ހިތާދޫގެ ވަޅުފެން ބޭނުން ނުކުރެވޭތީ ކައުންސިލުން ކަންބޮޑުވެއްޖެ

HITaDu.jpg

ބ. ހިތާދޫ

ބ.ހިތާދޫގައި ފެންހޮޅި ނޭޅި ގިނަދުވަސް ވަމުން ދާތީ އެރަށުގެ ފެން ބޭނުންނުކުރެވޭ ދަރަޖައަށް ހިނގައްޖެކަމުގައި ހިތާދު ކައުންސިލުން ބުނެފިއެވެ.

ހިތާދު ކައުންސިލުން ބުނީ އެރަށުގެ ފެން ފަށަލަ މުޅިން ހަލާކުވެފައިވާ ކަމަށާއި މިހާރު ވަޅުފެން ބޭނުން ނުކުރެވޭ ވަރަށް ގޯސްވެފައިވާކަމުގައެވެ. ހިތާދޫ ކައުންސިލްގެ ރައީސް އަބްދުއްރަޝީދު އަބްދުލް ޣަފޫރު އީވީއަށް ވިދާޅުވީ ސަރުކާރުން އެރަށުގެ ފެންހޮޅި ޕްރޮޖެކްޓް ބަޖެޓްކޮށްފައިވިޔަސް މަސައްކަތް ފެށޭ ގޮތް ނުވަނީ ކީއްވެގެންކަން ދަންނަވަން ނޭގޭ ކަމުގައެވެ.

“2015ވަނަ އަހަރު ބަޖެޓުގައި ހަތަރު މިލިއަން ރުފިޔާ ކަނޑައެޅި. އެއަހަރު ވީވަރަކީ ޑިޒައިން ތައްޔާރުކުރީ ހަމަ އެކަނި. މިއަހަރު ޚަބަރެއް ނެތް . އަންނަ އަހަރުގެ ބަޖެޓްގައިވެސް ފެންނާކަށް ނެތް. “ރަޝީދު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ރަށުގެ ވަޅުފެނުގައި ނުބައި ވަސް ދުވުމާ  ފެނުގެ ކުލަވެސް ތަޣައްޔަރު ވެފައިވާކަމަށާއި އެ ފެނުން ފެންވަރައިފިނަމަ ވާރޭ ފެނުން ދޮންނަން ޖެހިފައިވާކަމަށެވެ.

“ވަރަށް ގިނަ ގޭގައި މިހާރުވެސް އޮކްސިޖަން ޕަންޕެއް ވަޅަށް ލައިގެން ބޭނުންކުރަނީ. ފެންވެރިނަމަވެސް ފެންވަރައިފިކަމުގެ ހިތްހަމަ ޖެހުމެއް ނުލިބޭ. ފެނުގައި ދުވަނީ ދިވެހިން މިކިޔާ ފާވަސް. “

ހިތާދޫ ކައުންސިލުން އިތުރަށް ބުނީ އިރުވައި މޫސުމުގެ ދުވަސްވަރު  އެރަށުގެ އިރު އުތުރު ސަރަހައްދުގެ ގޭގޭގެ ފެންވެސް ބޭނުންނުކުރެވޭ ވަރަށް ލޮނުވެފައިވާ ކަމަށާ މިއީ ކަންބޮޑުވާ މައްސަލައެއް ކަމުގައެވެ.

“ވަރަށް ހާލުގައި ރައްޔިތުން މިއުޅެނީ. ވަރަށް ބޮޑެތި ކަންބޮޑުވުން އެބަހުރި. މިކަން ސަރުކާރުގެ ސަމާލުކަމަށް ކެނޑިނޭޅި ދަންނަވަމުން މި ގެންދަނީ . “ރަޝީދު އިތުރު ކޮށްލެއްވިއެވެ.

ހިތާދޫ ކައުންސިލުން ބުނީ ފެންފަށަލަ އަށް ބޮޑު ގެއްލުމެއް ލިބިފައިވަނީ 2004ގެ ސުނާމީ ކާރިސާ އާ ގުޅިގެން ކަމުގައެވެ. އޭގެ ފަހުން ކޮންމެ އަހަރެއްގެ ހޫނު މޫސުމުގައި ސަރުކާރުން އެރަށަށް ޕްލާންޓް ފެން ފޯރުކޮށްދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top