ތުޅާދޫ ކަނޑުތޮށީގެ މަސައްކަތަކީ ސަރުކާރުން ކުރާ ބޮޑު އިސްރާފެއް – ތުޅާދޫ ކައުންސިލް

image229.jpg

ތުޅާދޫ ބަނދަރުގެ ކަނޑުތޮށި ހެދުމަށް ސަރުކާރުން އެރަށުގައި ކުރިޔަށް ގެންދާ ޕްރޮޖެކްޓަކީ ދައުލަތުގެ ބަޖެޓުން ކުރާ ބޮޑު އިސްރާފެއްކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ތުޅާދޫ ކައުންސިލް މެންްބަރު އަހްމަދު ރަޝީދު އީވީއާ ވާޙަކަ ދައްކަވަމުން އިއްޔެ ވިދާޅުވީ 2014 ވަނައަހަރު ސަރުކާރުން ފެށި އެރަށު ކަނޑުތޮށީގެ މަސައްކަތް ނުނިމި ދިގުލައިގެން ދިއުމަކީ ގަބޫލުކުރެވޭނޭ ކަމެއްނޫންކަމަށާ، އެޕްރޮޖެކްޓް ކުރިޔަށް ނުގޮސް މަޑުޖެހުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން އެތައް ފައިސާއެއް އިސްރާފް ކުރެވެމުންދާކަމަށެވެ. އޭނާ ވިދާޅުވީ ޕްރޮޖެކްޓްގެ މަސައްކަތް ކުރާ ދުވަހަށްވުރެ ނުކުރާދުވަސްތައް ގިނަކަމަށާ، މިއީ ބަލައިގަންނަން ފަސޭހަ ކަމެއްނޫންކަމަށެވެ.

“އަޅުގަނޑަށް ބުނަން ކެރިދާނެ މިދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި މަސައްކަތުގެ ހަތްދިހަ ޕަސެންޓް ދުވަހު ސައިޓް މީހުން އެއްވެސް މަސައްކަތެއް ނުކޮށޭ އެތިބެނީ. އެއްދުވަހު ބެނެފާނެ ހިލަ ނެތިގެންނޭ މަސައްކަތް ކުރިޔަށް ނުދަނީ. އަނެއް ދުވަހު ބުނެފާނެ ހައިމާކު ދަތެއް ބިނދިގެންނޭ. ކިހާބޮޑު އިސްރާފެއްތޯ މީ ދެއަހަރުންވެސް މިއުޅެނީ ކަނޑުތޮށިގަނޑު ޖަހާނުލެވިގެން.” މަސައްކަތް ކުރާ ގޮތާ މެދު ހިތްހަމަ ނުޖެހުން ފާޅުކުރަމުން ރަޝީދު ވިދާޅުވިއެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ސަރުކާރުން ކުރިޔަށްގެންދާ މިމަޝްރޫއު މަޑުޖެހި ހުއްޓެމުންދާތީ، ރައްޔިތުންގެ ކަންބޮޑުވުން ވަރަށްބޮޑު ކަމަށާ، އޮޑިދޯނިފަހަރަށް ލިބޭ ގެއްލުންވެސް ކުޑަނޫންކަމަށް ރަޝީދު ވިދާޅުވިއެވެ.

“މިހާރު މިއޮތީ އިރުވައިވެފައި. އިރުވައިގައި އެއްގަމު ވާޓަރަށް ޖަހާ ރާޅުތަކާއެކު އޮޑިދޯނިފަހަރަށް ވަރަށްބޮޑެތި ގެއްލުންވާނެ. ބައެއްފަހަރު އެބަހުރި ދޯނިފަހަރު އަޑިޔަށް ގޮސްފައިވެސް” ރައްޔިތުންގެ ކަންބޮޑުވުން ރަޝީދު ހާމަކުރެއްވިއެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ތުޅާދޫ ބަނދަރުގެ ކަނޑުތޮށީ ހެދުމުގެ މަޝްރޫއު ސަރުކާރުން ފެށީ 2014 ވަނައަހަރުގެ ތެރޭގައެވެ. ތުޅާދޫ ކައުންސިލުން ބުނީ މިޕްރޮޖެކްޓްގެ ދަށުން ބަނދަރުގެ ބޭރުން ބާރަސަތޭކަ ފޫޓް ދިގު ސަރަހައްދެއްގައި ބޮޑުހިލައިގެ ތޮއްޓެއް ލާނެކަމަށެވެ. އެކައުންސިލުން ބުނީ ކަނޑުތޮށީގެ މައިގަނޑު މަސައްކަތް ނުފެށި އޮތްއިރު މަސައްކަތަށް ބޭނުންވާ މެޝިނަރީއާ، ހިލަ އެރަށަށް ގެނައިފަހުން ވެސް އެތަކެއްދުވަސް ވެފައިވާކަމަށެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top