ބ. ކިހާދޫގައި ކީ ނީލަމެއްގައި 80000ރ އަށް 2 ފުނަގަސް ވިކިއްޖެ؟!

18280938_10156205972333009_1842792858_n.jpg

ކިހާދޫގައި މިއަދު ނީލަންކީ 2 ގަސްކައިރީގައި ބަޔަކު މަޑުކޮށްލައިގެން. މިދެގަސް ނީލަމުގައި ވިކުނީ 80050.00ރ އަށްކަމަށް ކިހާދޫ ކައުންސިލުންބުނޭ / ފޮޓޯ: އީވީ ކިއުންތެރިއެއް

ބ. ކިހާދޫގައި ކީ ނީލަމެއްގައި ދެ ފުނަގަސް އަށްޑިހަހާސް ރުފިޔާއަށްވުރެ ބޮޑު އަގަކަށް ބަޔަކު ގަނެފިއެވެ.

މިއަދު މެންދުރު ކުރީގައި އެރަށުގައި ކީ މިނީލަމުގައި ދެ ފުނަގަސް -/80050ރ (އަށްޑިހަހާސް ފަންސާސް ރުފިޔާއަށް) ގަނެފައިވަނީ ބ. ދޮންފަނު އަލީ ރަޝީދުކަމަށް ކިހާދޫ ކައުންސިލުން ބުނެއެވެ. ކިހާދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ އަބްދުﷲ ނަސީމް މިއަދު އީވީއަށް ވިދާޅުވީނީލަން ކިއުނު ދެ ފުނަގަހަކީ ރައްޔިތުންގެ ދެ ފުނަގަސްކަމާއި އެ ދެ ފުނަގަސް ކަނޑަން ޖެހުނީ ކޮންމެހެން ކަނޑަން ޖެހިގެން ކަމުގައެވެ. އެކަމަކު ނީލަމުގެ އަގު މިހާބޮޑުވެގެން ހިނގައިދާނެކަމަށް އެއްގޮތަކަށްވެސް ލަފާ ނުކުރާކަމަށެވެ.

ނަމަވެސް މިހާބޮޑު އަގެއް އެއްދުވަހުން ރައްޔިތުންގެ މާލިއްޔާއަށް ވަނުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށް ނަސީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ނީލަމުގެ އަގު މިހާބޮޑަށް މަތިވެގެން ދިޔައީ ވާދަވެރިކަން ބޮޑުވުމުގެ ސަބަބުންކަމަށް ދެކިލައްވާ ކަމަށެވެ.

“އަޅުގަނޑުވެސް ހަމަ ހައިރާންވި މިހާބޮޑު އަގަކަށް މިދެގަސް ވިކުނީމާ، ސޯޅަވަރަކަށް މީހުން ނީލަމުގައި ބައިވެރިވި. ފަހުން ފަހުން ގޮސް ދޮންފަނު ދެމީހެއްގެ ވާދަވެރިކަމުގައި އަގު މިހާބޮޑަށް މަތިވީ” ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ ވަރަށްބިޔަ މި ދެ ފުނަގަސް ކަނޑާލަންޖެހުނީ ކިހާދޫ ފުޓްބޯޅަ ދަނޑު ސަރަހައްދުގެ މަގެއް ހެދުމަށްޓަކައިކަމަށެވެ. އޭނާ ވިދާޅުވީ ކިހާދޫގައި ހުރި ފުނަގަސްތަކެއް މީގެ ދެއަހަރެެއްހާދުވަސް ކުރިން ކީ ނީލަމެއްގައިވެސް  އަގުތައް ވަރަށް މައްޗަށް ދިޔަކަމަށާ، ނަމަވެސް މިފަހަރުގެ ނީލަމަކީ ރެކޯޑެއްކަމަށެވެ.

“އެފަހަރު ނީލަން ކީ ވިއްސަކަށް ގަސް.  އެންމެ މައްޗަށް އެރީ ތޭވީހަކަށް ހާސްރުފިޔާހެން ހީވަނީ ގަހަކަށް. އެފަހަރުވެސް މާލިއްޔާއަށް ހަތަރުލައްކަ ފަންސާސްހާސް ރުފިޔާވަރު ލިބުނު ނީލަންކިޔައިގެން”

ނަސީމް ވިދާޅުވީ ނީލަމުގައި ދެ ފުނަގަސް ނެގި ފަރާތުން އަގުދެއްކުމަށްފަހު ގަސްކަނޑައިގެން ގެންދިއުމަށް މިހާރު އަންގާފައިވާކަމަށެވެ. އޭނާ ވިދާޅުވީ ކިހާދޫގައި ދޯނިބަނުންފަދަ ކަންކަމަށް ބޭނުންކުރެވޭ ލަކުޑީގެ ބޮޑެތި ގަސްތައް އަދިވެސް އެބަހުރިކަމަށާ، ނަމަވެސް އެގަސްތައް ނީލަންކިޔަން އަދި ނުނިންމާ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top