ރައްޔިތުންގެ ބައްދަލުވުން – ގިނަ ހަމަލާތައް އިގްރާ ޕްރީސްކޫލާ، ކުނީގެ މައްސަލައަށް

20562827_10155082769568402_2132344181_n.jpg

މިރޭ އޭދަފުށީ މަލްޓިޕާޕަސް ހޯލްގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން. ކައުންސިލަށް މިރޭޥެސް ގިނަ ސުވާލުތަކެއް ކުރިމަތިކުރި / ފޮޓޯ: އޭދަފުށީ ކައުންސިލް

އޭދަފުށީގެ އާ ކައުންސިލް ހޮވި ފަހުން ބޭއްވި ރައްޔިތުންގެ ފުރަތަމަ ބައްދަލުވުމުގައި އިގްރާ ޕްރީސްކޫލް މައްސަލައާއި، އޭދަފުށީގެ ކުނި ނައްތާލުމުގެ މަޝްރޫއަށް ފާޑުކިޔައި، ބައެއް ރައްޔިތުން ކައުންސިލަށް ބަހުގެ ހަމަލާތަކެއް ރައްދުކޮށްފިއެވެ.

މިރޭ އޭދަފުށީ މަލްޓިޕާޕަސް ހޯލުގައި ބޭއްވި ބައްދަލުވުމުގައި ކައުންސިލުން ވަނީ ވޭތުވެދިޔަ ހަމަސްދުވަހު ކައުންސިލްގެ ހަރަދުތަކާއި، ކައުންސިލް ހިނގާދިޔަގޮތުގެ ރިޕޯޓެއް ރައްޔިތުންނާ ހިއްސާކޮށްފައެވެ. ރައްޔިތުންގެ ސުވާލުތަކަށް ފުރުސަތު ހުޅުވާލުމުން އެންމެ ގިނައިން ކުރި ސުވާލަކަށްވީ އޭދަފުށީ ކުނި މެނޭޖްކުރުމުގެ މަޝްރޫއުން ބޮޑު ގެއްލުމެއް ވަމުންދާތީ، އެކަން ހައްލުކުރުމަށް އެއްވެސް ފިޔަވަޅެއް ކަ ނާޅަނީ ކީއްވެގެންތޯއެވެ. އަދި ކުނި އުކުމަށް ރަޖިސްޓްރީ ވެފައިވާ ގޭގެއިން ބަރާބަރަށް ކުލި ލިބޭތޯއާއި، ރަޖިސްޓްރީ ނުކުރާ ގޭގެއާމެދު އަމަލުކުރަނީ ކިހިނެއްކަންވެސް ރައްޔިތުންގެ ތެރެއިން ސުވާލުކުރި ބައެއް މީހުން އެހިއެވެ.

ކައުންސިލްގެ ފަސް މެންބަރުންނާއި، ޒިންމާދާރުވެރިޔާ ރިޔާސަތު ބެލެހެއްޓެވި މިޖަލްސާގައި ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާން ވިދާޅުވީ ކުނީގެ މަޝްރޫއިން ގެއްލުން ވަމުންދާކަން އެނގިވަޑައިގަންނަވާ ކަމުގައެވެ. އެކަމުގެ މައުލޫމާތު ކައުންސިލުން އެއްކޮށް، އެކަށީގެންވާ ފިޔަވަޅު ވަރަށް އަވަހަށް އަޅާނެކަމަށާ، ކުރީގެ ކައުންސިލުން ފެށި މިޕްރޮޖެކްޓްގައި ދޯދިޔާ ކަންކަން އެބަހުރި ކަމަށް ގަބޫލު ކުރެވޭ ކަމަށް ވިދާޅުވެ އެކަންކަން ހަމަޔަކަށް އެޅުވުމަށް ރަށުގެ ކަމުވޮށިގެންވާ ބޭފުޅުންނާ ފުޅާ ދާއިރާއެއްގައި މަޝްވަރާތަކެއް ބޭއްވުމަށް ވިސްނާފައިވާކަމަށް ތޮލާލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކުނިއުކުމަށް ރަޖިސްޓްރީ ކޮށްފައިވާ ތަންތަނުގެ ތެރެއިން ވަރަށް މަދު ގެއަކުން ނޫނީ ބަރާބަރަށް ފީ ދައްކާ ކަމަށާ، ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންދާނޭކަމަށެވެ.

