ތުޅާދޫ ސިލްވަ ޝައިން ކްލަބަށް 50 އަހަރު. ރަން ޔޫބީލް ޝަރަފްވެރި ކޮށްދެއްވީ ރައީސް ވަހީދު

big_n1LjKTFd6DHIuKSZ1RPprFkYy.jpg

ބ.ތުޅާދޫ ސިލްވަޝައިން ކްލަބް (ޓީއެސްއެސްސީ) އަށް 50 އަހަރު ފުރުމުގެ އިހުތިފާލުތައް މި އީދު ތެރޭގައި ކުރިއަށް އެބަދެއެވެ. މި އިހްތިފާލު ޝަރަފްވެރި ކޮށްދެއްވީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކެވެ.

ރަންޔޫބިލް ރަސްމިއްޔާތު ޝަރަފް ވެރި ކޮށްދެއްވުމުގެ ގޮތުން އަންގާރަ ދުވަހުގެ ރޭ އެރަށުގައި ބޭއްވި ރަންޔޫބީލް ޖަލްސާގައި ވާހަކަ ދައްކަވަމުން ކްލަބުގެ 50 އަހަރުގެ ހިދުމަތާ ގުޅޭގޮތުން ރައީސް ވަހީދު ވަނީ އެހާ ދިގު މުއްދަތަކަށް ޖަމިއްޔާ އަކުން ހިދުމަތް ކުރުމަކީ އާދަޔާ ހިލާފު ބޮޑު ކާމިޔާބެއްގެ ގޮތުގައި ފާހަގަ ކުރައްވާފަ އެވެ. ޓީއެސްއެސްސީން އެ ޖަމިއްޔާގެ ކުރިއެރުމާއި ޖުމްލަކޮށް ތުޅާދޫގެ ކުރިއެރުމާއި ތަރައްގީ އަށް ވަރަށް ގިނަ ވަރަށް ބުރަ މަސައްކަތްތަކެއް އެކި ދާއިރާތަކުން ކޮށްފައިވާ ކަންވެސް ފާހަގަކުރެއްވި އެވެ. އެހެންކަމުން އެ މަސައްކަތްތަކުގައި އެކި ދުވަސްވަރު އުޅުއްވި ހުރިހާ ބޭފުޅުންނަށް ވެސް ރައީސް ވަހީދު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ޓީއެސްއެސްސީ އުފެއްދި ދުވަސްވަރު އެ ޖަމިއްޔާގެ ބައެއް މަސައްކަތްތަކުގައި އެހީތެރިކަން ވެސް ފޯރުކޮށްދެއްވިކަމަށް އިޝާރާތް ކުރައްވައި އެކަމަށް އަލި އަޅުއްވާލައްވައި ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް ޓީއެސްއެސްސީން ކުރާ މަސައްކަތްތަކުގައި އެކި ގޮތްގޮތަށް އެހީތެރިކަން ފޯރުކޮށް ދެއްވާނެ ކަމުގައެވެ.

މަދަނީ ޖަމިއްޔާތަކުގެ ދައުރާއި މުހިއްމު ކަމުގެ މައްޗަށް ވާހަކަދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ޑިމޮކްރަސީއެއްގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ބަޔަކީ މަދަނީ ޖަމިއްޔާތައް ކަމަށެވެ. އެހެންކަމުން މަދަނީ ޖަމިއްޔާތައް ބާރުވެރިކުރުވުމަށާއި ތަރައްގީގެ މަސައްކަތްތަކުގައި ޖަމިއްޔާތަކުގެ ބައިވެރިވުން މިހާރަށް ވުރެ އިތުރުކުރުމަށް ދައުލަތުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

“އަދިވެސް މިފަދަ ޖަމިއްޔާތަކަށް އެކަށީގެންވާ އެހީތަކެއް ލިބޭނެ ގޮތްތަކެއް އިންތިޒާމު ކުރެވިފައެއް ނެތް. އާދެ އަޅުގަނޑުމެން މި ރާއްޖެއަށް ޑިމޮކްރަސީ ގެނެސްގެން އުޅޭއިރުގައި ޑިމޮކްރަސީގެ އެންމެ މުހިއްމު އެއް ބަޔަކީ މަދަނީ ޖަމިއްޔާތައް. އެހެންވީމާ މި ޖަމިއްޔާ އަކީ ވެސް ޑިމޮކްރަސީގައި ހަމަ ވަރަށް މުހިއްމު ބައެއް. އެކަމަށްޓަކައި އެހީތެރިވުމަކީ އެއީ ޑިމޮކްރަސީއެއް ކުރިއަށް ގެންދިއުމަށްޓަކައި [ދައުލަތުން] ކުރަންޖެހޭ ކަމެއް،” ރައީސް ވަހީދު ވިދާޅުވި އެވެ.

ރައީސް ވަހީދު ވަނީ ކޮންމެ މީހަކު ވެސް އެމީހެއްގެ އަމިއްލަ ޝައުގުގައި ޖަމާއަތަށް ހިދުމަތްކުރުމަށް ވެސް ގޮވާލައްވާފައެވެ. ރާއްޖެއިން އެ މަންޒަރު ފެންނަމުންދާ ކަން ފާހަގަކުރައްވައި ވިދާޅުވީ ރާއްޖޭގައި ޖަމިއްޔާތައް ހިންގާ މީހުން އެ މަސައްކަތަށް ވަރަށް ގިނަ ވަގުތު ހުސްކުރާ ކަމަށެވެ. އަދި އެމީހުންނަށް ލިބޭ އާމްދަނީ އަކުން ޖަމިއްޔާތަކަށް ހަރަދު ކުރާ މީހުން ތިބި ކަން ފާހަގަކުރެއްވި އެވެ.

ރަށްރަށުގެ ތަރައްގީއަށް ޖަމިއްޔާ ތަކުން މަސައްކަތް ކުރާއިރު ވަކި ބައެއްގެ މަސްލަހަތަށް ފައިދާވާ ގޮތަށް ކަންކަން ކުރުމުގެ ބަދަލުގައި އެންމެންނަށް ކުރިއެރުމާއި ތަަރައްގީއާއި ފައިދާ ލިބޭ ގޮތަށް މަސައްކަތް ކުރުމަށްވެސް ރައީސް ވަހީދު ވަނީ އިލްތިމާސް ކުރައްވާފަ އެވެ. ރައްޔިތުންނަށް ކުރިއެރުމާއި ތަރައްގީ ހޯދައިދިނުމަށް ކުރާ މަސައްކަތުގައި ވާދަވެރިކަން ގެންގުޅުނު ނަމަވެސް އެކަން ވަކި ހަމައަކާއި އުސޫލެއްގެ ތެރޭގައި ގެންގުޅުމަށްވެސް އެދިވަޑައިގެންނެވި އެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top