އޭދަފުށިން ޕެޓްރޯލް ހުސްވެއްޖެ!

0_1437651047pet_news.jpg

ބ. އޭދަފުށިން ޕެޓްރޯލް ހުސްވެ ދުއްވާ އުޅަނދުފަހަރަށް ދަތިތަކާ ކުރިމަތިވެއްޖެއެވެ.

ބ. އޭދަފުއްޓަށް ޕެޓްރޯލް އެތެރެކޮށް އޭގެ ވިޔަފާރިކުރާ އޭދަފުށީ ސްޓޯން ފިހާރައިން ބުނީ ޕެޓްރޯލް ހުސްވީ އިއްޔެ ކަމަށާ، މިހާރުވެސް ޕެޓްރޯލް ހޯދަން ގިނަބަޔަކު އަންނަމުންދާކަމަށެވެ. އެފިހާރައިން ވާހަކަދެއްކި އިބްރާހީމް ފައުޒީ ބުނީ ޕެޓްރޯލް ހުސްވަން ދިމާވީ މިދިޔަ ހަފްތާތެރޭގައި ރަށުގެ އެހެން ސަޕްލަރުން އަތުން ޕެޓްރޯލް ހުސްވުމާގުޅިގެން އާދަޔާ ހިލާފަށް ޕެޓްރޯލް ޑިމާންޑް ބޮޑުވުމުންކަމަށެވެ.

“މިދިޔަ ދެދުވަހު ދުވާލަކު ދެހާހަށްވުރެ ގިނަ ލިޓަރު ޕެޓްރޯލް ވިއްކައިފިން. ގިނައީ ހަމަ ސައިކަލާ، ޑިންގީކަހަލަ އުޅަނދުތައް. މިހާރު މުޅިން ހުސްވެފަ މިހުރީ.” ފައުޒީ ބުންޏެވެ.

ފައުޒީ ބުނީ އެފިހާރައަށް ދިހަހާސް ލިޓަރުގެ ޕެޓްރޯލް ގެނައުމަށް މިހާރު އޯޑަރު ކޮށްފައިވާ ކަމަށާ، ދެދުވަހެއްގެ ތެރޭގައި ޕެޓްރޯލް ލިބޭނެކަމަށް އުއްމީދުކުރާކަމަށެވެ.

ސްޓޯންގެ އިތުރުން އޭދަފުށީގައި ފުޅާ ދާއިރާއެއްގައި ޕެޓްރޯލްގެ ވިޔަފާރިކުރާ ވައިޓްވޯލް ފިހާރައިން ބުނީ ޕެޓްރޯލް ހުސްވިތާ ހަތަރުވަރަކަށް ދުވަސް ވެއްޖެކަމަށާ، ޕެޓްރޯލް ލިބުން ލަސްވަނީ ސްޕްލަޔަރު އަތުގައި ޕެޓްރޯލް ނެތިގެންކަމަށެވެ. އެފިހާރައިގެ އ. މެނޭޖަރ ރާމިޒް ޔޫސުފް ބުނީ ޕެޓްރޯލް ލިބޭނެ ވަކިދުވަހެއް ބުނަން ނޭނގޭ ކަމަށެވެ.

“ސަޕްލަޔަރަށް އޯޑަރު ދީގެން އުޅޭތާ ހަފްތާއަކަށްވުރެ ގިނަވެއްޖެ. އެކަމަކު ނައިސްގެން މިއުޅެނީ. ވަރަށް ގިނަ މީހުން އާދޭ މިހާރުވެސް އޮބިނޯވެގެން މިއުޅެނީ.” ރާމިޒު ބުންޏެވެ.

ރާމިޒު ބުނީ ޕެޓްރޯލް ނުލިބިގެން ބައެއް ޑިންގީތަކާ، ލޯންޗްފަހަރުވެސް ދަތުރުތައް ނުކުރެވިވާކަމަށާ، ސައިކަލް ދުއްވާ މީހުންގެ ކޯލްތައްވެސް މެދުނުކެނޑި ލިބެމުންދާކަމަށެވެ.

އޭދަފުށިން މިފަހުގެ ތާރީހެއްގައި ޕެޓްރޯލް ހުސްވި މިއީ ފުރަތަމަ ފަހަރެވެ. ނަމަވެސް މޫސުން ގޯސްވާ ބައެއް ފަހަރުފަހަރު ގޭސް ހުސްވުމުގެ މައްސަލަ މަދުން ނަމަވެސް ކުރިމަތިވެފައި އެބަހުއްޓެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top