ސުނާމީއެއް އުފެދިއްޖެނަމަ މިހާރު އެނގޭނެ: މެޓް އޮފީސް

132827812_4153827387978704_5938637692464402600_n-1.jpg

ސުނާމީއެއް އުފެދިއްޖެނަމަ އެނގޭނެ ގާބިލުކަން ރާއްޖޭގައި މިހާރު އެބަހުރި ކަމަށް މެޓް އޮފީހުން ބުނެފި އެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މެޓް އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަރ އަލީ ޝަރީފް ރޭ ވިދާޅުވި ގޮތުގައި 2004 ވަނަ އަހަރުގެ ޑިސެމްބަރު 26 ގައި ސުނާމީ ހާދިސާ ދިމާވިއިރު އެފަދަ ކަންކަން ދުރާލާ ބެލޭނެ ވަސީލަތެއް ގާއިމުކުރެވިފައި ނެތަސް އެ ކާރިސާ އަށްފަހު ރާއްޖޭގައި ބިން ހެލުން ބެލޭނެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ފެށިއެވެ.

އެގޮތުން އިންޓަނެޓް މެދުވެރިކޮށް ދުނިޔޭގެ ވިއުގައިން ލިބޭ މައުލޫމާތު ރާއްޖެއަށް ވަގުތުން ލިބޭނެ ގޮތް ހަމަޖެއްސި ކަމަށާއި އޭގެފަހުން ހދ.ހަނިމާދޫ އާއި ގދ.ކާޑެއްދޫ ގައި، ބިންހެލުމެއް އަތުވެއްޖެނަމަ އެކަން އެނގޭނެ ނިޒާމެއް ބެހެއްޓި ކަމަށް ޝަރީފް ވިދާޅުވި އެވެ.

“އެއީ ހަމަ ބްރޯޑްބޭންޑް ސިސްފޯމީޓަރ މިހާރުވެސް ބޭނުންކުރާ ނިޒާމު. މިއާއެކީގައި މި ރީޖަންގައި ވެސް ވަރަށް ބޮޑަށް ތައްޔާރުވަމުން އައީ ބޮޑު ވިއުގައަކުން ދުނިޔޭގެ ނިޒާމު ގުޅާލުމަށް. އެހެންވީމާ ރާއްޖޭގެ ބްރޯޑްބޭންޑް މީޓަރު ވެސް ވަނީ މިހާރު ނެޓްވޯކަށް ލެވި ގަވާއިދުން ކިތަންމެ ކުޑަ ބިންހެލުމެއް އަޔަސް އޭގެ މައުލޫމާތު ވަގުތުން ލިބޭނެ” ޝަރީފް ވިދާޅުވި އެވެ.

މީގެއިތުރުން ސުނާމީ އުފެދިއްޖެނަމަ ސުނާމީ ދަތުރުކުރާނެ ގޮތާއި ސުނާމީގެ ހަރަކާތްތައް ހުންނަގޮތް ބެލުމުގައި ގާބިލުކަން ވެސް މިހާރު އެބަހުރި ކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި 2004 ވަނަ އަހަރު ބެހެއްޓިފައި ހުރި ދިޔަވަރު ބަލާ ނިޒާމު ތަރައްގީކުރެވި މިހާރު އެ ނިޒާމު ވެސް ހުރީ ރާޅުތަކާ އެއްޗެހި ދެނެގަނެވޭ މިންވަރަށް ބަދަލުކުރެވިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާ ގައި ރާއްޖެ އިން ވަނީ 82 މީހުން މަރުވެ، 26 މީހުން ގެއްލިފައެވެ. ސުނާމީ ކާރިސާގައި ދިވެހިން ދެއްކި އެއްބައިވަންތަކަމާ ގުޅުވައި ކޮންމެ އަހަރެއްގެ ޑިސެމްބަރު 26 ވަނަ ދުވަސް ފާހަގަ ކުރަމުން އަންނަނީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top