ސަމާލު: ރާއްޖޭގައި އޮމިކްރޮން ފެތުރެން ފަށައިފި

Capture-19-1.png

މުޅިދުނިޔޭގައި ހަލުވިކަމާއެކު ފެތުތެމުން އަންނަ ކޮވިޑް -19ގެ އާ ވޭރިއަންޓް ،އޮމިކްރޮން ރާއްޖޭގައި ފެތުރެމުން ދާން ފަށައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ.ޝާހް މާހިރު ވިދާޅުވީ މާލޭގެ އިތުރުން މާފުއްޓާއި ކުޑަހުވަދޫން އޮމިކްރޮން ވޭރިއަންޓް ފެނިފައިވާ ކަމަށާއި، މާލޭގައި މި ވޭރިއަންޓް ފެތުރެމުން ދާކަމަށެވެ.

އަދި މިހާތަނަށް ރާއްޖެ އިން 19 ފަތުރުވެރިޔަކާއި 8 ދިވެއްސަކު އޮމިކްރޮން އަށް ޕޮޒިޓިވްވެފައިވާ ކަމަށް ޑރ.ޝާހް ވިދާޅުވިއެވެ.

އޮމިކްރޮން ޖެހުނު 8 ދިވެހިންގެ ތެރޭގައި ހިމެނެނީ މާލެއިން ޕޮޒިޓިވްވި ތިން މީހަކާއި، ކުޑަހުވަދޫން އެކަކާއި އަދި މާފުށިން ތިން މީހަކު ކަމަށް ހާމަކުރެއްވި އެވެ.

ޑރ.ޝާހް ވިދާޅުވީ، ރާއްޖޭގައި ޕޮޒިޓިވްވާ ކޭސްތައް 400 އިން މަތިވެފައިވާ ކަމަށާއި ހޮސްޕިޓާތަކުންނާއި، ފްލޫ ކުލިނިކުތަކުން ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދުވެސް އިތުރުވަމުން އަންނަ ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކަކީ ސިއްހީ ނިޒާމަށް އެތައް ގޮންޖެހުންތަކެއް ކުރިމަތިވާނެ ދުވަސްތަކެއް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. މިކަމުން އިތުރަށް ހުޝިޔާރުވެ ރައްކާތެރިވެ ތިބުމަށްޓަކައި ކުރަންޖެހޭ ހުރިހާކަމެއް ކުރުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް ޝާހް ވިދާޅުވިއެވެ.

“އަންނަން މިއުޅޭ ސާޖާއި ގުޅިގެން އެޗްއީއޯސީގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި މިހާރު އަންނަނީ ގިނަކަންތައްތަކެއް ކުރެވެމުން.” މިދިޔަ އަހަރު ކޮވިޑްގެ ހާލަތު ރަނގަޅުވުމުން ބައެއް ހިދުމަތްތައް ދިނުމުގެ މުވައްޒަފުން މަދުކޮށް، ހިދުމަތްތައް މަދުކުރިނަމަވެސް، މިހާރުގެ ހާލަތާއި ގުޅިގެން ތަންތަނަށް ބޭނުންވާ އިތުރު ހިއުމަން ރިސޯސް ފޯރުކޮށްދީ އާއި އިތުރަށް ވޮލިންޓިއަރުން ހޯދުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ޝާހް ވިދާޅުވި އެވެ.

މިއަދުގެ ޕްރެސްގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، މާލޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު މިހާރު ހަފްތާއެއްގެ މައްޗަށް 1،000 އަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށެވެ. އަދި ދިވެހިންގެ ތެރޭގައިވެސް އޮމިކްރޮން ވޭރިއަންޓް އުޅޭކަން ސީކުއެންސް ނަތީޖާއިން ކަށަވަރުވެފައިވާ ކަމަށް ނަޒްލާ ވިދާޅުވި އެވެ.

ނަޒްލާ ވިދާޅުވީ، ދުނިޔޭގެ އެހެންގައުމުތަކުގައިވެސް އޮމިކްރޮން ވޭރިއަންޓް ފެތުރެނީ ވަރަށް ހަލުވިކޮށް ކަމަށާއި، ކޭސްތައް ދެގުނަ ވާ ނިސްބަތް އެހެން ވޭރިއަންޓްތަކާއި އަޅާބަލާއިރު އުޅެނީ ވަރަށް މަތީގައި ކަމަށެވެ. އަދި ރާއްޖޭގައި މިހާރު ޑެލްޓާއާއި އޮމްކްރޮން ވޭރިއަންޓް އުޅުނު ކަމުގައިވިޔަސް ކުރިއަށް އޮތްތާގައި ޑެލްޓާ ވޭރިއަންޓަށް ވުރެ ބޮޑަށް އޮމިކްރޮންގެ ކޭސްތަކުގެ އަދަދު އެތައް ގުނައެއް އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށް ނަޒްލާ ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top