އޭދަފުށީގައި މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން މިއަދު ފަށައިފި އެވެ.
އޭދަފުށީ ކައުންސިލުން ބުނީ ރޯދަ މަހުގެ 27 ވަނަ ދުވަހާ ހަމައަށް އެ ކައުންސިލުން ފިތުރު ޒަކާތް ބަލައިގަންނާނެ ކަމަށެވެ.
ފިތުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރުކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. ޒަކާތް ނެރެންވާނީ އެބަޔަކު އަހަރުތެރޭގައި އާއްމުކޮށް ކައިއުޅުނު ހަނޑުލުގެ ބާވަތަކުން 2.4 ކިލޯ ހަނޑުލުގެ އަގަށްވާ މިންވަރެވެ.
އެގޮތުން އޭދަފުށީގައި ޒަކާތް ދެއްކުމަށް ހަމަޖެހިފައިވަނީ އާދައިގެ ހަނޑުލުން ނަމަ މީހަކަށް 12ރުފިޔާގެ މަގުންނެވެ. ތައިލެންޑް ހުނދު ހަނޑުލުން ނަމަ މީހަކަށް 77ރ. އަދި އާދައިގެ ބާސްމަތީ ހަނޑުލުން ވިޔަސް މީހަކަށް 77 ރ.ގެ މަގުންނެވެ.
ފިތުރު ޒަކާތަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. މައިމީހާގެ ބަނޑުގައިވާ، ފުރާނަ އެޅިފައިވާ ދަރިފުޅަށް ފިތުރު ޒަކާތް ނެރުން ސުންނަތް ވެގެންވެއެވެ. ފިތުރު ޒަކާތް ވާޖިބުވަނީ އީދު ދުވަހާއި އީދުވިލޭރޭ، ކެއުމަށްފަހު ބާކީވާ ވަރަށް ހުރުމާއެކު އެވެ.
ފިތުރު ޒަކާތުގެ ހިކުމަތްތަކުގެ ތެރޭގައި ރޯދަވެރިޔާއަށް އަރައިގަނެވިފައިވާ، ދެބައޮޑުވުމާއި ޣީބަ ބުނުން ފަދަ ކުށް ފާފަތަކުން ތާހިރު ކުރުމާއި، ފަގީރުން، އީދު ދުވަހު ސަލާންޖެހުމާއި ދުރުހެލިކުރުވާ އެމީހުންގެ ހިތްތަކަށް އުފާވެރިކަން ވެއްދުމުގެ އިތުރުން ރަމަޟާންމަހުގެ ރޯދަ ހިފުމުގެ ތައުފީގު ދެއްވި ކަމަށްޓަކައި މާތްﷲއަށް ޝުކުރު އަދާކުރުން ހިމެނެއެވެ.