ހިތޭ ދޭމީ ފުރޭ ލޯބިން

My-Heart-Belongs-To-You.jpg

ވާހަކަ ލިއުނީ އައިޝާ

(ޖެނުއަރީ 5އާ ގުޅޭ) . “ކީއްވެ ހުއްޓާލީ !”

“ރޭތަކުގެ އިޝްގު ބަތޮލާ އެއްގެ މަގާމަށްވެސް ޒާހިޔާ ގެންދިޔަ! އެހެން ނޫންތަ! ”

“ނޫން ވަނޫދު! ” ޒާހިޔާ ތެޅިގަތެވެ. “އޭނާ ކުރިހާވެސް ކަމަކީ ވަނޫދުއަށްޓަކާ އޭނާގެ ހިމާޔަތުގައި ބޭންދުން. އަހަރެން ގެ ހަށިގަނޑުގައި އިނގިލިކުރިވެސް ބީހިލުމުގެ ހުއްދަ ނުދޭކަމަށް ވާނަމަ އެކަމެއް ނުކުރެވޭން ދޯ! ”

“އެހެންވިއްޔާ ކައިވެންޏަށް އެއްބަސްވީ ކީއްވެ؟”

“އެނޫންގޮތެއް ނެތީ. އަހަރެންގެ ރުހުމާ ނުރުހުމަކީ މަންމަމެން ބަލަން ބޭނުން ކަމެއް ނޫން.  އަހަންނަށް އިއްވާފައިވަނީ ގުރުބާންކުރެވޭ ކަންބަޅިއެއްގެ ހުކުން.”

ވާހަކަ މެދުކަނޑާލަންޖެހުނީ ޒަރީނާ އަންނަތަން ފެނުމުންނެވެ. އޭނާއައީ ދުވަމުންނެވެ. “ވަނޫދުއާ ޒާހިޔާ މިތަނުގައި އެބަތިބި ކަން ޒާހިޔާގެ މަންމައަށް އެނގިއްޖެ. ވަރަށް ރުޅިގަދަވެފައި ހުރެގެން އެބައާދޭ. ”

ވަނޫދު އެތަނުގައި އިނީއެވެ. ޒަރީނާ އާއެކު ޒާހިޔާ ދިޔައީއެވެ.

އަނެއްރޭ ވަނޫދު ޒާހިޔާ އާ ބައްދަލުކޮށް ކައިވެނި ހުށައެޅިއެވެ. “އަހަރެން ބޭނުމެއް ނުވޭ މިކަން ދިގުލައިގެން ދާކަށް. އެހެންވީމާ މާދަން ކޯޓަށް ފޯމް ލާންކަމަށް.”

ހާދަ އަވަސްކޮށްލީ! ” ޒާހިޔާ އެހެންބުނި ނަމަވެސް އޭނާވެސް ބޭނުންވީ ކައިވެނި އަވަސް ކުރާށެވެ.

“އަހަރެންގެ އާއިލާ ޒާހިޔާއަށް އެބަ އިންތިޒާރު ކުރޭ. ލަސްކޮށްފިނަމަ މާބޮޑަށް ލަސްވެދާނެ. އާ ސާލިމެއް އަނެއްކާވެސް ފާވެ މިދެމެދަށް ހުރަސް އަޅާފާނެ.”

ޒާހިޔާ ހީނލިއެވެ. ޝުކުރުވެރިކަމާއެކު ވަނޫދުގެ އަތުގައި ހިފާލިއެވެ. އޭނާ އުފަލުން އަވަދިވަނީއެވެ.

ދެލޯބިވެރިން މި ގޮތަށް ކައިވެނީ ޕްލޭން ކުރަމުން ދިޔައަސް މިއީ އެހާ ފަސޭހައިން ނިމެން އޮތް ކަމެއް ނޫންކަން އެނގެއެވެ. ޒާހިޔާ އަކީ ސާލިމުއަށް ޚާއްސަ ކުއްޖެއްކަން ރަށުގެ އެންމެން ދަނެއެވެ. މައިންބަފައިވެސް ތިބީ އެގޮތަށް ނިންމައިގެންނެވެ. އެމީހުންބަލަނީ ސާލިމުއަކީ އެއާއިލާގެ މެންބަރެއްގެ ގޮތުގައެވެ. މި ގޮތަށް ނިމިފައިވާ ކަމެއް އެހެން ގޮތަކަށް ބަދަލުކުރުމަށް ޒާހިޔާގެ އާއިލާގެ ފަރާތުން ހުރަސްތައް ކުރިމަތި ކުރުވާނެކަން އެނގެއެވެ.

