ކައުންސިލްތަކުގެ މުވައްޒަފުންނަށް 35 ޕަސަންޓް އެލަވަންސް ދޭން ނިންމައިފި

big_YwyAItZbsmFNOKplM1Uby8EgO.jpg

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޯ މަތިވެފައި އޮއްވާ ލޯކަލް ކައުންސިލްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރައިގެ އިތުރަށް އިތުރު 35 ޕަސެންޓް އެލަވަންސްއެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފިއެވެ.

ސަރުކާރުން ބުނީ ރައީސް މިގޮތަށް ނިންމަވާފައިވަނީ މި އަހަރުގެ މޭ މަހުގެ އެއްވަނަ ދުވަހު ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބޭ މުވައްޒަފުންނަށް އެލަވަންސް ހަމަޖެއްސިއިރު ކައުންސިލްތަކުގެ މުވައްޒަފުން ހިމެނިފައިނުވާތީ ކަމަށެވެ.

އަދި މި އެލަވަންސް ނުލިބުމަކީ، ލާމަރުކަޒީގޮތުން ރައްޔިތުންނާ އެންމެ ގާތުން ހިދުމަތް ފޯރުކޮށްދިނުމަށް އެ މުވައްޒަފުން ކުރަމުންގެންދާ މަސައްކަތްތަކަށް އެޅޭ ބޮޑު ހުރަހެއް ކަމަށާއި، ކައުންސިލްތަކުގެ މުވައްޒަފުންނަށްވެސް މި އެލަވަންސް ލިބޭނެ ގޮތަށް ހަމަޖެއްސެވުމަކީ އެންމެ ރަނގަޅު ގޮތްކަމަށް އެމަނިކުފާނަށް ގަބޫލު ކުރެއްވޭ ކަމަށްވެސް އެ އޮފީހުން ވިދާޅުވިއެވެ.

“ވުމާއެކު، ކައުންސިލްތަކަކީ ދައުލަތުގެ ވުޒާރާތަކުގެ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދޭ ފަރާތެއް ކަމަށްވެފައި، ދައުލަތުގެ ވުޒާރާތަކުގައި މަސައްކަތްކުރާ ސިވިލް ސަރވިސް މުވައްޒަފުންނަށް %35 އެލަވަންސް ދިނުމުން، އެ މުވައްޒަފުންނާއި ކައުންސިލްތަކުގެ ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައިގެ ފަރަގު ބޮޑުވެފައިވުމުން، މި ފަރަގު ނައްތާލުމުގެ ގޮތުން، ކައުންސިލް އިދާރާތަކުގެ މުވައްޒަފުންނަށްވެސް 1 އޮކްޓޫބަރު 2023 އިން ފެށިގެން މި %35 އެލަވަންސް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.”. ރައީސް އޮފީހުން ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރާ ދިމާކޮށް ކައުންސިލް މުވައްޒަފުންނަށް މުސާރަ ބޮޑުކުރުމުން އިިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

މުއިއްޒު ވިދާޅުވީ، އެއީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް އެތައް މުވައްޒަފުންތަކެއްގެ ޝަކުވާއެއް ކަމަށާއި މި ފަސް އަހަރުގެ ތެރޭގައި މާ ކުރިން ވެސް ކުރެވެން އޮތް ކަންތައްތަކެއް މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް އެ ދެ ނިންމުން ނިންމެން އޮއްވައި ސަރުކާރުން މިހާރު އެ ކަން ކުރީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަދުން ވޯޓު ލިބުމުން ކަމަށެވެ.

”ފުރަތަމަ ބުރުގެ ބައްޔާ އެކު އެ މީހުންގެ މުސާރަ ބޮޑުކުރަން ކުއްލި ގޮތަކަށް އެ ނިންމީ [ރައީސް އިބްރާހިމް މުހައްމަދު ސޯލިހު] ބަލިވީމާ. ދެ ވަނަ ބުރަށް ސީދާ ނުފޫޒު ފޯރުވަން ކުރާ ކަމެއް އެއީ،“ އޭނާ ވިދާޅުވި އެވެ.

ނަމަވެސް، އެއީ ސަރުކާރުގެ މުވައްޒަފުންތަކެއް ކަމަށް ވާއިރު، އެ މީހުންނަށް އެ ލިބުނު ކުރިއެރުމަށް މަރުހަބާ ދަންނަވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top