ހެޔޮއެދޭ ފަރާތަކުން މިއަހަރުވެސް ރ. އަތޮޅުގެ ކޮންމެ ރަށަކުން މީހަކު ހައްޖަށް ފޮނުވަނީ

large_175949696147VXh9.jpg

ހައްޖަށް ބަޔަކު ފުރުން:

ހެޔޮ އެދޭ ފަރާތަކުން މި އަހަރު ވެސް، މާލީ ތަނަވަސްކަން ނެތުމުން ހައްޖަށް ނުދެވިފައި ތިބި ރ. އަތޮޅު މީހުންނަށް އެ ފުރުސަތު ތަނަވަސް ކޮށްދީފި އެވެ.

އެ ފަރާތުން ވަނީ ރ. އަތޮޅުގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން އެކަކަށް އެ ފުރުސަތު ދިނުމަށް ނިންމާފައެވެ. އެ ފުރުސަތު ހުޅުވާލާފައިވަނީ 40 އަހަރު ފުރި، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ހައްޖުގެ އަޅުކަން އަދާނުކުރެވިފައި ތިބި މީހުންނަށެވެ.

ރ. އަތޮޅުގެ ރަށްރަށުގެ ކައުންސިލުތަކުން ކޮށްފައިވާ އިއުލާނުތަކުގައި ވަނީ، މި ޝަރުތުތައް ހަމަވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް އެކަމަށް އެދި ސިޓީއާއި އައިޑީކާޑުގެ ސާފު ކޮޕީއެއް، ކައުންސިލުތަކުގެ އިދާރާތަކަށް ހުށަހަޅައިދިނުމަށް އެދިފައެވެ. އަދި ޝަރުތު ހަމަވާ އެކަކަށްވުރެ ގިނަ މީހުން ކުރިމަތިލައިފިނަމަ، ހައްޖަށް ދިއުމުގެ ފުރުސަތު ދެވޭނީ ގުރުއަތުލައިގެން ކަމަށް ވެސް ކައުންސިލުތަކުގެ އިއުލާނުގައިވެއެވެ.

މިކަމާ ގުޅިގެން ރ. ދުވާފަރު ކައުންސިލުގެ ރައީސް ޙަސަން ޙަކީމާއި އެ އަތޮޅު މީދޫ ކައުންސިލުގެ ރައީސް ޙަސަން ޝަރީފް ‘ސަން’އަށް ވިދާޅުވީ، ހެޔޮ އެދޭ ފަރާތަކުން އެ އަތޮޅުގެ ކޮންމެ ރަށަކުން އެކަކަށް ހައްޖުގެ އަޅުކަން އަދާކުރުމަށް އަމިއްލަ ޚަރަދުގައި ފުރުސަތު ދޭތާ އަހަރުތަކެއް ވެއްޖެ ކަމަށެވެ. އެ ގޮތުން، އެ ފަރާތުން އެކަން ކުރާތާ ހަތަރު ވަރަކަށް އަހަރު ވެދާނެ ކަމަށް ޙަކީމް ވިދާޅުވިއެވެ.

ހެޔޮ އެދޭ ފަރާތަކުން ރ. އަތޮޅުގެ ކޮންމެ ރަށަކުން، މާލީ ތަނަވަސްކަން ނެތް އެކަކު އަމިއްލަ ޚަރަދުގައި ހައްޖަށް ފޮނުވުމަށް ފުރުސަތު ހުޅުވާލިއިރު، ފަގީރުންގެ ދަފުތަރުގައި މިހާރު ހައްޖު ނުކުރެވި ތިބި 376 މީހުން ތިބި ކަމަށާއި ސަރުކާރުން މި ދައުރުގައި އެ އެންމެން ހައްޖަށް ފޮނުވައިދޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިދިޔަ އޮކްޓޯބަރު މަހުގެ ކުރީކޮޅު ބުނެފައިވެއެވެ.

މި ސަރުކާރުގެ ފަސް އަހަރު ތެރޭގައި 1،000 މީހުން ސަރުކާރުގެ ޚަރަދުގައި ހައްޖަށް ފޮނުވުމަކީ ރައީސްގެ ވައުދެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top