ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހިންގަމުންދާ ހުރިހާ ބޭސްފިހާރަ ތައް، ސަރުކާރުގެ އާ ބޭސް ކުންފުނި “ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް” ގެ ދަށަށް ބަދަލުކުރުމަށް ނިންމައި އެ މަސައްކަތް ފަށައިފިއެވެ.
އެސްޓީއޯއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ބަދަލު ގެނައުމުގެ މަސައްކަތްތައް އެކި މަރުހަލާތަކަށް ބަހާލައިގެން މިހާރު ދަނީ ކުރިއަށެވެ. މި މަސައްކަތުގެ ދަށުން އެސްޓީއޯގެ 190 އަށްވުރެ ގިނަ ފާރމަސީ އާ ކުންފުނީގެ ދަށަށް ބަދަލުކުރެވޭނެއެވެ. އެސްޓީއޯއިން ލަފާކުރާ ގޮތުގައި އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މި ހުރިހާ ފާރމަސީތަކެއް ބަދަލުކޮށް ނިންމާލެވޭނެއެވެ.
ކުންފުނީގެ ގާނޫނުގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން މި ކުންފުނި އުފައްދަވާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު މަގްސަދަކީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްގެ އިތުރުން މެޑިކަލް އިކުއިޕްމަންޓްތައް ގަނޑުކޮށް ގަނެ ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކުރުމެވެ. އަދި މިތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމަކީވެސް މި ކުންފުނީގެ އަމާޒެކެވެ.
ރާއްޖޭގައި ބޭސް ލިބުން ދަތިވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޭހުގެ ސަޕްލައި ވަނީ ވަރަށް ބޮޑަށް ހަރުދަނާ ކޮށްފައެވެ. އެގޮތުން، މީގެ ކުރިން އެސްޓީއޯއިން އެތެރެކުރަމުން ދިޔަ 200 އެއްހާ ބޭހުގެ ބަދަލުގައި، މިހާރު 800 އާއި 900 އާ ދެމެދުގެ އަދަދަކަށް ބޭސް އެތެރެކުރާ މިންވަރު އިތުރުކޮށްފައިވާ ކަމަށް ހެލްތު މިނިސްޓރީން ވިދާޅުވެއެވެ.






