ރާއްޖޭގައި ކަށި މިޔަރުގެ މަސްވެރިކަން މަނާވެފައި އޮތުމަށްފަހު މިއަދު އަލުން އެފުރުސަތު ހުޅުވާލައިފި އެވެ.
ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް ހުޅުވާލާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެެއްވީ މިއަހަރުގެ އޮގަސްޓުމަހުގެ 20 ވަނަ ދުވަހު ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެއެވެ.
ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް ހުޅުވާލާފައިވާއިރު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ އެކަމާއި ގުޅޭ ގަވައިދުވެސް އާންމުކޮށްފައެވެ. އެގޮތުން އާންމުކޮށްފައިވާ ކަށިމިޔަރުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާއި، ބެހޭ ގަވާއިދަކީ، ކަށިމިޔަރުގެ މަސްވެރިކަން މެނޭޖުކުރުމުގެ ރާއްޖޭގެ ޕްލޭން ތަންފީޒުކުރުމާއި، ކަށިމިޔަރުގެ މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ރާވައި ހިންގައި ބެލެހެއްޓުމުގެ އުސޫލުތައް ކަނޑައެޅުމަށްޓަކައި މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ބާރުލިބިގެން އެކުލަވާފައިވާ ގަވާއިދެކެވެ.
މި ގަވާއިދުގައި ވާގޮތުން ކަށިމިޔަރުގެ މަސްވެރިކަމުގައްޔާއި ކަށިމިޔަރުގެ މަސްވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުން އެކަން ކުރަންވާނީ، އެ ވުޒާރާއިން ދޫކުރާ ލައިސަންސްއެއްގެ ދަށުންނެވެ. މީގެ ތެރޭގައި ކަށިމިޔަރުގެ މަސްވެރިކަންކުރާ އުޅަނދުފަހަރާއި، ޕްރޮސެސްކުރުމުގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކާއި ތަންތަނާއި، ކަށިމިޔަރު ސަޕްލައިކުރުމުގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތައް ހިމެނެއެވެ. އެގޮތުން މި ގަވާއިދުގެ ދަށުން ކަށިމިޔަރުގެ މަސްވެރިކަން ކުރުމުގެ ލައިސަންސް ދޫކުރެވޭނީ، ގިނަވެގެން ޖުމްލަ 40 އުޅަނދަށް ކަމަށެވެ. އަދި ލައިސަންސްގެ މުއްދަތު ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ޖެހިގެން އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށެވެ.
ލައިސަންސް ފީގެ ގޮތުގައި ވަކި އަދަދެއް ނެގުމައްވަނީ ނިންމާފައިވާއިރު މަސްވެރިކަން ކުރާ އުޅަނދަށް އަހަރަކަށް 2000 ރުފިޔާ، ޕްރޮސެސްކުރާ ފަރާއްތަކަށް އަހަރަކަށް 5000 ރުފިޔާ އަދި ސަޕްލައިކުރާ ފަރާތްތަކުން އަހަރަކަށް 3000ރުފިޔާގެ ފީއެއް ނެގުމަށް ނިންމާފައި ވެއެވެ.
ކަށިމިޔަރުގެ މަސްވެރިކަމުގެ ގަވާއިދުގައި ވާގޮތުން ކަށި މިޔަރުގެ މަސްވެރިކަންކޮށް، މަސްކިރޭނީ 4 ބަނދަރަކަށެވެ. އެއީ ހދ. ކުޅުދުއްފުށި ސީޓީ ބަނދަރު، ށ. ފުނަދޫ، ރ. މަޑުއްވަރީ އަދި އއ. ހިމަންދޫ ބަނދަރަށެވެ.
މި ގަވާއިދާއި ހިލާފުވާ ފަރާތްތަކަށް ދޭނެ އަދަބުތައްވެސް ވަނީ ކަނޑައަޅާފަ އެވެ. މިގޮތުން މަސްވެރިކަން ކަނޑައަޅާފައިވާ ސަރަހައްދު ނޫން ސަރަހައްދެއްގައި މަސްވެރިކަންކޮށްފިނަމަ އަދި ކަށި މިޔަރު މަސްވެރިކަމުގައި ކަށިމިޔަރު ފިޔަވައި އެހެން ބާވަތެއްގެ މިޔަރަކަށް އަމާޒުކޮށް މަސްވެރިކަން ކޮށްފިނަމަ ކެޔޮޅު، އޮޕަރޭޓަރު ނުވަތަ ލައިސަންސްގެ ވެރިފަރާތް އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް އަދި އެކަން ތަކުރާކޮށްފިނަމަ ޖޫރިމަނާކުރި އަދަދަށް 50000 ރުފިޔާ އިތުރުކޮށް 4 ލައްކަ އާއި ހަމައަށް ޖޫރިމަނާކުރެވޭނެ ކަމަށް ގަވާއިދުގައި ފާހަގަކޮށްފައި ވެއެވެ.
ކަށިމިޔަރުގެ މަސްވެރިކަމަކީ އަހަރުތަކެއްކުރިން ރާއްޖޭގައި ކުރަމުން އައި އަދި އެއިން ބޮޑު މަންފާއެއް ހޯދި މަސްވެރިކަމުގެ ބާވަތެކެވެ. އެކަން ހުއްޓުނީ ރާއްޖޭގައި މިޔަރުގެ އަބާދީ މަދު ވަމުން ދިއުމާ ގުޅިގެންނެވެ. އެހެން ނަމަވެސް މިހާރު މިޔަރު އާބާދީ ރާއްޖޭގައި އިތުރުވެ ބައެއް ފަހަރު މަސްވެރިންނަށްވެސް މިޔަރުގެ އުދަގޫ ބޮޑުވާކަމުގެ ޝަކުވާތައް ވަނީ އިތުރުވެފައެވެ.





