ހޭންޑް ފޫޓް އެންޑް މައުތު ފެތުރެނީ. ރައްކާތެރިކަމުގެ ފިޔަވަޅުއަޅަން އެދެފި

big_BPQPZZGA75lNOfoiRz7zbvAQg.jpg

ރާއްޖޭގައި ހަލުވިކަމާއެކު ހޭންޑް ފޫޓް އެންޑް މައުތު ބަލި ފެތުރެމުންދާތީ ބަލީގެ އަލާމާތް ދެނެގަަނެ އެކަމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެދެފިއެވެ.

ރާއްޖޭގައި މިބަލި ފެތުރެމުންދާއިރު އޭދަފުށީގައިވެސް މިބަލި ފެތުރެމުން އެބަދާކަމަށް ބ.އަތޮޅުހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓްގެ އިންޗާޖް، ސިދުގީ އަބްދުﷲ ވިދާޅުވި އެވެ.

އެގޮތުން ވޭތުވެދިޔަ އަށް ދުވަހުގެ ތެރޭގައި 12 ކުދިންނަށް މި ބަލި ޖެހިގެން ހޮސްޕޓަލުން ފަރުވާ ހޯދާފައިވާ ކަމަށް ސިދުގީ ވިދާޅުވި އެވެ.

އެޗްޕީއޭ އިން އިއްޔެ ބުނެފައިވަނީ ރާއްޖޭގައި އާންމުކޮށް ކުޑަކުދިން އެއްވެ އުޅޭ ތަންތަނުގައި ހޭންޑް ފުޓް އެންޑް މައުތު ފެތުރުން އިތުރުވެގެން ދިއުން ބޮޑު ކަމަށެވެ.

މި ބަލި ޖެހުމުގެ ސަބަބުން އަނގައިގައި ނަގާ ބިހިތަކާއި ހެދި ކެއުމަށް ވެސް އުނދަގޫވެ އެވެ. އެހެންކަމުން ބަލި ޖެހުމުގެ ކުރިން ރައްކާތެރިވެ، ސަމާލުވެ ތިބުމަކީ މުހިއްމު ކަމެއް ކަމަށް ސިއްހީ މާހިރުން ލަފާދެއްވަ އެވެ.

ހޭންޑް ފޫޓް އެންޑް މައުތު ބައްޔަކީ ވައިރަހަކުން ޖެހޭ، ގައިން ގަޔަށް އަރާ ބައްޔެކެވެ. ކޮންމެ މީހަކަށް ވެސް އެ ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް އާންމުކޮށް ކުޑަކުދިން އެއްވެ އުޅޭ ތަންތަނުގައި އެ ބަލި ފެތުރުން އިތުރުވެގެން ދިޔުމުގެ ފުރުސަތު ބޮޑު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައިސް، ބޮލުގައި ރިއްސުމާއި، ކަރުތެރެ ފާރުވުމާއި، އަތްތިލައާއި ފައިތިލައިގައި ރައްކުލައިގެ ބިހިތަކެއް ނެގުމަށްފަހު ފެން ފޮޅަކަށް ބަދަލުވުން ހިމެނެއެވެ. އޭގެ އިތުރުން ވަރުދެރަވުމާއި ކާހިތްނުވުމަކީ ވެސް ބަލީގެ އަލާމާތްތަކެވެ.

ހޭންޑް ފޫޓް އެންޑް މައުތު ޖެހިފައިވާ މީހާގެ ކުޅު، އަރިދަފުސް، ބޮޑުކަމުދާ ތަކެތި އަދި ފޮޅުން ނިކުންނަ ދިޔައިން ބަލި ފެތުރެއެވެ. އަދި ކެއްސާ ކިނބިހި އަޅާއިރު ނޭވާލާ ނިޒާމުގެ ޒަރިއްޔާއިން ވެސް ބަލި ފެތުރެއެވެ. ބަލީގެ ވައިރަސް ހަށިގަނޑުގައި އަށަގަންނަތާ ތިނެއް ނުވަތަ ހަތް ދުވަހުގެ ތެރޭގައި ބަލީގެ އަލާމާތްތައް ފެންނަން ފަށައެވެ.

ބަލިން ރައްކާތެރިވުމަށް ގިނަގިނައިން އަތް ދޮވުމާއި އާންމުކޮށް އަތްލާ ތަކެއްޗާއި ތަންތަން ސާފުކުރުމަކީ މުހިއްމު ކަމެކެވެ. އޭގެ އިތުރުން ބަލި ޖެހިފައިވާ ކުދިން ބޭރަށް ނުގެންދިޔުމައި ބޭނުންކޮށްފައިވާ ނެޕީ، ޓިޝޫ ފަދަ ތަކެތި ރައްކާތެރި ގޮތުގައި ނައްތާލުމަކީ ބަލިން ރައްކާތެރިވުމަށް އެޅިދާނެ މުހިއްމު ފިޔަވަޅުތަކެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top