އޭދަފުށީ އިރުމަތި ހުރަސް ތޮށީގައި ވަގުތީ މަސްމާރުކޭޓެއް ހަދަން ކައުންސިލުން ނިއްމައިފި

IMG_20170223_170957-800x450-800x450.jpg

ބ. އޭދަފުށި ބަނދަރުގެ އެއްގަމު ވާޓަރު މައްޗަށް ބަޔަކު މަސްބާލާފައި. ވަގުތީ މަސްމާރުކޭޓެއް ހެދުމަށް އޭދަފުށީ ކައުންސިލުން އިއްޔެ ވަނީ ނިންމާފައި / އީވީ ފައިލް ފޮޓޯ

ބ. އޭދަފުށީ ބަނދަރުގެ އިރުމަތީ ހުރަސް ތޮށީގެ ސަރަހައްދުގައި ވަގުތި މަސްމާރުކޭޓެއް ހެދުމަށް އޭދަފުށީ ކައުންސިލުން ނިންމައިފިއެވެ.

ކައުންސިލުން މިގޮތަށް ނިންމީ އިއްޔެ ބޭއްވި ކައުންސިލްގެ އާންމު ބައްދަލުވުމުގައި މެމްބަރުންގެ އަޢްލަބިއްޔަތުންނެވެ. ވަގުތީ މަސްމާރުކޭޓެއް އެޅުމަށް ކައުންސިލުން ނިންމާފައިމިވަނީ، އޭދަފުށީ ބަނދަރަށް ހަމައެއް ލަމައެއް ނެތި މަސްބާލައި، މަސްކަނޑަމުންދާތީ، ހޯމަދުވަހުގެރޭ ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ވަރަށް ގިނަ އާންމުން ޝަކުވާތައް ހުށައަޅާފައިވެސް ވަނިކޮށެވެ.

އޭދަފުށީ ކައުންސިލްގެ ނާއިބްރައީސް ހައްވާ ސަމީހާ އީވީއަށް މިއަދު ވިދާޅުވީ ވަގުތީ މާރުކޭޓެއް އެޅުމަށް މިހާރުން މިހާރަށް ނިންމީ، އޭދަފުށީގެ ބަނދަރުގެ އެއްގަމު ވާޓަރާ އިންވެގެން ޕޭމަންޓް ހަދައި ނިމިފައިވުމާއި، ރައްޔިތުންގެ ޝަކުވާތަކާވެސް ގުޅިގެން ކަމަށެވެ. އޭނާ ވިދާޅުވީ ވަގުތީ މާރުކޭޓް އެޅުމަށް ނިންމި ނަމަވެސް އެމަސައްކަތް ކުރާނެ އުސޫލެއް އަދި ކަނޑަނޭޅޭތީ، މާރުކޭޓް ހަދާނެ ފެންވަރަކާމެދު މިވަގުތު އެއްޗެއް ދަންނަވަން ދަތިކަަމަށެވެ.

“ޕޭމަންޓް މައްޗަށް މަސްބޭލުން އާންމުވެދާނެތީ އެންމެ ބޮޑަށް މިކަން އަވަސް ކުރަންޖެހުނީ. ދެން އަނެއްކާ ރައްޔިތުންގެ ކަންބޮޑުވުން އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ލިބުނު މިމައްސަލާގައި. މިކަންކަމަށް ބަލާފައި ކައުންސިލް މެމްބަރުންނަށް އިއްތިފާގުވެވުނީ ވަގުތީ ގޮތުން މަސްބާލާ، ކެނޑޭނޭ އިންތިޒާމް ހަމަޖެއްސުމަށް ތަނެއް ހެދުމަށް. ވަގުތީ ގޮތުން ތަނެއް ހަދާނީ، މަސްބާލާ ކެނޑޭގޮތަށް. ހަދާނެ ފެންވަރެއް އަދި ހަދާނެ ގޮތެއް ކަނޑައެޅުމުގެ މަޝްވަރާތައް ކުރިޔަށް ދެންދާނީ. އެހެންވީމާ އެކަމާމެދު އެއްޗެއް ބުނަން އަދި ދަތި” ޕީޕީއެމް ކައުންސިލަރ ހައްވަ ވިދާޅުވިއެވެ.

ބ. އޭދަފުށި ބަނދަރުގެ އެއްގަމު ވާޓަރު މައްޗަށް ބަޔަކު މަސްބާލާފައި. ވަގުތީ މަސްމާރުކޭޓެއް ހެދުމަށް އޭދަފުށީ ކައުންސިލުން އިއްޔެ ވަނީ ނިންމާފައި / އީވީ ފައިލް ފޮޓޯ

ކައުންސިލުން ވަގުތީ މަސްމާރުކޭޓެއް ހަދަން ނިންމިއިރު، އޭދަފުށީ އަމިއްލަ ޖަމްއިއްޔާއެއްކަމަށްވާ، ކްލަބް ދަ ބިގިނާސްއާއި، ކައުންސިލާ ގުޅިގެން ބަނދަރު ސަރަހައްދުގައި ދާއިމީ މަސްމާރުކޭޓެއް ހެދުމުގެ މަޝްވަރާތައް މިދިޔަ އަހަރުން ފެށިގެން ދަނީ ކުރެވެމުންނެވެ. ހައްވަ ވިދާޅުވީ ބިގިނާސް އާއެކު ކުރިޔަށްދާ މަޝްވަރާތަކަށްވެސް ކުރިއެރުން ލިބޭކަމަށާ، އެމަސައްކަތްވެސް މިއަހަރުގެ ތެރޭގައި ފެށޭނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އޭދަފުށީ ކައުންސިލުން ކުރިން ބުނެފައިވަނީ ވާޓަރުމައްޗަށް މަސް ބޭލުމާ، މަސް ކެނޑުން ނުހުއްޓުވިވަނީ، މަސްބާލައި، މަސްކަނޑާނެ ސަރަހައްދެއް ނުވަތަ މަސްމާރުކޭޓެއް ކައުންސިލުން ގާއިމްކޮށްދެވިފައި ނެތުމުގެ ސަބަބުންކަމަށެވެ.

ގާނޫނީ ގޮތުން ބާރުލިބިފައިވާ އޭދަފުށީ ބަނދަރު ބެލެހެއްޓުމާބެހޭ ގަވާއިދުގެ 18 ވަނަ މާއްދާގެ “ހ” ގައިވަނީ “އެއްވެސް އުޅަނދަކުން ނުވަތަ ފަރާތަކުން ފަޅުތެރެއަށާއި ބަނދަރާއި، ބަނދަރު ސަރަހައްދަށް ކުނިފަދަ ތަކެތި އެޅުމާއި، ޑަސްބިން ދޮވުމާއި، މަހުގެ އުކާލެވޭ ބައިތަކާއި، ކަރުގޮހޮރުފަދަ ތަކެތި އެޅުމަކީ މަނާކަމެކެވެ. އަދި ބަދަރާއި، ބަނދަރު ސަރަހައްދަށް ޤަޟާޙާޖާތް ކުރުމަކީ މަނާކަމެކެވެ”

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top