ދެކުނު އޭޝިޔާގެ ގައުމުތަކާއި ވާދަކޮށް ފ. އަތޮޅު ތައުލީމީ މަރުކަޒުން ޔޫއޭއީގެ ޝަރަފުވެރި ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑް ހޯދައިފި އެވެ.
އެ ސްކޫލަށް އެ އެވޯޑް ލިބުނީ، ”ޒައިދު ސަސްޓެއިނިބިލިޓީ ޕްރައިޒް ގްލޯބަލް ހައި ސްކޫލްސް؛ ސައުތު އޭޝިއާ“ ކެޓަގަރީންނެވެ.
ފ. އަތޮޅު ތައުލީމީ މަރުކަޒަށް އެ ޝަރަފުވެރި އެވޯޑް ހަވާލުކޮށްފައިވަނީ ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގައި މިހާރު ކުރިއަށްދާ އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް (އޭޑީއެސްޑަބްލިއު) ހުޅުވުމުގެ ރަސްމިއްޔާތުގައި ޔޫއޭއީގެ ރައީސް އަދި އަބޫދާބީގެ ރޫލާ ޝެއިޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާނެވެ.
މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ޑރ. ޢަބްދުالله ޚަލީލް ބައިވެރިވެވަޑައިގެންނެވިއެވެ. ޚަލީލަކީ ނިލަންދުއަށް އުފަން ބޭފުޅެކެވެ.
ފ. އަތޮޅު ތައުލީމީ މަރުކަޒަށް ޒައިދު ސަސްޓެއިނެބިލިޓީ އެވޯޑު ލިބިފައިވަނީ އެ ސުކޫލުގެ ދަރިވަރުން، ވައިގެ ހަކަތައާއި އިރުގެ ހަކަތަ ބޭނުންކުރުމާއި، ވާރޭފެން ރައްކާކޮށް ފެން މެނޭޖުކުރުމާއި، ދެމެހެއްޓެނިވި ދަނޑުވެރިކަން ހިމެނޭހެން ފަރުމާކޮށްފައިވާ މަޝްރޫއަށެވެ.
މި މަޝްރޫއުގެ މަގުސަދަކީ ފުޑް ސެކިއުރިޓީ ގާއިމްކޮށް، ތިމާވެށި ހިމާޔަތްކުރުމަށާއި، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ބާރުއެޅުމެވެ.
ހަމަ އެހެންމެ މި މަޝްރޫއުގެ ސަބަބުން ފ. އަތޮޅު ތައުލީމީ މަރުކަޒާއި އެ ރަށުގެ ހޮސްޕިޓަލު ހިންގުމަށް ބޭނުންވާ ހަކަތަ ފޯރުކޮށްދެވި، ކާބަންޑައިއޮކްސައިޑް ބޭރުކުރާ ވަރު އަހަރަކު 120 ޓަނު މަދުކޮށްދޭނެއެވެ.
މި އެވޯޑު ލިބުމުގެ އުފަލުގައި ފ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ބުނީ، ފ. ނިލަންދުއަކީ ކުޑަ ރަށެއް ކަމަށެވެ. އެހެންވެ ސާފު ބޯފެނާއި މުހިންމު ވަސީލަތްތައް ލިބުމުގައި ދަތިތައް ދިމާވާ ކަމަށެވެ. އެގޮތުން ފެނާއި ކާބޯތަކެތި މަދުވުމުގެ ސަބަބުން ދިރިއުޅުމަށް ކުރާ އަސަރު ފެނިފައިވާ ކަމަށް، ދަރިވަރުން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން ދަރިވަރުން ވަނީ ބަނބުކޭލާއި ބޭސްވެރިކަމުގައި ބޭނުންކުރާ ބައެއް ގަސްގަހާގެހި އިންދައިފައެވެ.
އެހެން ސްކޫލުތަކާއި ރަށްރަށަށް ވެސް މި މަޝްރޫއު ހިއްސާކުރުމަށް ވިސްނަމުން އަންނަ ކަމަށާއި، އޭރުން ކުދި މުޖުތަމައުތަކަށް ހެޔޮ ބަދަލުތައް އަންނާނެ ކަމަށް ގަބޫލުކުރާ ކަމަށް، ދަރިވަރުން ބުންޏެވެ.
ދެހާސް އަށްވަނަ އަހަރުން ފެށިގެން ދެމުން އަންނަ ޒައިދު ސަސްޓެއިނެބިލިޓީ އެވޯޑު ދެނީ ޔޫއޭއީގެ ބާނީ ޝައިޚް ޒައިދު ބިން ސުލްޠާން އައްނަޙްޔާންގެ ނަންފުޅުގައެވެ. މި އެވޯޑު ދެނީ އީޖާދީ ގޮތެއްގައި މުޖުތަމައަށް ހެޔޮ ބަދަލުތައް ގެންނަ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.
މީގެ ކުރިން ވެސް ޒައިދު ސަސްޓެއިނިބިލިޓީ ޕްރައިޒަށް ފ. އޭއީސީން ހުށައެޅި ޕްރޮޖެކްޓެއް ނޮމިނޭޓްވެފައިވެއެ ވެ.
ފާހަގަކުރެވޭ ގޮތުގައި، ޒައިދު ސަސްޓެއިނެބިލިޓީ އެވޯޑު 2015ވަނަ އަހަރު އައްޑޫ ހައި ސްކޫލުން ވެސް ހާސިލުކޮށްފައިވެއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ މިއީ ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާއިން ޒުވާނުން އިސްނަގައިގެން ކުރާ މަސައްކަތްތައް ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަނެވުނު ކަމުގެ ހެއްކެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ޑރ. ޚަލީލްގެ އަރިހުގައި ޔޫއޭއީއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފާއި، ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޚަދީޖާ ނަޖީހާ އަދި އެސިސްޓަންޓް ޑިރެކްޓަރު ފާތިމަތު ރީނާ ބައިވެރިވެވަޑައިގެންނެވިއެވެ.





