ރާއްޖޭގައި އެންމެ ބޮޑަށް ނުރައްކާއޮތީ ސިޔާސީގޮތުން ހަރުކަށި ވިސްނުމުގެ މީހުންގެ ފަރާތުން ކަމަށް ރައްތ=ޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީދަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
ސަލީމް މިހުން ވިދާޅުވީ، ގައުމުގައި މިއަދު ކަންކަން ވަމުންދާ ގޮތް ގާތުން ބެއްލެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިދިކޮޅު ޕީޕީއެމް، ޕީއެންސީއަށް ގޮވައިލެއްވުމާ ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
Raahje ah emme nurahkaa othee shiyaasee harukashi visnumuge meehunge faraathun efadha meehun verikan hoadhumah komme fadha masahkatheh ves kohfaane pic.twitter.com/TtCqtwkN5M
— Ahmed Saleem (@redwave_saleem) July 22, 2021
ސަލީމް ވިދާޅުވީ ސިޔާސީ ހަރުކަށި ފިކުރުގެ މީހުން ވެރިކަން ހޯދުމަށް ކޮންމެ ފަދަ މަސައްކަތެއް ވެސް ކޮށްފާނެ ކަމަށެވެ.
އިންޑިއާގެ “ވިއޯން” ޗެނެލަށް ރައީސް ނަޝީދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ހަރުކަށި ފިކުރުގެ މައްސަލައަށް ހައްލެއް ނުހޯދިއްޖެ ނަމަ، ރާއްޖެއަށް ދުވަހަކުވެސް ހަމަޖެހުމެއް ނެތް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް މަސައްކަތްކުރަންވީ އެ މައްސަލައަށް ހައްލު ހޯއްދެވުމަށް ކަމަށެވެ.
އާ ގާނޫނު އަސާސީއާއެކު ބޭއްވި ތިން ރިޔާސީ އިންތިހާބާއި ހަތަރު މަޖިލިސް އިންތިހާބާއި ތިން ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް އެންމެންވެސް ދައްކަމުން ދިޔައީ ހަރުކަށި ފިކުރަށް ރާއްޖެއިން ޖާގައެއް ނެތްކަން ކަމަށާއި ނަމަވެސް ވެރިކަމަށް އާދެވެނީ އެމީހުންގެ ތާއީދާއެކު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވުމާ ގުޅިގެން، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވެސް ވަނީ ޓެރަރިޒަމާއި ހަރުކަށި ފިކުރު ފަތުރާ މީހުން ތިބީ ސަރުކާރުގައި ކަމަށް ތުހުމަތުކުރައްވާފައެވެ. ޝަރީފް ވިދާޅުވީ ފުރަތަމަ ކަމަކަށް ސަރުކާރުގެ އެތެރެ ސާފުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ގޮވާލައްވާފައެވެ.