އައިފާ 2018 : އެންމެ މޮޅު އެކްޓަރުންނަށް އިރްފާން އާއި ސްރީދޭވީ

pjimage-8-6-784x441.jpg

އައިފާ 2018 : އެންމެ މޮޅު އެކްޓަރުންނަށް ހޮވުނު ސްރީދޭވީ އާއި އިރްފާން

19 ވަނަ އިންޓަނޭޝަނަލް އިންޑިއަން ފިލްމު އެކެޑަމީ (އައިފާ) އެވޯޑުގެ އެންމެ މޮޅު ބަތަލުންގެ ގޮތުގައި ސްރީދޭވީ އާއި އިރްފާން ޚާން ހޮވައިފިއެވެ. އައިފާ އެވޯޑްސްގެ މި އަހަރުގެ އެވޯޑު ދިނުމުގެ ހަފްލާ ބާއްވާފައިވަނީ ރޭ ތައިލެންޑުގެ ވެރިރަށް ބެންކޮކުގައެވެ.

މިދިޔަ ފެބްރުއަރީ މަހު ކުއްލި ގޮތަކަށް މަރުވެފައިވާ ސްރީދޭވީ އެންމެ މޮޅު ބަތަލާއަކަށް ހޮވިފައިވަނީ ފިލްމް “މޮމް” ގައި އޭނާ އަދާކޮށްފައިވާ މޮޅު ރޯލުގެ ސަބަބުންނެވެ. މި ފިލްމަށް މިދިޔަ އަހަރުވަނީ ނެޝަނަލް އެވޯޑް ވެސް ލިބިފައެވެ. މި އެވޯޑާ ހަވާލުވީ މޮމްގެ ޕްރޮޑިއުސަރ އަދި ސްރީދޭވީ ގެ ފިރިމީހާ ބޮނީ ކަޕޫރެވެ.

ކެންސަރު ބައްޔަށް މިހާރު ފަރުވާ ހޯދަމުން އަންނަ އިރްފާން ޚާނަށް އެންމެ މޮޅު ބަތަލްގެ މަގާމް ލިބިފައިވަނީ ފިލްމް “ހިންދީ މީޑިއަމް “އިންނެވެ. މީގެ އިތުރުން މި ފިލްމްގެ ޑައިރެކްޓަރ ސާކެތު ޗޯދަރީއަށް ވަނީ އެންމެ މޮޅު ޑައިރެކްޓަރ ގެ އެވޯޑުވެސް ލިބިފައެވެ.

އެންމެ މޮޅު ފިލްމަކަށް ހޮވިފައިވަނީ އެކްޓްރެސް ވިދްޔާ ބާލަން ލީޑްރޯލް ކުޅެފައިވާ ފިލްމް “ތުމާރީ ސުލޫ”އެވެ. ހަތް ކެތަގަރީއަކުން ނޮމިނޭޓް ވި މި ފިލްމާ އެންމެ ގާތުން ދެން ވާދަކުރީ ރާޖްކުމާރް ރާއޯ ފެނިގެންދިޔަ ފިލްމު “ނިއުޓަން” އެވެ.

އެންމެ މޮޅު ސަޕޯޓިން އެކްޓަރުންގެ އެވޯޑު ލިބުނީ ފިލްމު “މޮމް” އިން ނަވާޒުއްދީން ސިއްދީޤީ އަދި ފިލްމު “ސީކްރެޓް ސުޕަސްޓާ” އިން މެހެރް ވިޖް އަށެވެ.

އެންމެ މޮޅު ފިރިހެން ލަވަކިއުންތެރިޔާގެ އެވޯޑް ލިބުނީ ފިލްމް “ޖަބް ހެރީ މެޓް ސޭޖަލް” ގެ “ހަވާޔޭ” އިން އަރިޖިތު ސިންގް އަށެވެ. އަންހެން ލަވަކިޔުންތެރިޔާގެ އެވޯޑު ލިބިފައިވަނީ “ސީކްރެޓް ސްޕަސްޓާ” ގެ “މޭ ކޯން ހޫ” ކިޔައި ދިން ރީތި އަޑުގެ ވެރިޔާ މެގްނާ މިޝްރާ އަށެވެ. އެންމެ މޮޅު މިޔުޒިކްގެ އެވޯޑު ލިބިފައިވަނީ ފިލްމު “ބަދްރީނާތު ކީ ދުލްހަނިއާ” އަށެވެ.

މި ހަފްލާގައި ދެން އެންމެ ބޮޑަށް ފާހަގަ ކުރެވިގެން ދިޔައީ ހިންދީ ފިލްމީ ދުނިޔޭގައި އަދިވެސް މުސްކުޅިވުމެއް ނެތި ފިޔަ ޖަހަމުން އަންނަ ތަރި ، ރޭކާގެ ހުށަހެޅުމެކެވެ. އުމުރުން 63 އަހަރުގެ ރޭކާގެ  މި ހުށަހެޅުމަކީ 20 އަހަރަށް ފަހު މި ފަދަ ސްޓޭޖަކުން ފެންނަ ފުރަތަމަ ފަހަރެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top