ޓިއުޝަން ދިނުން: ދޫކޮށްލަން ޖެހޭ އާދައެއް

Secondary-Maths-Tuition.jpg

ޓިއުޝަން ދިނުމަކީ ރާއްޖޭގައި ޒަމާނުން ފެށިގެން ހިނގަމުން ދާ ކަމެކެވެ. މާލެއާއި ރާއްޖެތެރޭގައި ވެސް މިހާރު ވެސް ހިނގަމުން އަންނަ އާދައެކެވެ. އެހެންނަމަވެސް މިއީ ހަމަ ކޮންމެހެން ކުރަންޖެހޭ ކަމެއް  ހެއްޔެވެ. ޓިއުޝަނާ ނުލައި ދަރިފުޅަށް ރަނގަޅު ނަތީޖާ އެއް ނުހޯދޭނެ ހެއްޔެވެ. ޓިއުޝަން ދޭ ދަރިންގެ ބެލެނިވެރިން ބުނަނީ ޓިއުޝަން ދޭން ޖެހެނީ ސްކޫލުން ނަގައިދޭ ފިލާވަޅު ދަރިވަރަށް އިތުރަށް އުނގަންނައި ދިނުމަށެވެ.

ބައެއް ބެލެނިވެރިން ދެކޭ ގޮތުގައި ޓިއުޝަނަށް ކުރަންޖެހޭ ހޭދަ ބޮޑުވެ، މިކަން މިހާރު ވަނީ ބޮޑު ވިޔަފާރިއަކަށް ވެއްޖެ އެވެ.

”ކްލާހުގައި މާ ބޮޑަށް ކިޔަވައިނުދީ ހަމަ އެކަނި ޓިއުޝަނަށް އެބަ ފޯކަސް ކުރޭ. ސްކޫލަކީ ބައެއް ޓީޗަރުން ޓިއުޝަން ޕްރޮމޯޓް ކުރަން ދާ ތަނެއް. އެ މީހުން އެބަ ބުނޭ ޓިއުޝަނަށް އަންނަވީ ނޫންހޭ. އޭރުން މާ ރަނގަޅު ވާނެއޭ. ބެލެނިވެރިންނަށް ވެސް ޒަމާނުން ފެށިގެންވެސް ހީކުރެވިފައި އޮންނަނީ ޓިއުޝަނާ ނުލައި ދަރިފުޅުގެ ކިޔެވުން ފުރިހަމަ ނުވާނެ ކަމަށް.“ ބެލެނިވެރިއަކު ބުންޏެވެ.

އެކަމަކު ހަގީގަތަކީ އޯލެވެލްއާއި އޭލެވެލް އިން ދުނިޔޭގެ ފެންވަރުގެ ކާމިޔާބުތައް ހޯދާފައވާ ދަރިވަރުންނާއި ރާއްޖޭގެ ފެންވަރުން ގަދަ ނަންބަރު ތަކުގައި ވާދަކޮށްފައިވާ 98 އިންސައްތަ ކުދިންނަކީ ޓިއުޝަނާ ނުނަގާ ކުދިންނެވެ. އެކުދިން އެކާމިޔާބު ހޯދާފައިވަނީ ކްލާހުގައި ޓީޗަރު ދޭ ފިލާވަޅުތައް ނިންމައި ގޭގައި މުތާލިއާ ކޮށްގެންނެވެ. އެހެންނަމަވެސް މަދު ނިސްބަތެއްގެ ކުދިން އޭ ލެވެލް ނުވަތަ އޯލެވެލް އަށް ތައްޔާރުވަމުން އަންނަ ދުވަސްވަރު ވަކި މާއްދާ އަކުން އިތުރަށް ކިޔަވަން ޖެހޭ ކަމަށް އެކުދިންނަށް ގަބޫލު ކުރެވިގެން މަދު ދުވަސްކޮޅަކު ޓިއުޝަން ނުވަތަ ގްރޫޕް ސްޓަޑީ ހަދައެވެ.

