އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރިން އަތޮޅު ކައުންސިލްތައް އުވާލަން ސަރުކާރުން ގާނޫނު އަސާސީއަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މިއިސްލާހުތައް ހުށަހެޅުއްވީ ވެރިކަން ކުރާ ޕީއެންސީގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އެވެ.
އަތޮޅު ކައުންސިލްތައް އުވާލަން ސަރުކާރުން އިސްލާހު ހުށަހެޅީ ގާނޫނުއަސާސީގެ އިތުރުން ލޯކަލް ކައުންސިލްގެ އިންތިޚާބުގެ ގާނޫނަށާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށެވެ.
އެގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނަށް ސަރުކާރުން ހުށަހެޅީ “އަތޮޅު ކައުންސިލް”، މި ލަފުޒު އުނިކުރުމަށެވެ. އޭރުން މި ގާނޫނު އިސްލާހުވެއްޖެނަމަ ދެން އިންތިޚާބުކުރަން ޖެހޭނީ ސިޓީ ކައުންސިލަރުންނާއި ރަށު ކައުންސިލަރުންނެވެ.
ހަމަ އެހެންމެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށްވެސް “އަތޮޅު ކައުންސިލް”، މި ލަފުޒު އުނިކުރުމަށް ހުށަހެޅުމުގެ އިތުރުން، މުޅި އަތޮޅު ކައުންސިލްގެ ބާބު އުނިކުރުމަށާއި، އަތޮޅު ކައުންސިލްތަކުގެ ބަދަލުގައި ރަށު ކައުންސިލްތަކުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ރިޕޯޓުކުރަން ޖެހޭ ގޮތް ހެދުމަށާއި، 2،000 މީހުންނަށްވުރެ އާބާދީ މަދު ރަށްރަށުގެ ކައުންސިލަރުންގެ އަދަދު ތިނަކަށް މަދުކުރަން ހުށަހަޅާފައިވެއެވެ.
މީގެ އިތުރުން، މި ގާނޫނު އިސްލާހުކޮށްފިނަމަ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން ތިބޭނީ އިންތިޚާބުކުރާ ކައުންސިލަރުންގެ އަދަދަށެވެ. އެއީ 2،000 އަށް ވުރެ މަތީ އާބާދީއަކުން ފަސް ކައުންސިލަރުން އިންތިޚާބުކުރާ ނަމަ އެ އަދަދަށެވެ. އަދި އެ ކޮމިޓީތަކުގެ ރައީސުން ހޮވަންޖެހޭނީ އެ ރަށެއް ނުވަތަ ސިޓީއެއްގެ ރައްޔިތުން ކަމަށް ވެސް އެ އިސްލާހުގައިވެއެވެ.
އަންނަ އަހަރު ލޯކަލް ކައުންސިލް އިންތިހާބު ބާއްވަންޖެހޭނީ މި އިސްލާހުތަކާ އެއްގޮތަށް ކަމަށްވެސް އިސްލާހުތަކުގައިވެ އެވެ.
ދައުލަތުގެ މީޑިއާ ‘ޕީއެސްއެމް’ގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ސެޕްޓެމްބަރު މަހު ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، އަތޮޅު ކައުންސިލްތަކަކީ މިހާރު އޮތްގޮތުން ލާމަރުކަޒީ ނިޒާމަށް ލެވިފައިވާ އިތުރު “ލޭޔަރެއް” ކަމަށާއި، ސަރުކާރުގެ ވިސްނުމަކީ މިހާރު އަތޮޅު ކައުންސިލްތައް އެކުލަވާލާފައި އޮތްގޮތް ބަދަލު ކުރުން ކަމަށެވެ.
އަތޮޅު ކައުންސިލްތައް އުވާލުމުގެ އިތުރުން އާބާދީއަށް ބަލައި, ރަށްރަށުގެ ކައުންސިލްތަކުގެ ސައިޒް ކުޑަކުރައްވާނެ ކަމަށް ވެސް ރައީސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.






