ބަޖެޓް 2020: 100 ހައުސިންގް ޔުނިޓަކީ ތުޅާދުއަށް މިސަރުކާރުން ދިން ބޮޑު ހަދިޔާއެއް – ތުޅާދޫ ކައުންސިލްގެ ރައީސް

127906_1f49eb4d-d_.jpg

ތުޅާދޫ ކައުންސިލްގެ ރައީސް އަހްމަދު ރަޝީދު ރައީސް ސޯލިހްއާ ސަލާމް ކުރައްވަނީ. ރަޝީދު ވިދާޅުވީ 100 ހައުސިންގް ޔުނިޓަކީ ސަރުކާރުން ތުޅާދުއަށް ދިން ބޮޑު ހަދިޔާއެއްކަމަށް / ފޮޓޯ: ރައީސް އޮފީސް

2020 ބަޖެޓްގައި ތުޅާދޫގައި 100 ހައުސިންގް ޔުނިޓް އެޅުމަށް ހިމަނާފައިވުމަކީ، ސަރުކާރުން ތުޅާދޫ ރައްޔިތުންނަށް ދިން ބޮޑު ހަދިޔާއެއް ކަމަށް ތުޅާދޫ ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު ސިފަކުރައްވައިފިއެވެ.

ތުޅާދޫ ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު މިހެން ވިދާޅުވީ ބަޖެޓްގައި ތުޅާދޫއަށް އަމާޒުކޮށް ހިމަނާފައިވާ މަޝްރޫއުތަކާބެހޭގޮތުން އޭދަފުށީ ވޮއިސް އަށްދިން އެކްސްކުލޫސިވް އިންޓަވިއުއެއްގައެވެ.

އޭނާ ވިދާޅުވީ އެމްޑީޕީ ސަރުކާރުން ތުޅާދޫގައި އަންނައަހަރު ކުރިޔަށް ގެންދަން ހަމަޖައްސާފައިވާ މަޝްރޫއުތަކާމެދު ކައުންސިލުން ހިތްހަމަޖެހޭ ކަމަށާ، އޭގެތެރެއިންވެސް ހައުސިންގް ޔުނިޓްތަކުގެ ވާހަކަ ހާއްސަ ގޮތެއްގައި ފާހަގަކުރަންޖެހޭ ކަމަށެވެ.

“ޕީއެސްއައިޕީގެ ދަށުން 53 މިލިޔަން މިއޮތީ. އޭގެތެރެއިން ތުޅާދޫ ރައްޔިތުންނަށް ލިބޭނެ އެންމެބޮޑު ހަދިޔާއަކީ 100 ހައުސިންގް ޔުނިޓް. ސަބަބަކީ މިރަށުގައި ގެދޮރު ބޭނުންވާ އެތައްބަޔަކު އެބަތިބި ކިޔޫގައި. އެންމެފަހުން ގޯއްޗަށް އިއުލާން ކުރިއިރުވެސް ފައްސަތޭކައަށްވުރެ ގިނަ ފޯމް ލިބުނު. އެހެންވީމާ، މީ ވަރަށް މުހިއްމު ޕްރޮޖެކްޓެއް. އަޅުގަނޑުމެން ސަރުކާރަށް ޝުކުރު ދަންނަވަންޖެހޭ” އެމްޑީޕީގެ ކައުންސިލަރ ރަޝީދު ވިދާޅުވިއެވެ.

ރައީސް ސޯލިހާއެކު ތުޅާދޫ ކައުންސިލްގެ މެމްބަރުން ބައްދަލުވުމެއްގައި / ފޮޓޯ: ރައީސް އޮފީސް

2012 ވަނައަހަރު ތުޅާދޫ ހިއްކިބިމުގައި މަސައްކަތް ފެށި 100 ހައުސިންގް ޔުނިޓްގެ ތެރެއިން 50 ހައުސިންގް ޔުނިޓްގެ މަސައްކަތް ނިމި އެތަންތަން އާންމުންނަށް ދޫކުރާނެކަމަށް ތުޅާދޫ ކައުންސިލުން ބުނެއެވެ. އަނެއް 50 ހައުސިންގް ޔުނިޓްގެ މަސައްކަތް ކުރިއަށް ދަނީ އެވެ. އަލަށް ފަށާ 100 ހައުސިންގް ޔުނިޓާއެކު ތުޅާދޫގައި ޖުމްލަ 200 ހައުސިންގް ޔުނިޓް ގާއިމްކުރެވިގެންދާނެއެވެ. ރަޝީދު ވިދާޅުވީ އަލަށް އަޅާ 100 ހައުސިންގް ޔުނިޓްގެ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ.

ތުޅާދޫގައި ހައުސިންގް ޔުނިޓް އެޅުމަށް ޕީއެސްއައިޕީން 47 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު، ތުޅާދޫ ސިއްހީ މަރުކަޒު ތަރައްޤީކުރުމަށް 2.4 މިލިޔަން އަދި ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމަށް 2.8 މިލިޔަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އަންނަ އަހަރުގެ ބަޖެޓްގައި ޕީއެސްއައިޕީން ބ. އަތޮޅަށް އެންމެ ބޮޑު ބަޖެޓް ކަނޑައަޅާފައިވަނީވެސް ތުޅާދޫއަށެވެ. އެއީ އަތޮޅުގެ މައިރަށް އޭދަފުއްޓަށް ކނޑައަޅާފައިވާ ވުރެ 10މިލިޔަން ރުފިޔާއަށްވުރެވެސް ބޮޑު ބަޖެޓެކެވެ.

ބަޖެޓްގައި ތުޅާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ގްރީން ފަންޑުން 7.5 މިލިޔަން ރުފިޔާވެސް ވަނީ ހިމަނާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top