ކައިވެނީގެ ފޯމު ކޯޓަށް އެތެރެވުމާއެކުހެން ރަށުތެރޭގައި އެވާހަކަ ފެތުރިގަތީ ބޮމެއް ގޮވިހެންނެވެ. ކުރިން އިވިފައި ނެތް ކަމެއް ކުއްލިއަކަށް އުފަން ވުމާއެކު ތަފާތު ގޮތްގޮތަށް ވާހަކަތައް ވަޔާ ވާހަކަ ގޮވަން ފެށިއެވެ.

އެއީ ތެދެއްތޯ އެހުމަށް ޒާހިޔާ ގާތަށް ދިޔައިރުވެސް އޭނާގެ މަންމަ ހުރީ ރުޅިއައިސްގެން މީހަކު ފުފޭނެ ވަރަކަށް ފުފި ނިމިފައެވެ.

މަންމައާ އިސްއުފުލާލާފައި ބަލާލަން ކެރުމުގެ ހިތްވަރެއް ޒާހިޔާއަކަށް ނުލިބުނެވެ. އެހެންނަމަވެސް މަންމަގެ ތަކުރާރު ކުރަމުން ދިޔަ ވާހަކައަށް އެންމެފަހުން އާއެކޭ ބުނީ ބޮލުގެ އިޝާރާތުންނެވެ. “އެހެންވިއްޔާ ކަލެއަށް ޖެހޭނީ މިގެއިން ނުކުމެގެން ދާން. ”

އެއިއްވީ ހުކުމެވެ. ކައިރީގައި ދައްތަ އާއި ކޮއްކޮ ތިއްބެވެ. ޒާހިޔާއާ އެއްކޮޅަށް ނުވަތަ ދެކޮޅަށްވިޔަސް މަންމަގެ ކުރިމަތީގައި ބަހެއް ބުނުމުގެ ހިތްވަރެއް އެމީހުންނަކަށް ނުލިބުނެވެ.

“އަދި އެއްވާހަކަ ހަނދާންކުރާތި. “މަންމަ އެނބުރިލާފައި ބުންޏެވެ. “އަބަދަށްޓަކާ މިގޭގެ ދޮރު ކަލެއަށް ބަންދުވީ.”

މަންމަ ހިނގައްޖެއެވެ. ދައްތަ އައިސް ޒާހިޔާގެ ގައިގާ އޮޅުލައިގަތެވެ. ލޭގެ ގުޅުމަށް ކެތްނުވީއެވެ. މުދަލާއި ގެދޮރުން ބޭރުކުރި ކަމަށްވިޔަސް ރަހިމުގެ ގުޅުން ނުކެނޑޭނެކަމުގެ ރަމްޒެކެވެ.

“މަންމަގެ ބަސް އަހާ ޒާހިޔާ ! އެހެންނޫނީ މަންމަ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ.”

“ނޫން ދައްތާ! ” އޭނާ ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. “މިއީ އަހަރެންގެ ފަހަރު. މުޅި އުމުރު ހޭދަކުރީ މަންމަގެ ބަސް އަހައިގެން ބުނިހާ ގޮތަކަށް. އެއީ މަންމަ ކަމަށްވާތީ. މިކަމުގައިވެސް މަންމަގެ އެދުމަށް އާއެކޭ ބުނެގެން އަމިއްލަ ނަފުސަށް ދޯކާ ދީގެން ސާލިމުއާ ކައިވެނި ކުރަން ނިންމީ. އެކަމަކު އެހެންނެއްނުވި ދައްތާ !”