ދާދި ފަހުން ވީޓީވީގެ ‘ބޮޑު ފެންޑާ’ގައި އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދު ވަނީ ޓިއުޝަން ނެގުމުގެ ނުބައި އާދައާއި ބެހޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ.

”ރާއްޖޭގައި ޓިއުޝަން ނެގުމުގެ ސަގާފަތް މިއޮތީ ހަމައެކަނި ސަރުކާރު ސްކޫލުގަ ނުވަތަ އަމިއްލަ ސްކޫލުގައެއް ނޫން. ނުވަތަ އިންޓަނޭޝަނަލް ސްކޫލުގައެއް ނޫން. ހަގީގަތުގަ މިއީ ހުއްޓާލަންޖެހޭކަމެއް. ކުއްޖަކަށް އިތުރަށް އެއްޗެއް ބުނެދޭން ނުޖެހޭނެއެކޭ ނޫން މިދަންނަވަނީ. އެކި ކުދިން އެކި މާއްދާތަކަށް މޮޅުވާނީ. އެހީތެރިކަން ދޭން ނުޖެހޭ ވާހަކައެއް ނޫން.“ ސްކޫލެއްގެ ޕްރިންސިޕަލްގެ މަގާމުވެސް އަދާކުރެއްވި މުޖާހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮންމެ މާއްދާއަކުން ޓިއުޝަން ނަގާ އަދި ގްރޫޕުކޮށް ޓިއުޝަން ނަގާ އޭގެ އިތުރަށް ޓިއުޝަން ކްލާހަކަށް ފޮނުވުން މިއީ ބެލެނިވެރިން އެކުދިން އިތުރަށް މޮޅުވޭތޯ ކުރާ މަސައްކަތެއްކަމަށް  ބެލެވޭކަމަށެވެ.

ހަގީގަތުގަ ކުއްޖާއަށް އެ ދަސްކޮށްދެވެނީ ވަރަށް ގޯސް އާދަތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

”ކްލާހުގައި ކިޔަވަދޭއިރު ފިލާވަޅުތައް އަޑުއަހާ ގެއަށް އައިސް މުތާލިއާކޮށް ފިލާވަޅުތައް ބަލާ، މިޒަމާނުގަ އެބަހުރި ބެލޭނެ އިތުރު ގޮތްތައްވެސް. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ‘ފިލާ ޕޯޓަލް’ގަ އެބަހުރި ކޮވިޑްތެރޭގަ ރިކޯޑްކުރި އޮންލައިންކޮށް ކިޔަވަދިން ފިލާވަޅުތައް. އެހެން ގޮތްގޮތުންވެސް އެބަހުރި ރިފާކުރެވެން ޓެކްސްޓް ފޮތްތަކާއި ވީޑިއޯތައްވެސް. ހަގީގަތުގަ ޓިއުޝަނަކަށް ދާކަށް ނުޖެހޭ އެގޮތަށް” އޭނާ އިތުރަށް ތަފްސީލު ކޮށްދެއްވިއެވެ.

ސްކޫލުތަކުން އިތުރުގަޑި ނަގައިދޭކަމަށާއި، ރަށްރަށުގެ ސްކޫލުތަކުގެވެސް ނަތީޖާ ދުވަހެއް ދުވަހަކަށް ރަނގަޅުވަމުން އަންނަ ކަމަށް ފާހަގަކުރައްވައި މުޖާހިދު ވިދާޅުވީ ވަކިވަކި މާއްދާތަކުން އެހީތެރިކަން ބޭނުންވާ ކުދިންނަށް އެ އެހީތެރިކަން ޓީޗަރުން ފޯރުކޮށްދޭ ކަމަށެވެ. އެހެންކަމުން ޓިއުޝަން ނެގުމުގެ އާދަ ހުއްޓާލަން ޖެހޭ ކަމަށް ތަކުރާރުކޮށް މުޖާހިދު ވިދާޅުވިއެވެ.

