ޚާލިދުގެ ދަނޑުން: މިފަހަރު ޑްރެގަން ފުރުޓް .ހައްދަން ވަރަށް ފަސޭހަ އަގުބޮޑު މޭވާއެއް

kjj.jpg

ޑްރެގަން ފުރުޓް ގަސްތަކެއް

ލިޔުނީ: ޚާލިދު ޔޫސުފް

ޑްރެގަން ފުރުޓް ގަހަކީ ކެކްޓަސް ޢާއިލާއަށް ނިސްބަތްވާ ރާއްޖޭގައި ރަގަޅަށް ހެއްދޭނެ ގަހެކެވެ. ޑްރެގަން ފުރުޓަކީ ބިން ދެރަ ރަށްރަށުގައިވެސް ހެދޭ ރާއްޖެފަދަ ޓުއަރިޒަމް ކުރިއަރަމުންދާ ޤައުމެއްގައި ވިޔަފާރީގެ އުޞޫލުން ހެއްދުމަށް ރަގަޅު މޭވާއެކެވެ. ޑްރެގަން ފުރުޓްގެ މައިގަނޑު 3 ވައްތަރެއް ހައްދައި އުޅެއެވެ. އެއީ ތޮށިގަނޑާއި އެތެރެ ރަތްކޮށް ހުންނަ ވައްތަރަކާއި، ތޮށިގަނޑު ރީނދޫކޮށް އެތެރެ ހުދުކޮށް ހުންނަ ވައްތަރަކާއި، ތޮށިގަނޑު ރަތްކޮށް އެތެރެ ހުދުކޮށް ހުންނަ ވައްތަރެކެވެ. މި ހުރިހާ ވައްތަރަކީވެސް މީރު ފޮނިރަހައެއް ހުންނަ، އަދި ފަނި ގިރާލަންވެސް މީރު ވައްތަރު ތަކެކެވެ.

މުޑުވައްކުރުން

ޑްރެގަން ފުރުޓަކީ އޮށް އިންދައިގެން ވެސް މުޑުވައްކުރެވިދާނެ ގަހެކެވެ. ނަމަވެސް އޮށަށް ވުރެ ރަގަޅު ގޮތަކީ ކުރި އިންދައިގެން މުޑުވައް ކުރުމެވެ. އެގޮތުން 6-8 އިންޗީގެ ކުރި، ކޮތަޅެއްގައި އިންދައިގެން ރޯކުރެވިދާނެއެވެ. މުޑުވައް ކޮށްފައިވާ ގަސްތަކަށް ފެންދިނުމުގައި ގެންގުޅެންވާނީ އަބަދުވެސް ތެތްކަން ހުންނަ ވަރަށް ، ވީހާވެސް މަދުންނެވެ. އަދި ބިމުގައި ހުންނަ ގަސްތަކަށް ހޫނުގަދަ ނަމަ ދުވާލަކު 1 ފަހަރު ފެންދިނުމަކީ މުހިންމު ކަމެކެވެ. ގަސްތައް ރޯވެ މޫލަން ފެށުމާއެކު ކުރިތައް އިތުރުވާން ފަށާނެއެވެ. އެއަށްފަހު ރޯވެފައިވާ ގަސްތައް އިންދުމުގެ ކުރިން މަޑުމަޑުން އަތްވައް ހޭނުވުމަކީ މުހިންމުކަމެކެވެ.

ގަސްތައް އިންދާ ބެލެހެއްޓުން

ބިމުގައި ގަސް ރުވާނީ ދެބަރި ދޭތެރޭގައި 9 ފޫޓް އަދި ދެގަސް ދޭތެރޭގައި 11 ފޫޓް ހުންނަ ވަރަށެވެ. ގަސްއިންދާ ވަޅުގަނޑަށް ގަސް އިންދުމުގެ ކުރިން 7-5 ކިލޯ އޯގަނިކް ކާނާ ފަސްގަޑާ އެއްކުރަންވާނެއެވެ. އަދި ޑްރޭގަން ފުރުޓަކީ ވެޔޮ ފާޑަން ހެދި ބޮޑުވާ ގަހަކަށްވާތީ، ގަސްއެރުވުމަށްޓަކައި 7 ފޫޓް ހުންނަ ސައިޒްގެ ދަގަޑު ނުވަތަ ކޮންކްރީޓް ފަދަ ގިނަދުވަހު ހުންނަ އެއްޗެއް ޖެހުމަކީ މުހިންމުކަމެކެވެ. މިގަހުގެ މަލަކީ ރޭގަނޑު ފޮޅޭމަލެކެވެ. ޑްރޭގަން ފުރުޓް މޭވާ ލިބޭނީ ގާތްގަނޑަކަށް ގަސް ރުވާތާ 18-15 މަސްދުވަހުގެ ތެރޭގައެވެ. މިގަހުގައި މޭވާ އެޅުން 6 މަހުގެ މުއްދަތަކަށް ތަކުރާރު ވާނެއެވެ. ޑްރެގަން ފުރުޓް ގަހަކީ ރަގަޅަށް ކާނާ ގަވާއިދުން ލިބިދޭންޖެހޭ ގަހަކަށް ވާތީ، އޯގަނިކް ކާނާ ގިނަކުރުމުގެ އިތުރުން، ގަސްތައް ހެދި ބޮޑުވަމުން އަންނަ އިރު އެކި ޢުމުރު ފުރާއަށް އެކަށީގެންވާ ކެމިކަލް ކާނާ އެއް ދިނުމަކީ މުހިންމުކަމެކެވެ. އެގޮތުން ގަސްތައް ހެދި ބޮޑުވެެ މާ އަޅާ ވަރުވުމުން ފޮސްފަރަސް ގިނަކާނާ އެއް ( 18-50-18 ) ބޭނުން ކުރެވިދާނެއެވެ.