އޭނާ ކަރުނަތައް ފުހެލަމުން ބުންޏެވެ. ” ލޯބި ނުވާ މީހަކާ އިދެގެން އުޅެވިދާނެތަ ! އެކަމުން ލިބޭނީ ކޮން އުފަލެއް.؟ ހަޔާތަކީ ދިރުން ހުރި އުފާވެރި ދުވަސްތަކަކަށް ކިޔާ ނަމެއްކަމަށް ދައްތަ އަހަރެންގެ ގާތުގައި ކިތައް ފަހަރު ބުނިންތަ.! އެއީ ދައްތަގެ ތަޖްރިބާއޭ ނުބުނަންތަ ؟ ޚުދު ދައްތަ ދެވަނަ އަނތްބެއްގެ މަގާމުގައި ތިޔަ އިންނަނީ ދައްތަ ލޯބިވާ މީހަކީ އެއީ ކަމަށް ވާތީއެއް ނޫންތަ! ބަތްތަށީގެ އެއްފަޅި ކެއުމުގައި މުޅި އުމުރު ތިޔަ ހޭދަކުރަނީ ހިތާމަ އާއި ހިތްދަތިކަން ތަހައްމަލު ކުރަން ޖެހުނަސް ވަރިހަމަ ވެގެން ހަމައެކަނި ލޯތްބަށްޓަކާ ހުރިހާ ކަމެއް ގުރުބާން ކޮށްގެން ނޫންތަ .” ޒާހިޔާ އެއްނޭވައިން އަމުނާލިއެވެ.

ދައްތަ ހީނލިއެވެ. ޒާހިޔާ ދައްކަންފެށި ވާހަކަތަކުން އޭނާގެ ލޮލުން އޮހޭ ކަރުނަތަކަށް ނިމުން އަތުވެއްޖެއެވެ. “ސާބަސް ޒާހިޔާ! ހިއެއްނުކުރަން ތިޔައީ އެހާ ހިތްވަރުގަދަ ކުއްޖެއްކަމަކަށް.”

އޭނާ ޒާހިޔާ ކޮޅަށް ނެގިއެވެ. އަދި އޯގާތެރިކަމާ ލޯތްބާއެކު ބުންޏެވެ.” ދޭ ! މިގެއިން ނުކުމެގެން. ގޮސް ވަނޫދުގެއިން ހިޔާވަހިކަން ހޯދާ! އޭނާގެ މައިންބަފައިން އެތިބީ ޒާހިޔާ އެގެއަށް އައުން ލަސްވެފަ.”

*********

ވަނޫދުއާއި ޒާހިޔާގެ ގުޅުމުގެ ވާހަކަ ސާލިމުއަށް ލިބުމާއެކު ހުރިހާކަމެއް ބޭޒާރުވުމުގެ ވަގުތު އައިސް ކުޑަތަންވެއްޖެކަމުގައި ހީކުރެވުނެވެ. އަމިއްލަ އަތުން ފޭހުނު އިލޮށިގަނޑު އަމިއްލަ ލޮލަށް ހެރެނީކަމުގައި އިހްސާސް ކުރެވެމުން ދިޔައެވެ. ކޮންމެ ހިނދުކޮޅަކީވެސް ހާސްކަމާއި ނުތަނަވަސްކަމުން ފުރިގެންވާ ވަގުތުތަކެއް ކަމުގައި ވެއްޖެއެވެ. ތެދުވެރި ދެ ލޯބިވެރިންގެ ދެމެދަށް ވަދެވުނު ކަމުގެ ފާފައާއި އެކަމުގެ އަޒާބުން ހަށިގަނޑު އަނދަމުންދަނީއެވެ.

އެންމެ ފަހުން ސާލިމުއަށް މިދުނިޔެއިން ލިބޭނެ އެންމެ ހިތާމަވެރި ޚަބަރު ލިބިއްޖެއެވެ.

“ވަނޫދު ޒާހިޔާއާ ކައިވެނި ކޮށްފި.” ޚަބަުދިން މީހާ އެވަރުން ފުއްދާލީއެއްނޫނެވެ. ވަނޫދުއަށް ދިއްކޮށްލީ ކައިވެނީގެ ދައުވަތު ކާޑެވެ.

