އެމްޓީސީސީއާ ހަވާލު ކޮށްގެން ސަރުކާރުން ކުރިއަށް ގެންދާ ބ.ފެހެންދޫ ބަނދަރުގެ 50 އިން ސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.
އެ ކުންފުނިން އިތުރަށް ހާމަ ކުރި ގޮތުގައި މިހާރު ކުރަމުން ދަނީ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތެވެ. އެ މަސައްކަތުގެ 31 ޕަސެންޓް ވަނީ ނިމިފަ އެވެ.
މި މަޝްރޫއު ނިމޭއިރު 25،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމަށް ހަމަޖެހިފައިވެއެވެ. އަދި 18،500 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅުފުންކުރުމާއި، 214 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމަށް ހަމަޖެހިފައިވާ ކަމަށްވސް އެމްޓީސީސީ އިން ބުނެ އެވެ.
މީގެ އިތުރުން 130 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 282 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއެކު ބަނދަރުގެ މަގުބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، 558 އަކަ މީޓަރު ސަރަހައްދެއްގައި ޕޭމަންޓް ހެދުން ހިމެނެ އެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ އަގަކީ 49.66 މިލިއަން ރުފިޔާއެވެ. މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 10 ނޮވެމްބަރ 2019 ގައެވެ.