“އަޅުގަނޑުމެން ވަރަށް ގާތުން ބަލަމުން މިދަނީ ކުނީގެ މަޝްރޫއު. އެކަމުގައި އެބަހުރި ބައެއް ކަންކަން ގޯސްކޮށް. މިކަން އިސްލާހް ކުރުމަށް ކައުންސިލާ، ރައްޔިތުންގެ މަޝްވަރާއާއެކު ހަރުދަނާ ފިޔަވަޅުތަކެއް ވަރަށް އަވަހަށް އަޅަންފެށޭނެ” މިދިޔަ މަހުގެ 3 ވަނަދުވަހު ކައުންސިލްގެ މެންބަރު ކަމުގެ ހުވާކުރެއްވި ތޮލާލް ވިދާޅުވިއެވެ.

ކުނީގެ މައްސަލައަށްފަހު އެންމެ ބޮޑަށް ހޫނުވި އަނެއް މައްސަލައަކީ ބަހިއްޔާ ޕްރީ ސްކޫލް އިޤްރާ އިންޓަނޭޝަނަލް އާއި ގުޅިގެން ހިންގުމަށް ކައުންސިލުން ނިންމާފައިވާ މައްސަލައެވެ. މިމައްސަލަ މިހާރު އެންޓި ކޮރަޕްޝަން ކޮމިޝަނާއި، އަތޮޅު ކައުންސިލުން ބަލަމުންދާތީ، ތޮލާލް މިކަމަށް މާއެދެވޭ ޖަވާބެއް ނުދެއްވައެވެ. އޭނާ ވިދާޅުވީ އެކަމުގައި ނޭދެވޭ ކަންތައްތަކެއް ހިނގާފައިވާކަމަށެވެ.

“އެކަން ބަލަމުންދަނީ. ދެން އަޅުގަނޑުމެން މިވަގުތަށް އެމަސައްކަތް ކުރިޔަށް ގެންދިއުން މަޑުޖައްސާލާފައި އޮންނާނީ.  މިކަމުގައި ނޭދެވޭ ގޮތަކަށް ކަންކަން ގޮސްފައި ހުރިކަން ފާހަގަކުރެވޭ”

ރައްޔިތުންގެ ތެރެއިން އަންހެން ފިރިހެން ޖުމްލަ 80 އަށްވުރެ ގިނަ މީހުން ހާޒިރުވި މިބައްދަލުވުމުގައި އޭދަފުށީ ބަނދަރު އެއްގަމު ތޮށިމައްޗަށް މަސްބާލައި، މަސްކެނޑުމުގެ މައްސަލާގައިވެސް ބައެއް މީހުން ސުވާލުކުރިއެވެ. އަދި މަސްމާރުކޭޓެއް ނެތުމާއެކު، އެކަން ކުރާނޭ ވަކިސަރަހައްދެއް ކައުންސިލުން ކަނޑައަޅަންވެސް ބައެއް މީހުން ގޮވާލިއެވެ.

ބައްދަލުވުމަށް ފަހު އީވީއާ ވާހަކަ ދައްކަމުން ކައުންސިލްގެ ރައީސް ތޮލާލް ވިދާޅުވީ “ރައްޔިތުންގެ ޝަކުވާތައް އަޑު އިވިއްޖެ ކަމަށާ، ގޯސްކޮށް ހުރިކަންކަން އެންމެން ގުޅިގެން މަސައްކަތް ކުރުމުން ހައްލުކުރެވޭނެ ކަމަށާ، އެކަންކަން ކުރާނީ މަޝްވަރާގެ އުސޫލުން” ކަމަށެވެ. އޭނާ ވިދާޅުވީ އޭދަފުށީގެ ކަންކަން ނިންމުމުގައި ރައްޔިތުންގެ ހިއްސާ މިކައުންސިލުން ވަރަށްބޮޑަށް ބޭނުންކުރާނެކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top