“އެކަމަކު… މިހާ އަވަހަށް… ހަމަ އިނީ ތަ؟ ޒާހިޔާ ވަނޫދުގެ މިލްކަކަށް ވީ ؟ ”

“އެކަން ނިމިއްޖެ. އެ ބޭވަފާތެރިޔާ ސާލިމުއަށް ލަނޑުދީފާ މިހާރު ވަނޫދުއާއެކު ކައިވެނީގެ ފުރަތަމަ ރޭތަކުގެ އުފާ ހޯދަނީ. ”

“ނޫން ރަހްމަތްތެރިޔާ !ނޫން.” ސާލިމް އޭނާގެ ވާހަކަ ހުއްޓުވިއެވެ. “ޒާހިޔާއަކީ ބޭވަފާތެރިއެއް ނޫން. އޭނާއަކީ ވަފާތެރިއެއް. ޒާހިޔާ އެންމެ ފުރަތަމަވެސް ލޯބިވީ ވަނޫދު ދެކެ. އަހަރެން އެދެމީހުންގެ ތާހިރު ލޯބީގެ ތެރެއަށް ވަދެގަތީ. އެވެސް އޮޅުވާލުމާ ހީލަތް ތެރިކަމުގެ ތެރެއިން. ”

ޒާހިޔާގެ ކިބައިން މައާފު ހޯދަން ހަމަމިހާރުވެސް ޒާހިޔާ ގާތަށް ދިއުމަށް އޭނާ ބޭނުންވިއެވެ. އޭނާގެ ކުރިމަގާއި ބާއްޖަވެރި ކައިވެންޏަކަށް އެދޭނަމަ އަދާކުރަން ޖެހޭ ކައްފާރާއެއްގެ ގޮތުންނެވެ. އެކަމަކު އެއީވެސް ފަސޭހައިން ކުރެވޭނެކަމެއް ނޫނެވެ. އެހެންވެ ލިއުނީ ނޯޓެކެވެ.

“ޒާހިޔާއެވެ. މައާފް ކުރާނޭކަމަށް ހީކުރަމެވެ. އަހަރެން ޒާހިޔާ އަށް އޮޅުވާލީ އެކަމުގައި ކާމިޔާބު ލިބުން އޮތް ހަމައެކަނި ގޮތަކީ އެއީކަމަށް އަހަރެންގެ ކުށްވެރި ހިތް ވިސްނައިދިނުމުންނެވެ. ހިތުގެ މި އަމިއްލަ އެދުން ބޮޑު ޖަރީމާއާއި ޒަމީރުގެ ހަނގުރާމައިން އަހަރެން ބަލިވެ ތެދު މަގަށް ރުޖޫއަ ވެއްޖައީމެވެ. އެއްވެސް މީހަކަށް ދެރަގޮތެއްވުމަށް އެދުމަކީ ކުށެކެވެ. ފާފައެއްވެސް މެއެވެ. އެކަން އަހަރެން މި ތަޖްރިބާ ކުރީއެވެ. ވަރަށް ބާއްޖަވެރި ކުރިމަގަކަށް އެދެމުން ޝާދީ މުބާރަކް އެވެ.

އާކައިވެނީގެ ރޭ ވަނޫދުގެ ދެމަފިރިންނަށް ތައްޔާރުކޮށްފައި ހުރި ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު ހީވީ މަލުގެ ގުލްޝަނެއްގެ ތެރެއަށް ވަދެވުނު ހެންނެވެ. ފިނިފެން މަލުން ޖަރީކޮށްފައި ހުރި އެނދުގެ  މެދުގައި މަލުގެ ފިޔަތަކުން ދެމަފިރިންނަށް މަރުހަބާ ކިޔާފައި އޮތެވެ.

އާކައިވެނީގެ ބަރު ހެދުން ބަދަލުކުރުމަށް ފަހު ޒާހިޔާ ގޮސް އެނދުގައި އިށީދެއްޖެއެވެ. ނިދާބޮކީގެ ފަޑު އަލި ކަމުގެ ތެރެއިން ކޮޓަރީގެ ހަތަރު ފާރަށް ބަލައިލިއެވެ. އޭނާގެ އާދުނިޔެއެކެވެ. އާ ދިރިއުޅުމުގެ ހަގީގީ މަންޒިލާ ހަމައަށް އާދެވުނީއެވެ.

