މާދަމާއިން ފެށިގެން އެއް ލިޓަރަށްވުރެ ކުދި ޕްލާސްޓިކް ފެންފުޅި އެތެރެކުރުމާއި އުފެއްދުން މަނާ

jonathan-chng-OTDyDgPoJ_0-unsplash-scaled-960x540-1.jpg

މާދަމާއިން ފެށިގެން އެއް ލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފެންފުޅި ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުން މަނާ ވާނެއެވެ.

ތިމާވެއްޓަށް ގެއްލުންދޭ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބާވަތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކަނޑައަޅުއްވާފައިވާ 13 ބާވަތެއް ރާއްޖެއަށް އެތެރެކޮށް ބޭނުންކުރުން ވަނީ މަނާކޮށްފައެވެ.

އަންނަ މަހުގެ އެކަކުން ފެށިގެން އެއް ލީޓަރު އަދި އެއް ލީޓަރަށް ވުރެން ކުދި ޕްލާސްޓިކު ފެންފުޅި ރާއްޖެއަށް އެތެރެ ކުރުމާއި އުފެއްދުންވެސް މަނާ ވާނެކަމަށް ތިމާވެށީގެ ވުޒާރާއިން މީގެކުރިން ވިދާޅުވެފައިވެއެވެ.

އެއް ލީޓަރު އަދި އެއް ލީޓަރަށް ވުރެން ކުދި ޕްލާސްޓިކު ފެންފުޅި އެތެރެކުރުމާއި އުފެއްދުން މަނާކުރިނަމަވެސް، އެތަކެތި ބާޒާރަށް ނެރުން މަނާކޮށްފައިވަނީ އަންނަ އަހަރުގެ މާރިޗު މަހުގެ އެކަކުން ފެށިގެންނެވެ.

މި ބަދަލާއެކު ރާއްޖޭގެ ބާޒާރުގައި މިހާރު ވިއްކަމުން އަންނަ 500 މިލިލީޓަރުގެ ފެންފުޅިވެސް ވިއްކުން މަނާވާނެއެވެ.

މިކަމާއި ގުޅޭގޮތުން މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އަބަދުލްމަތީން މުހައްމަދު ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ މި ބަދަލަށް އަމަލު ކުރުމުގެ ކުރިން މިސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކަށް އިތުރު މުއްދަތެއް ދޭން ޖެހޭ ކަމަށެވެ.

”ބިލިއަނެއްހާ ރުފިޔާގެ އިންޑަސްޓްރީއެއް މިއީ، ޕްލާސްޓިކް ފުޅިން ބިއްލޫރި ފުޅިއަށް ދިޔުމަށް އިތުރު އިންވެސްޓްމަންޓެއް ބޭނުންވާނެ، ކުންފުނިތަކަށް މާލީ ގެއްލުމެއް ވާނެ، މިކަމުގައި އިތުރު މަޝްވަރާއަކަށް ގޮސް، ތާރީޚަށް ލުޔެއް ދީގެން ލަނޑުދަނޑި ހާސިލް ކުރުމަށް މަސައްކަތްކުރެވިދާނެ،“ މަތީން ވިދާޅުވިއެވެ.

ސާފު ބޯފެން އެންމެންނަށް ފޯރުކޮށްދިނުމަކީ މުހިންމު ކަމަކަށްވާއިރު، މިފަދަ ބަދަލެއް ގެނައުމުގެ ކުރިން އިތުރު ގިނަ މަޝްވަރާތަކެއް ކުރަން ޖެހޭކަން މަތީން ފާހަގަކުރެއްވި އެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ ސިންގަލް-ޔޫސް ޕްލާސްޓިކު ރާއްޖޭގައި މަދުކުރުމުގެ ސިޔާސަތަކީ ޕްލާސްޓިކުގެ ސަބަބުން ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރު ހުއްޓުވުމުގެ އިތުރުން ދިވެހިރާއްޖޭގެ އިގްތިސާދު ހިމާޔަތް ކުރުމުގެ ގޮތުން، ޚާއްސަ އިސްކަމެއްދީގެން ސަރުކާރުން ތަންފީޒު ކުރަމުންދާ ސިޔާސަތެކެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ 13 ބާވަތެއް ރާއްޖެއަށް އެތެރެކޮށް ބޭނުންކުރުން މަނާކުރައްވާފައިވަނީ ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ކަނޑައަޅުއްވާފައިވާ ގަރާރަކުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top