ރާއްޖެއިން ބޭރުން އަންނަ އެންމެން ކޮވިޑަށް ޓެސްޓުކުރަން ނިންމައިފި

DSC_2839.jpg

ފޮޓޯ: އެމްއޭސީއެލް

ދިވެހިން ހިމެނޭ ގޮތަށް ރާއްޖެއިން ބޭރުން އަންނަ އެންމެން ކޮވިޑަށް ޓެސްޓް ކުރަން ހެލްތު ޕްރޮޓެކްސަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.

އެޗްޕީއޭ އިން ރޭ ނެރުނު އިއުލާނެއްގައި ބުނީ ދުނިޔޭގެ ބައެއް ގައުމުތަކުން ފެނިފައިވާ ‘އޮމިކްރޯން” ވޭރިއެންޓާ ގުޅިގެން އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށްޓަކައި މިއަދުން ފެށިގެން ފަތުރުވެރިން ހިމެނޭހެން ރާއްޖެއިން ބޭރުން އަންނަ ހުރިހާ އެންމެން ރާއްޖެއަށް ދަތުރު ފަށާ ބަނދަރުން ފުރާއިރު 96 ގަޑި އިރުނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއެއް އޮންނަންޖެހޭނެ ކަމަށެވެ. މި އުސޫލުން އެއް އަހަރު ނުވާ ތުއްތު ކުދިން އިސްތިސްނާ ވާނެއެވެ.

ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ ހުރިހާ އެންމެން ރާއްޖެ އެތެރެވުމަށްފަހު ތިން ދުވަހާއި ފަސް ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓް ހަދަން ޖެހޭނެ ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

މީގެ އިތުރުން ކޮވިޑް ވެކްސިން ފުރިހަމަނުކުރާ ދިވެހިންނާއި ވޯކްޕާމިޓް ހޯލްޑަރުން ރާއްޖެ އެތެރެވުމަށްފަހު 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުވާން ޖެހޭނެއެވެ. ނަމަވެސް 12 އަހަރުން ދަށުގެ ކުދިން ކަރަންޓީނުވާން ނުޖެހޭނެއެވެ.

ކަރަންޓީނު ކުރާ މީހުން ކަރަންޓީނުން ދޫކޮށްލާނީ 14 ދުވަސް ހަމަވުމުން ކޮވިޑަށް ޓެސްޓް ހަދައި ނަތީޖާ ނެގެޓިވް ވުމުންނެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހު އެޗްޕީއޭއިން ވަނީ “އޮމިކްރޮން” ވޭރިއެންޓާ ގުޅިގެން ދެކުނު އެފްރިކާގެ ހަތް ގައުމަކުން ރާއްޖެއަށް މީހުން އައުން ވަގުތީ ގޮތުން މަނާކޮށްފައެވެ. ނަމަވެސް އެޗްޕީއޭއިން މިރޭ ވަނީ އެ ފިޔަވަޅުތައް ބާތިލުކޮށްފައެވެ.

އެޗްޕީއޭއިން ފިޔަވަޅުތައް ވަރުގަދަ ކޮށްފައި މިވަނީ، ކޮވިޑްގެ އާ ވޭރިއަންޓު، އޮމިކްރޯން ވޭރިއަންޓު ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނާތީއެވެ.

މި ވޭރިއަންޓު ޖެހިފައިވާ ފަސް މީހަކު މިހާތަނަށް ރާއްޖެއިން ވަނީ ފެނިފައެވެ. އެއީ ފަސް ފަތުރުވެރިން ކަމަށް އެޗްޕީއޭއިން ކުރިން ވަނީ ބުނެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top