ކެންޑިޑޭޓުންގެ ބަސް:- މުހައްމަދު ނަސީރު

me-111-3.jpg

ކެންޑިޑޭޓްގެ ކުުރު ތައާރަފެއް :

އޭދަފުށީ “އަމަން ” މުހައްމަދު ނަސީރުގެ ހަޔާތުގެ ބޮޑުބައި ހޭދަކޮށްފައިވަނީ މާލޭގައެވެ. އޭދަފުށީ ރައްޔިތުންގެ ތެރެއަށް ފުރަތަމަ އޭނާ ތައާރަފްވީ ބަހިއްޔާ ސްކޫލްގެ ޓީޗަރެއްގެ ގޮތުންނާއި އެތަން ހިންގުމުގެ އިސް މީހެއްގެ ގޮތުގައެވެ. އޭގެ ފަހުން މާލޭގައި އެސްޓީއޯގައި އެސިސްޓެންޓް މެނޭޖަރެއްގެ ގޮތުންނާއި އެކައުންޓްސް ޑިޕާޓްމަންޓްގައި ބާރަ ވަރަކަށް އަހަރު މަސައްކަތް ކުރެއްވިއެވެ. ސީޕްރިއާ ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގަމުންއައި ސީޕްރިއާ ޕްރިންޓްގެ މެނޭޖަރެއްގެ މަގާމުގައި ގިނަ އަހަރުތަކެއް ވޭތުކުރެއްވިއެވެ. އިޖްތިމާއީ ދާއިރާއަށް ބަލާލާއިރު އޭނާ ހިމެނެނީ ހަރަކާތް ތެރި މީހެއްގެ ގޮތުގައި ކަމަށް އޭނާ އާއެކު މަސައްކަތް ކުރެއްވި އެއްމެންވެސް އެއްބަސް ވެއެވެ. ސާފު ހެއްކަކީ އޭދަފުށީ ޒުވާނުންގެ ޖަމިއްޔާގެ ރައީސްކަމުގެ އިތުރުން އެޖަމިއްޔާގެ ކޮންމެ ކަމެއްގައިވެސް ނަގާ ކިޔާ އެކެއް ކަމުގައި އޭނާ ވުމެވެ . ޖަމިއްޔާގެ ކާމިޔާބީތައް ފާހަގަ ކުރާއިރު އެކާމިޔާބުތަކުގެ ފަހަތުގައި ތިބި މީހުންގެ ނަންތަކުގެ ތެރެއިން މުހައްމަދު ނަސީރު ހިމެނެންވާނީ ރަތް އަކުރުން ކަމުގައިވެސް އޭނާގެ އެކުވެރިން ބުނެއެވެ.

އޭދަފުށީ ކައުންސިލަށް ކުރިމަތިލެއްވީ ކީއްވެގެންތޯ؟

ކައުންސިލަށް ކުރިމަތިލުމަކީ ދުވަހަކުވެސް އަޅުގަނޑު އުއްމީދު ކުރި ކަމެއް ނޫން. އަމިއްލަ ވަޒަނަށް އެނބުރި އައިއިރު އަޅުގަނޑު އެންމެ ފަޚްރުވެރިވާ އޭދަފުށިން ފެނުނީ ކުރިއެރުމާއި ތަރައްގީ އެތަކެއް އަހަރު ފަހަތަށް ގޮސްފައިވާ ތަން. އިހްސާސްކުރެވުނީ މި ރަށުގެ ބަހާރު މޫސުން ނިމި ޚިޒާންގެ ދުވަސްތައް ގުނެވެމުން ދަނީކަމަށް. ދިރުމެއްގެ އަސަރުވެސް ނެތް.

ރައްޔިތުންނާ އެ ރައްޔިތުންގެ ބަލަދުވެރިޔާ ،ކައުންސިލާ ދެމެދު އޮންނަން ޖެހޭ ސާފު ތާހިރު ގުޅުމެއް ނެތް. ރައްޔިތުންގެ އިމާރާތްތައް ވީރާނާވެގެން ދަނީ. ޒިންމާ ނަގާނެ މީހަކުވެސް ނެތް. ފަހުން ރަނގަޅުވާނެކަމަށް ހީކޮށް ހުއްޓާ އެކަމުގެ އެއްވެސް ނިޝާނެއް ނުފެނުމުން  ކޮންމެވެސް ބަޔަކު މިކަމަށް އިސްޖެހިއްޖެކަމަށް އަޅުގަނޑަށް ގަބޫލު ކުރެވުމުން ރަށަށް ޚިދުމަތް ކުރުމަށް ނުކުތުމުގެ އަޒުމްގައި މި މަގާމަށް މި ކުރިމަތި ލީ.

