެންމެ ދަށްވާނީ އެޑްމިޝަން. ބ. އަތޮޅުން އަޅުގަނޑުމެން ދިން ނަސޭހަތް ރައްޔިތުން ވަރަށް ގަބޫލުކުރި. މަރުވި ގިނަ ޕޭޝަންޓުން ނަކީ މިކޮޅަށް އައިއިރުވެސް ކުރިޔަށް ލަފާކުރާ ގޮތް ފުދޭވަރަކަށް ދަށްކޮށް ފެނުނުބަލި މީހުން. އަނެއްކޮޅުން އެއް ބަޔަކީ ވެކްސިން ނުޖަހާ މީހުން. މަރަކީ ދެން މެޑިކަލް ލައިފްގަ ދިމާވާ ކަމަކަށް ވާތީ އެކަން ސިކުނޑީގައި ނުބެހެއްޓޭ. އެކަމަކު އެއް ޕޭޝަންޓް އައި ޒުވާން ޕޭޝަންޓެއް 38 އަހަރު. ހއ އިން ގެނައި ޕޭޝަންޓެއް. އޭނައަކީ މާކަ ބޮޑު ބަލިތަކެއް ހުރި މީހެއް ނޫން. އެއީ ހަމައެކަނި މިކޮޅަށް އައިސް އަޅުގަނޑު އެއާމެދު މާބޮޑަށް ވިސްނުނު މީހަކީ. 14 ދުވަސް ވަންދެން އެކި ގޮތްގޮތަށް ފަރުވާ ދިނިން. އެންމެފަހުން މާލެ ޓްރާންސްފާ ކުރިތާ ދެ ދުވަސްފަހުން މަރުވީ.

ކޮވިޑަށްފަހު ރައްޔިތުންނަށް ދޭންބޭނުންވާ މެސެޖަކީ ކޮބައިތޯ؟

އެންމެބޮޑު މެސެޖަކީ އަޅުގަނޑުމެން ތެރޭގައި އަބަދުވެސް ރޯގާތައް އެބައުޅޭ. އަޅުގަނޑު ނުބުނާނަން އަބަދު މާސްކު އަޅައިގެން އުޅޭށެކޭ. އެކަމަކު މާސްކަކީ މިހެން އުޅޭއިރު ވަރަށްގިނަ އާންމު ރޯގާތަކުން މީހުން ދުރުކޮށްދޭ އެއްޗެއް. ހާއްސަކޮށް އަތްދޮވުމާ މިކަންކަމަކީ ކުރީގަ މާބޮޑު ފަރުވާލެއް ނުބަހައްޓާ ކަންކަން. މިހާރު ދެން އެކަމަށްވެސް ފަރުވާ ބެހެއްޓުމަކީ ވަރަށް މުހިއްމުކަމެއް. އަދި ކޮވިޑެއް ނިމިގެން ނުދާނެ. އެތައް އަހަރަކަށް ކޮވިޑް އުޅޭނެ. އެހެންވީމަ ފަރުދީ ޒިންމާ އެއްވެސް މީހަކު ކުޑަކޮށްލައިގެން ނުވާނެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top