ރައްޔިތުންގެ އަޑު: މަގުހެދުން ލަސްވާތީ ކައުންސިލުން އެކަމާ ކަންބޮޑެއް ނުވޭތޯ؟

DSCN8163-768x468-1.jpg

އެމްއާރުޑިސީގެ މުވައްޒަފުންތަކެއް އޭދަފުށީ މަގުތައް ހެދުމުގެ މަސައްކަތް ކުރަނީ. މިމަސައްކަތް ކުރިޔަށްދާ ސްޕީޑް ވަނީ މަޑުޖެހިފައި / އީވީ ފައިލް ފޮޓޯ

މިއީ ބ. އަތޮޅުގެ ރައްޔިތުންގެ ފަރާތުން މިނޫހަށް ލިބޭ ސުވާލުތަކުގެ ތެރެއިން ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ހޯދައި، ގެނެސްދިނުމަށް ހަމަޖެހިފައިވާ ކޮލަމެކެވެ. މިހަފްތާގެ ސުވާލުތައް ޚާއްސަ ކޮށްލަނީ ބ. އޭދަފުށީކައުންސިލަށެވެ.

ސުވާލު: އޭދަފުށީ މަގުތައް ތާރުއަޅައިގެން ހެދުމަށް އެމްއާރުޑީސީން ކުރަމުން އަންނަ މަސައްކަތް މިހާރު އޮތީ ވަރަށްބޮޑަށް މަޑުޖެހިފައެއް ނޫންތޯ؟ އެކަން ކައުންސިލަށް ފާހަގަކުރެވޭތޯ؟ މަސައްކަތް ލައްވާތީ އަވަސްކުރުމަށް މަސައްކަތް ނުކުރަނީތޯ؟

އޭދަފުށީ ކައުންސިލް: އޭދަފުށީގެ މަގުތައް ތާރުއަޅައިގެން ރަނގަޅުފެންވަރަކަށް ހެދުމަށް އެމްއާރުޑީސީން ކުރަމުން އަންނަ މަސައްކަތް ފެށުނީއްސުރެ މިކައުންސިލުން އަންނަނީ ބަލަމުންނެވެ. އަދި އެމްއާރުޑިސީއާ މަޝްވަރާވެސް ކުރަމުން ގެންދެވެއެވެ. ތެދެއް. މިދުވަސްވަރު މަގުހެދުމުގެ މަސައްކަތުގެ ސްޕީޑް ވަރަށް ލަސްކޮށް ފެންނަނީ. މިދޭތެރެއަކުން ވަރަށް ބާރަށް މަސައްކަތް ގޮސްގޮސް ހުރެފައި މިހާރު މިއޮތީ މަޑުޖެހުމެއް އައިސްފައި. މިކަން ކައުންސިލަށް ފާހަގަކުރެވިގެން މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ދެފަހަރެއްގެ މަތީން އެމްއާރުޑީސީއާ އަޅުގަނޑު މަޝްވަރާކުރިން. އެކަން އަވަސްކުރެވޭތޯ ކައުންސިލުން މިދަނީ ބާރުއަޅަމުން. މިދޭތެރެއަކުން މަގުހެދުމަށް މަޑުޖެހުން އައި އެއްސަބަބަކަށްވީ އޭދަފުށީގައި މިހާރުކުރިޔަށްދާ ފެންހޮޅި އެޅުމުގެ މަޝްރޫއު މަސައްކަތްތަކަށް ފުރުސަތު ދިނުން. އެހެންނަމަވެސް ކައުންސިލުން މިހާރު އުއްމީދުކުރަނީ މަގުހެދުންވެސް ދެން ލަސްތަކެއް ނުވެ ބާރުސްޕީޑްގައި ކުރިޔަށް ގެންދެވޭނެކަމަށް.

ސުވާލު: އޭދަފުށީ ގަބުރުސްތާނު ގޯތިތެރޭގައި މިހާރު އަންނަނީ ވަރަށްބޮޑަށް ވިނަ ބޯވެ ގަސްހެދެމުން. މިދިޔަ އަހަރުވެސް މިކަން ހައްލުނުވެ ގިނަދުވަސްތަކެއްވީފަހުން ކަމާބެހޭ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރިފަހުން ގަބުރުސްތާނު ވިނަނޮޅާ ގަސްތައް ނަގައި ސާފުކުރެވޭގޮތްވީ. މިއަހަރުވެސް ވާނީ ހަމައެހެންތޯ؟

އޭދަފުށީ ކައުންސިލް: ގަބުރުސްތާނު ވިނަ ބޯވެ ގަސްހެދެމުން އަންނަކަން ކައުންސިލަށް ވަނީ ފާހަގަކުރެވިފައި. އަދި އެތަން ސާފުކޮށް ވިނަ ނޮޅުމަށް މިދަނީ ތައްޔާރުވަމުން. މިހާރުވެސް ގަބުރުސްތާނުގެ އެތެރޭގެ މަގުތައް ވިނަނޮޅައި ސާފުކުރުމުގެ މަސައްކަތް ކުރިޔަށް އެބަދޭ. މިކަމ،ަށް ބަޖެޓްވެސް ވަނީ ހަމަޖެހިފައި. އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ މިމަސައްކަތް ދެމެހެއްޓެނިވި ގޮތަކަށް ކުރެވޭނެ ގޮތަކަށް މަސައްކަތް ބަޔަކާ ހަވާލުކުރެވޭނެ.

ޖަވާބު ދެއްވީ :އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާން

“ރައްޔިތުންގެ އަޑު” މި ކޮލަމަށް ސުވާލެއް ފޮނުއްވުމަށް ބޭނުންފުޅުވާނަމަ މެއިލް ކުރައްވާނީ  [email protected] އަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top