އަމިއްލަގޮތުން ކުރިމަތިލެއްވީ ކީއްވެގެންތޯ ؟ 

އަޅުގަނޑަކީ ޕީޕީއެމް، އޭދަފުށީގައި ނަގާ ކޮޅަށް މަސައްކަތް ކުރި ހައެއްކަ މީހުގެ ތެރެއިން އެކެއް. ރަށު ކައުންސިލް ގެ އުމުރު ހަމަކުރަމުން މިއަންނަ ދައުރުގައި އަދި ކުރިއަށް އޮތް ދައުރުގައި ޕީޕީއެމްއިން ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ މީހެއް ފިޔަވައި ދެން ތިބި އެންމެންނަކީވެސް ސީދާ އަޅުގަނޑުގޮސް ވާހަކަ ދައްކައިގެން ނެރެފައިވާ ކެންޑިޑޭޓުން. އުއްމީދު ކުރިން މިޓީމް ރަނގަޅަށް މަސައްކަތް ކޮށްފިނަމަ އޭދަފުށި ބަދަލު ކޮށްލާނެކަމަށް. ނަމަވެސް  ކައުންސިލްގެ ނަންތައް އިއުލާނުވެސް ކުރިފަހުން ގާނޫނަށް ގެނައި ބަދަލުން  މުޖްތަމައު ބަލައި ނުގަންނަ ނުވަތަ ކުށުގެ ވެށިން ސަލާމަތް ވިތާ އެންމެ ދެއަހަރުވެފައިވާ މީހުންނަށް ވެސް ކުރިމަތިލެވޭގޮތް ވުމުން އެހިސާބުން ހިތަށް އެރީ އަޅުގަނޑުމެން ބޭނުން ނޫން މިކަހަލަ ބަޔަކު ކައުންސިލަށް އަތުވެދާނޭ. އެކަހަލަ އަޑުތަކެއްވެސް އެރި. އެހެންވީމާ ދެން ހިތަށް އެރީ އަޅުގަނޑު ކައުންސިލަށް ކުރިމަތި ލާންވީ ވަގުތު އައިސް ޖެހުނީއޭ.

ދާއިރާގައި ހުރި މައްސަލަތަކުގެ ތެރެއިން އެންމެ އަވަހަށް ހައްލު ގެނައުމަށް އިސްކަންދެއްވާނެ 3 ކަމެއް ބަޔާންކޮށްދެއްވާ؟

ފުރަތަމަ ކަމަކީ ރައްޔިތުންނާ ކައުންސިލާ މެދު އޮތް ދުރުމިން ކައިރި ކުރުން. ދެވަނަ ކަމަކީ ނަމެއްގައި ނުތިބެ ކަމެއްގައި ތިބި ބައެއްކަން ރައްޔިތުންނަށް ދެއްކުން. ތިންވަނަ ކަމަކީ އެންމެ ފުރަތަމަވެސް ރައްޔިތުންނާ ބައްދަލު ކޮށް އެމީހުންގެ ޝަކުވާތައް އަޑުއަހައި ފުރަތަމަ އަހަރު މަހަކު އެއްފަހަރު ރައްޔިތުންގެ ފޯރަމް އެއް ބާއްވައި ރައްޔިތުންގެ ބޭނުންތަކާއި ޚިޔާލުތަކަށް އަމަލީ ސިފައެއް ގެނައުމާއެކު ރައްޔިތުންގެ އިތުބާރާއި ލޯބި ހޯދުން .

ކައުންސިލަށް ހޮވިއްޖެނަމަ، ރައްޔިތުންނަށް ދޭން ބޭނުންވާ އުފާވެރި ޚަބަރަކީ ކޮބައިތޯ:

އަޅުގަނޑުގެ ގާބިލްކަމާ މެދު ސުވާލު ނުއުފައްދާށޭ. އަޅުގަނޑުގެ އަމާޒަކީ  އޭދަފުށި އެއީ ނަމޫނާ ރަށަކަށް ވީފަދައިން އޭދަފުށި ކައުންސިލަކީވެސް ނަމޫނާ ކައުންސިލަކަށް ހެދުން . މިއަމާޒާ ހަމައަށް އަޅުގަނޑު ދާނަން ..އިންޝާﷲ . ރީތި ނަލަ އަދި ތަހުޒީބު އޭދަފުށްޓެއް ދެއްކުމަށް ކުރެވެން ހުރި ހުރިހާ ކަމެއްވެސް ކުރާނަމޭ. އެރޮނގުން ކުރު މުއްދަތުގައި ބޮޑެތި ކާމިޔާބުތަކެއް ހޯދޭނެ ގޮތަކަށް މަސައްކަތްތައް ވިލަރެސް ކުރާނަމޭ.

ދާއިރާގެ ރައްޔިތުންގެ ގާތު ބުނެލަން ބޭނުންވަނީ :
އަޅުގަނޑުގެ އަތުގައި ހިފާށެވެ. އަޅުގަނޑަށް ވޯޓު ދެއްވާށެވެ. އަޅުގަނޑާމެދު ޝަކުވާ އެއް ކުރުމުގެ ފުރުސަތެއް ނުދޭނަމެވެ. އެއށްވުރެ އަޅުގަނޑު ހުންނާނީ ކައިރީގައެވެ. ބުނާއެއްޗެއް އަޑުއިވޭހާ ހިސާބު ކައިރީގައެވެ. އަޅުގަނޑުގެ ކެންޑިޑޭޓް ނަންބަރަކީ 2 އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top