އެއާއެކު ރޮވޭގޮތް ވެއްޖެއެވެ. މައިން ބަފައިންނާ ވަކިވުމުގެ އިހްސާސްވީއެވެ.

ވަނޫދު ފާޚާނާއިން ނުކުތްއިރު ވެސް ޒާހިޔާ އިނީ އެ މޫޑުގައެވެ. ވަނޫދު ފެނުމާއެކު ބާރަށް ރޮވެން ފަށައިފިއެވެ.

“ވަނޫދު ! އަހަރެންގެ އަމިއްލަ އެކައްޗެއްވެސް ނެތް.” ރުއިމުގެ ތެރެއިން ކޮޓަރީގެ ހިމޭން އަޑު ކަނޑުވާލިއެވެ. “ވަރަށް އެކަނި ވެރި މީހެއް ކަން މިއަދު އެބަ އިހްސާސް ކުރެވޭ. މައިން ބަފައިން. އުޅެ ބޮޑުވި ގެދޮރު.. އާއިލާ. ހުރިހާ އެއްޗެއް ވެސް ގެއްލިއްޖެ. ހުސްއަތާ ގެއިން ނެރެލާފައިވާ މީހެއްގެ އަތުގާ އޮންނާނީވެސް ކޯއްޗެއް. އެކަމަކު އަހަރެން ގެ އިތުބާރާ ޔަގީން ކަން އަބަދުވެސް ވަނޫދުއަށް ދޭނަން. އަހަރެންގެ ދިރިއުޅުން ވަނޫދުއަށް ގުރުބާން ކޮށްފިން. މިއީ އަހަރެންގެ ވައުދެއް. އަހަރެން ދޫކޮށްނުލާތި! ”

ތިޔަވަރުން ފުދި އިތުރުވެއްޖެއޭ ބުނެ ވަނޫދު އޭނާގެ އަލަތު އަނބިމީހާގެނެސް މޭގައި ލައް ކޮށްލިއެވެ.” އެވަގުތު ޒާހިޔާ ވަނޫދުއަށްސިޓީ އުރައެއް ދިއްކޮށްލިއެވެ.

“ކޯއްޗެއް؟ “ވަނޫދު އެހިއެވެ.

“އަހަރެންގެ ހިތުގެ އަޑު. ކައިވެނީގެ މި އަގުބޮޑުރޭ އަހަރެންގެ ފަރާތުން ދެވޭ ހަދިޔާއެއް މިއީ. ”

ވަނޫދު އެ އުރަ ކަނޑާލިއިރު އޭގެ ތެރޭގައި އޮތީ ސީޑީއެކެވެ. ޕްލޭޔަރ އޮން ކޮށްލާފައި ޕްލޭ ކޮށްލިއެވެ. މަޑުމަޑު ހިތް ގައިމު މިއުޒިކަކާއެކު އިވުނީ ދިވެހި ތަންކޮޅެއް ކުރީގެ ލަވައެކެވެ. “ހިތޭ ދޭމީ ފުރޭ ލޯބިން، އަތުން ތިޔަ ނަންގަވާ ނުމެލައްވަވާށޭ.”

ވަނޫދު ހޭން ފެށިއެވެ. ހުރިހާ ހިތާމައެއް ފޮރުވާފައި ޒާހިޔާވެސް ވަނޫދުއާ ބައިވެރިވިއެވެ. ވަނޫދުގެ ކެތްތެރިކަން ކޮޅުން ލައިފިއެވެ. ޒާހިޔާ ގެނެސް ކައިރި ކޮށްލިއެވެ. އެދެމަދަށް ވައިރޯޅިއެއްވެސް ހުރަސް ނުކުރެވޭ ވަރަށް ދެހަށިގަނޑުއެކުވެގެން ދިޔައެވެ. (ނިމުނީ)

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top