މިގަހަކީ މިޞަރަޙައްދުގެ ޤައުމު ތަކުގައި ޢާންމުކޮށް ހައްދާ އުޅޭ ގަހަކަށް ނުވާތީ ރަގަޅު އަގެއް ރާއްޖޭގެ ދަނޑުވެރިންނަށް ލިބިގެންދާނެ މޭވާ އެކެވެ. އެހެންކަމުން ޑްރެގަން ފުރުޓް ގަސް ދަނޑުބިން ތަކުގައާއި ގޯތިތެރޭގައި ހުންނަ ހުސް ބިންތަކުގައި އިންދާ އާލާކޮށް މިކަމުގެ އެންމެ އެދެވޭ ނަފާ ހޯދުމަކީ މިއަދު ރާއްޖޭގެ ދަނޑުވެރިކަމަށް އިތުރު ކުރި އެރުމެއް ލިބިގެންދާނެ ކަމެކެވެ.

މީގެ 25 އަހަރު ކުރިއާ އަޅާބަލާއިރު މިއަދުވަނީ ރާއްޖޭގެ ދަނޑުވެރިކަން ދިވެހިންގެ ހިތްތަކަށް ހީވެސް ނުކުރާހާ ބާރު މިނެއްގައި ކުރިއަށް ޖެހިލާފައޭ ބުނުމަކީ ކުށަކަން ނުވާނެއެވެ.

އެހެންކަމުން މިފަދަ ދިގު މުއްދަތުން ނަފާ ލިބޭ އާވައްތަރުތައް ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ހައްދައިގެން އިތުރު އާމްދަނީ ހޯދުމަށްޓަކައި ވަނީ ވިސްނަން ޖެހިފައެވެ. ރާއްޖޭގެ މާހައުލަން އަންނަމުންދާ ބަދަލުތަކާއެކު ޒުވާން ދަނޑުވެރިން މުޖުތަމަޢު އަށް ނުކުމެ އާ ހިޔާލުތަކާއެކު ޒަމާނާއެއްގޮތަށް ބައްޓަން ކުރުމުގެ ވަގުތު މިވަނީ ޖެހިފައެވެ.

އެޑިޓަރުގެ ނޯޓް: މިއީ ދަނޑުވެރިކަމުގެ ފަންނީ ބައެއް މައުލޫމާތު ކިއުންތެރިންނަށް ގެނަސްދިނުމަށްޓަކައި ހުށަހަޅައިދޭ ކޮލަމެކެވެ. “ޚާލިދުގެ ދަނޑުން” މިކޮލަމަށް ލިޔުއްވަމުން ގެންދަވާ ޚާލިދުއަކީ ދަނޑުވެރިކަން ކުރާނޭގޮތް ދަސްކޮށްދިނުމަށް ރާއްޖޭގެ ވަރަށްގިނަ ސަރަހައްދުތަކުގައި ޓްރޭނިނގް ޕްރޮގްރާމްތައް ހިންގަވައި، އެދާއިރާގައި 25 އަހަރަށްވުރެ ގިނަދުވަހުގެ ތަޖުރިބާ ލިބިލައްވާފައިވާ އޭދަފުށި ދޮންދުނބުރިގޭ ޚާލިދު ޔޫސުފެވެ. އެގްރިކަލްޗަރ މިނިސްޓްރީގައި އާދައިގެ ވަޒީފާއަކުން 1992 ވަނަ އަހަރު ދިވެހި ދަނޑުބިންތަކަށް ނުކުންނެވި ޚާލިދަކީ މިއަދު އެގްރިކަލްޗަރ މިނިސްޓްރީގެ ސީނިއަރ ފީލްޑް އޮފިސަރުގެ މަޤާމްގައި ހުންނެވި ބޭފުޅެކެވެ. އޭނާވަނީ ދަނޑުވެރިކަމުގެ ގިނަ ކޯސްތަކަކާއި، ޓްޜޭނިންގް ޕްރޮގްރާމްތައް ރާއްޖެއާއި، ރާއްޖެއިން ބޭރުން ފުރިހަމަ ކުރައްވާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top