”އިންޑިއާ އައުޓް“ ހަރަކާތް ހުއްޓުވާ ގަރާރަށް އެމްނެސްޓީގެ ކަންބޮޑުވުން

317647_3_1426b8422d7c9388f3d6124fe031d383d3eb7d60_large.jpeg

“އިންޑިއާ އައުޓް” ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ރިޔާސީ ގަރާރުން އެއްވެ އުޅުމުގެ މިނިވަންކަން ހަނިވާ ކަމަށާއި، އެކަން އެގޮތަށް ކުރެވޭނީ ގާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށް ކަމަށް ވާތީ އެގަރާރާ މެދު އެމްނެސްޓީ އިންޓަނޭޝަލްއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ އެމްނެސްޓީން ބުނީ ރާއްޖޭގައި ސުލްހަވެރި މުޒާހަރާތައް ކުރާ މީހުންނާއި ނޫސްވެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާކަމުގެ ރިޕޯޓްތަކާއި، އެފަދަ ހާދިސާތަކުގެ މަންޒަރުތައް ލިބެމުންދާ ކަމަށެވެ.

“އިންޑިއާ އައުޓް ކެމްޕެއިންގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ އެފަދަ އަމަލުތައް ހުއްޓުވުމުގެ ނަމުގައި ރާއްޖޭގައި މުޒާހަރާކުރުމުގެ ހައްގު ހަނިކޮށް ދާދިފަހުން ނެރުނު ގަރާރަކުން އަޅުގަނޑުމެން ވަރަށް ކަންބޮޑުވޭ،” އެމްނެސްޓީން މިއަދު ކުރި ޓްވީޓެއްގައިވެއެވެ.

ހަމައެއާއެކު، މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ބާރުގެ ބޭނުން ކުރުން ގިނަވުމަކީ އެ ޖަމުއިއްޔާއިން ކުށްވެރި ކުރާ ކަމެއް ކަމަށާއި އެކަން ވަގުތުން ވަގުތަށް ހުއްޓާލާ އެކަން ތަހުގީގު ކުރަން ޖެހޭ ކަމަށް އެމްނެސްޓީން ބުންޏެވެ.

ރައީސްގެ ގަރާރު ތަންފީޒު ކުރުމަށް ސިފައިންނާއި ފުލުހުންގެ މައްޗަށް އަމުރުކުރުމުން “އިންޑިއާ އައުޓް” ކެންޕެއިނާ ގުޅުން ހުރި ކޮންމެ ހަރަކާތެއް އެ ދެ މުއައްސަސާއިން ދަނީ ހުއްޓުވަމުންނެވެ. އެ ކެމްޕެއިނާ ގުޅުން ހުރި ބެނާތަކާއި ދިދަތަކާއި ޕޯސްޓަރުތައް އަދި ލިޔުންތައްވެސް ދަނީ ނަގަމުންނެވެ.

އެގޮތުން ރޭ އޮތް “އިންޑިއާ އައުޓް” އިހުތިޖާޖުވެސް ވަނީ ހުއްޓުވާފައެވެ. އިހުތިޖާޖުގައި ބައިވެރިވި ޒުވާން އަންހެނަކު އުފުލައިގެން ހުރި “އިންޑިއާ އައުޓް” ރަމްޒުކޮށްދޭ ރަތް ދިދައެއް އަތުލުމަށް ސިފައިންގެ މީހަކު ދުވެފައިދާ ވީޑިއޯއެއް ވަނީ ވައިރަލްވެފައެވެ. ވަރަށް ގިނަ ބަޔަކު ދަނީ އެ ވީޑިއޯގައި ފެންނަ ސިފައިންގެ މީހާގެ އަމަލުތައް ހުރި ގޮތާމެދު ކަންބޮޑުވުން ފާޅުކޮށް ފާޑުކިޔަމުންނެވެ.

އެމްނެސްޓީގެ ކަންބޮޑުވުން އައީ މި ވީޑިއޯއާއެކުގައެވެ. އެ ވީޑިއޯ ރިޓްވީޓްކޮށް އެމްނެސްޓީ އޭސިޔާ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ރައީސްގެ ގަރާރާއެކު ހިޔާލުފާޅު ކުރުމާއި މުޒާހަރާ ކުރުމުގެ ހައްގު ހަނިކުރި ކުރުމާމެދު ކަންބޮޑުވާ ކަމަށެވެ. އަދި ނޫސްވެރިންނާ ދެކޮޅު ހަރަކާތް ބޮޑުކޮށް އިހުތިޖާޖުތައް ހުއްޓުވާ ފިޔަވަޅު އަޅަމުންދާ ކަމުގެ މައުލޫމާތު އެ ޖަމާއަތަށް ލިބެމުންދާ ކަމަށެވެ. ގާނޫނުން ކަށަވަރުކޮށްދޭ ހައްގެއް ހިފެހެއްޓޭނީ ގާނޫނީ ހަމައިގެ ތެރެއިންކަންވެސް ވަނީ ހަނދާން ކޮށްދީފައެވެ.

“މުޒާހަރާ ކުރި މީހުންނާ ދެކޮޅަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރި މައްސަލަ ކުށްވެރިކޮށް ވީ އެންމެ އަވަހަކަށް އެއްވެސް ނުފޫޒެއް ނެތި ތަހުގީގު ކުރަން ޖެހޭ،” އެމްނެސްޓީން ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.

ރައީސްގެ ގަރާރުގައި އޮތީ އިންޑިއާ އައުޓް ކެމްޕެއިނަކީ ދިވެހިރާއްޖޭގެ “ސުލުހަ މަސްލަސްކަން ނަގައިލުމުގެ ނިޔަތުގައި” ހިންގާ ކެމްޕެއިނެއް ކަމަށެވެ. އަދި، އެއީ ރާއްޖޭގެ ތަރައްގީ އާއި މި ސަރަހައްދުގެ ހަމަޖެހުމަށް ހުރަސް އެޅުމަށް ކުރާ ކެމްޕެއިނެއް ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.

އެ ގަރާރު ނެރެފައިވިޔަސް އިދިކޮޅުން ދަނީ ހުއްޓުމެއްނެތި އިންޑިއާ އައުޓް ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ގޭގޭގައި ބެނާ ދެމުމާއި ފާރުތަކުގައި “އިންޑިއާ އައުޓް” ޖެހުމާއި “އިންޑިއާ އައުޓް” ޖަހާފައިވާ ކަރުދާސް މަގުމައްޗަށް އެޅުން ފަދަ ކަންތައްތައް އެ ކެމްޕޭންގެ ބައިވެރިން ދަނީ ކުރަމުންނެވެ.

ޕީޕީއެމްއިން ބުނަނީ ރައީސްގެ ގަރާރަކުން އެ ކެމްޕޭން ނުހުއްޓުވޭނެކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top