ރަށްރަށުގެ ސްކޫލް ތަކުގައި ކިޔަވަދޭ ބައެއް ޓީޗަރުން ސްކޫލުގައި ރަނގަޅަށް ފިލާވަޅު ބުނެދިނުމުގެ ބަދަލުގައި ޓިއުޝަން ނަގައިދީގެން ބޮޑެތި އަދަދަުތަކުން ފައިސާ ހޯދާ ވާހަކައަކީ އަހަރެމެންގެ ތެރޭގައި ދެކެވެމުން ދާ ވާހަކައެކެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ މި ޕްރޮގްރާމްގައި ވިދާޅުވި ގޮތުގައި ޓިއުޝަން ދިނުމުގެ ކަންތައް ކަންބޮޑުވުމެއްގެ ގޮތުގައި ހިއްސާކުރައްވާ ބެލެނިވެރިން ތިބޭ ކަމަށެވެ.

“މިހާރު މިއޮންނަ ގޮތަށް ޓިއުޝަން ދިނުން މިއީ ހުއްޓާލަންޖެހޭ ކަމެއް. ސަރުކާރުގެ ސްކޫލުތަކުގަވެސް އަދި ޕްރައިވެޓް ސްކޫލުތަކުގަވެސް ‘އިންޑިޕެންޑެންޓް ލާނިންގ’ އަށް އެކުދިންނަށް ފުރުސަތު ހޯދައިދޭންޖެހޭ. އެކަމަށްޓަކައި ކުދިން ތަމްރީން ކުރަން އެބަޖެހޭ. އަޅުގަނޑުމެންގެ އާ ކަރިކިއުލަމްއާ އެކު ބަދަލުވެގެން އައި އެއްކަމެއް އެއީ އެކުއްޖާ އަމިއްލައަށް ޒިންމާ ނަގައިގެން ކިޔެވުމުގެ ކަންތައް ކުރިއަށްގެންދިއުން. އަޅުގަނޑުމެން ޓީޗަރުން ވާންޖެހެނީ ގައިޑް ކޮށްދޭ ބަޔަކަށް. ކުއްޖާ މީހަކަށް ހެދުމަށް އެހީތެރިވެދޭ ބަޔަކަށް. އެކަންކުރަން ޓިއުޝަން މުހިންމެއް ނޫން. ޓިއުޝަނާ ނުލާވެސް އެކަން ކުރެވޭނެ” ސްކޫލް ޕްރިންސިޕަލް އެއްގެ މަގާމުވެސް އަދާކުރެއްވި އަހުމަދު އަލީ ވިދާޅުވިއެވެ.

ޓިއުޝަން ނުނަގާ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުން ބައިވަރެވެ. މޮޅު ކުއްޖަކަށް ވުމަށް ބޭނުންވަނީ ދަސްކުރުމާއި ދެނެގަތުމެވެ. ސްކޫލުގައި ކިޔަވަދޭ ޓީޗަރުންގެ ފުރިހަމަ އެހީތެރިކަމެވެ. ފިލާވަޅު އެކި ވަރަށް ފަހުމްވާނެ ދަރިވަރުން ތިބޭނެކަން ގަބޫލުކޮށް އެފަދަ ދަރިވަރުންނަށް ޓިއުޝަނާ ނުލާ ފިލާވަޅު އުނގަންނައި ދިނުމަށް ޓީޗަރުންގެ އެހީތެރިކަމުގެ އިތުރަށް ޒަމާނީ ވަސީލަތްތައް ބޭނުން ކުރެވިދާނެއެވެ.

ހަނދާން ކުރައްވާށެވެ.! ޓިއުޝަން ނަގަންވާނީ އިތުރު އެހެން އެއްވެސް ގޮތެއް ނެތުމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top